Ad

ފަލަސްތީނުގެ ދިފާއުގައި ލިވަޕޫލްގެ ސަލާހާއި މާނޭ ނިކުމެއްޖެ

އިޒުރޭލުން ފަލަސްތީނުގައި މިހާރު ހިންގަމުންގެންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މަޝްހޫރު ދެ ފުޓުބޯޅަ ކުޅުންތެރިންކަމަށްވާ ލިވަޕޫލްގެ ސަލާހާއި މާނޭ ނިކުމެއްޖެއެވެ.

ސަލާހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތައް ހުއްޓާލުމަށް ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި މިކަން ކުރުމަށް އޭނާ މިދިޔަ 4 އަހަރު ދުވަހު ދިރިއުޅެމުން އަންނަ ވަޒަން ކަމުގައިވާ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަށް ގޮވާލާ ކަމަށެވެ. އަދި ކުށެއްނެތް މަޢުސޫމް މީހުން މެރުން ހުއްޓާލަން ޖެހޭ ކަމަށާއި މިހާރު ކަންތައް މާ މައްޗަށް ގޮސްފައިވާ ކަމަށްވެސް ސަލާހް ބުނެފައިވެއެވެ.

މިއާއެކު ސަލާހު ވަނީ މަސްޖިދުލް އަޤްޞާ މިސްކިތުކައިރީ ހުރެ އޭނާ ނަގާފައިވާ ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ބޭނުންކުރަން ފަށާފައެވެ.

ސަލާހުގެ އިތުރުން އޭނާއާއެކު ލިވަޕޫލަށް ކުޅެމުންއަންނަ ސާޑިއޯ މާނޭވެސް ވަނީ އިޒުރޭލުން މިހާރު ހިންގަމުންގެންދާ ޖަރީމާތައް ކުއްވެރިކޮށް އޭނާވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކީގައި ހުރިކަމަށް ބުނެފައެވެ. އަދި ފަލަސްތީނަށް އެންމެންވެސް ދުއާ ކޮށްދިނުމަށް މާނޭ ވަނީ އެދިފައެވެ.

މިސްރުގެ މުޙައްމަދު ސަލާހާއި ސެނަގޯލްގެ ސާޑިއޯ މާނޭއަކީ އިސްލާމީ އުުސޫލުތައް ދަނޑުމަތީގަޔާއި ދަނޑު ބޭރުގައިވެސް ހިފަހައްޓާ ނަމޫނާ މުސްލިމު ދެ ކުޅުންތެރިންނެވެ. މި ދެކުޅުންތެރިންވެސް ގޯލް ޖެހުމަށްފަހު ސަޖިދަ ކުރާކަން ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *