ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މާދަމާ މިފްކޯއަށް މަސް ނުގަންނަން ނިންމާ މަސްވެރިންނަށް މަލާމާތް ކޮށްފިއެވެ.
މިފްކޯއިން ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައިވަނީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މާދަމާ މިފްކޯގެ ސެންޓަރުތަކަށާއި މަސްކިރާ ބޯޓުފަހަރަށް މަސް ނުގަންނާނެކަމަށެވެ.
މިފްކޯގެ މި ނިންމުމަށް މަސްވެރިން ގެންދަނީ ނުރުހުން ފާޅުކޮށް މިއީ މަސްވެރިންނަށް ކުރި މަލާމާތެއްކަމަށް ބުނަމުންނެވެ.
"މަސައްކަތްތެރިން ދުވަހަކީ މަސައްކަތްކުރުން ހަރާމް ދުވަހެއް ނޫން. މަސައްކަތް ކުރުން މަނާ ދުވަހެއް ނޫން. މިއީ މަސައްކަތްތެރިންގެ އަގު އަދާކުރަން އޮންނަ ދުވަހެއް. މަސްވެރިންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއް. މިހާރުވެސް މިތިބީ މަސްކޮޅު ކިިރަން ކިޔޫގައި. މިހެން ތިއްބަ މި ބުނަނީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މަސް ނުގަންނަމޭ. ޖެއްސުން ކުރިޔަސް މިދެން ތަންފުކެއް ބޮޑުވަރު." މަސްވެރިޔަކު ބުންޏެވެ.
އިރުވަރު ނޫހަށް މަޢުލޫމާތުދިން ގެމަނަފުށީ މަސްވެރިޔަކު ބުނީ މަސައްކަތްތެރިންގެ ދުވަހަށްވާތީ މަސް ނުގަންނަން ކުއްލިއަކަށް މިފްކޯއިން ނިންމި ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
"ރަނގަޅު ބަޔަކުނަމަ މާދަމާ މަސައްކަތްތެރިންގެ އަގު އަދާކުރަން ރަނގަޅުގޮތްތައް ހަދައިދޭނެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްގަތުން ކޮންޓްރޯލްކޮށްފައި އޮތް އޮތުން ދޫކޮށްލަން ކީއްތަވާނީ. ނުވާވަރުން ކަންތައް ނުކޮށް ހިމޭނުންތިބީމަ ނިމުނީނު." މަސްވެރިޔަކު ބުންޏެވެ.
ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މަސްދޯނިފަހަރުން ވަނީ މަސްކިރުމަށް ކިޔުހަދާލާފައެވެ. މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން މިފްކޯއިން މިހާރު މަސް ގަންނަމުންދަނީ ކޮންޓްރޯލްކޮށްގެން ކޮންމެ ދޯންޏަކުން ގިނަވެގެން 4 ޓަނުގެ މަހެވެ.