ތ. ކަނޑޫދޫ ކަައުންސިލްގެ އިންތިޚާބު ބާޠިލުކޮށްދެއްވުން އެދި ހައިކޯޓަށް ހުށައެޅި އެކޯޓުން ބަލައިގެންފައިވާ މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް ދެކެނޑިޑޭޓަކު ހުށައެޅި މިމައްސަލައިގައި ތަދައްޚުލުވުމުގެ ފުރުޞަތުދެވިގެން މައްސަލައިގެ ލިޔެކިޔުންތައް އިންތިޚާބުގައި ވާދަކުރި އެމްޑީޕީ ކެނޑިޑޭޓުންނާ ހިއްސާކުރުމާއެކު ހެކިންގެ ބަޔާންތައް ފޭސްބުކުގައި ޢާންމުކޮށް، ހެކިންނަށް ނަފްސާނީ ގޮތުން ނުފޫޒުފޯރުވުމުގެ ކަންކަން ކުރަމުން ގެންދާއިރު އެހެކިންނާ ސީދާގޮތެއްގައި ކުރިމަތިލައި ނުސީދާ އިންޒާރުތައް ދީފައި ވާކަމަށްވެސް އެހެކިންގެ ފަރާތުން މިނޫހަށް މައުލޫމާތު ދީފައިވެއެވެ.
"މި މުސީބާތަކުން ނެތް ސަލާމަތެއް"
ޝަރުޢީ ކޯޓަށް މައްސަލަ ހުށައެޅުމަކީ މުޞީބާތެއްކަމަށް ޞިފަކޮށް ހުށައެޅިފައިވާ މައްސަލައިގެ ހެކިންގެ ބަޔާންތަކާއެކު ކަނޑޫދޫ ކައުންސިލްގެ ރައީސް ޢަލީ ނާޞިޙު މިއަދުގެ ވަގުތެއްގައި ކައުންސިލްގެ ނައިބުރައީސް ނަވާޒް ޓެގްކޮށް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ލިޔެފައިވެއެވެ.
ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގެ ރަސްމީ ލިޔެކިޔުންތައް، ޚާއްޞަކޮށް ހެކިންގެ ބަޔާންތައް ޢާންމުކޮށް އެކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ހެދުމަކީ ހެކިބަސްދޭން ތިބި ހެކިންނަށް ނުފޫޒް ފޯރުވައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްތައް ކުރިމަތިކުރުމުގެ ޢަމަލެއްކަމަށް ބެލެވިދާނެ ޢަމަލެކެވެ. ޚާއްޞަކޮށް ދައުލަތު އިސްމަޤާމުތަކުގައި ތިބި ނުފޫޒްގަދަ ފަރާތްތަކަކުން އެފަދަ ކަމެއްކުރާނަމަ އެކަމުގައި ކުށުގެ އުންޞުރު ފުރިހަމަވުން ގާތްކަމަށްވެސް، ތަފާތު ވަކީލުން މިނޫހާ ވާހަކަދައްކަމުން ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 530 ވަނަ މާއްދާގައި ވާގޮތުން، މީހަކު ދިފާޢެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ މަޤްޞަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ މަޤްޞަދުގައި، އެނގިހުރެ، ހެކިންގެ ތެރެއިން މީހަކު ފުރިހަމަ ގޮތުގައި މިނިވަންކަމާއި، ތެދުވެރިކަމާއެކު، ހެކިބަސް ދިނުމަށް ހުރަސްއެޅުމަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. އަދި އެކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެެއްގެ ގޮތުގައި 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުޙުކުމެއް ކަނޑައެޅިފައިވެއެވެ.
ލޯކަލްކައުންސިލް އިންތިޚާބު 2020 ގައި ތ. ކަނޑޫދޫ ކައުންސިލް އިންތިޚާބުގެ މައްސަލަތައް ކޯޓުތަކަށް ތަކުރާރުކޮށް ހުށައެޅިފައިވެއެވެ. އިންތިޚާބުގެ ކުރިންވެސް، ރައީސްކަމަށް ވާދަކުރި ޕީޕީއެން ކެނޑިޑޭޓް ޙަސަން މޫސާގެ ޝަރުޠު މައްސަލައެއް 3 ފަހަރަށް ސްޕްރީމް ކޯޓަށް ހުށައެޅިގެން އެކޯޓުން އޭނާއަކީ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅުއްވައި އޭނާގެ ކެނޑިޑެންސީ ބާޠިލުކުރެއްވުމާއެކު އެމްޑީޕީ ކެނޑިޑޭޓް ވޯޓަކާ ނުލައި އިންތިޚާބުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.