ކޮވިޑް-19ގައި ރާއްޖެއިން މިއަދު 6 ވަނަ މީހާ ނިޔާވެއްޖެއެވެ.
ދާދި ދެންމެޔަކު ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލަށް ހާލު ސީރިއަސްވެގެން ގެންދިޔަ އަންހެނެކެވެ. މިއީ ރާއްޖެއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ބަލީގައި ނިޔާވި 6 ވަނަ މީހާ އެވެ. މިރޭ ދަންވަރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ވެސް ވަނީ ނިޔާވެފައެވެ.
މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 80 އަށް އަރާފައެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނިޔާވި ފުރަތަމަ މީހާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ރޭ މެންދަމު 3:38 ހާއިރު ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ކޮލަމާފުށި އަންހެނެކެވެ. އޭގެ ފަހުން މިއަދު މެންދުރު ނައިފަރު ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. އެއީ 83 އަހަރުގެ ފިރިހެނެކެވެ.
އޭގެ ފަހުން މިއަދު ހަވީރު ހާއިރު އއ، ރަސްދޫގައި އެކަހެރިކޮށްފައި ހުރި އުމުރުން 61 އަހަރުގެ އިންޑިއާ މީހަކު ވަނީ ނިޔާވެފައެވެ. މިއަދަކީ ރާއްޖޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަބަޔަކު ކޮވިޑް ބަލީގައި ނިޔާވި ދުވަހަށެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ރިކޯޑް މިންވަރަކަށް އިތުރުވެފައެވެ. މިހާރު އެވްރެޖްކޮށް ދުވާލަކު ު700 އަށްވުރެ ގިނަ މީހުން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެއެވެެ. މިއާއެކު ހޮސްޕިޓަލްތަކުގެ އައިސީޔޫތައްވެސް ފުރިފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.