ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އޭނާގެ އަންހެނުންނަށް ވަރަށް ބޮޑަށް އަނިޔާ ކޮއްފައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ރުވަރު ނޫހަށް މަޢުލޫމާތު ދިން މީހަކު ބުނީ ރޭ ދަންވަރު އީސަ އުޅޭ ގޭތެރެއިން އަޑުގަދަވެގެން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އެސަރަހައްދުގައި ދިރިއުޅޭ އާންމު ފަރާތަކުންނެވެ. މަޢުލޫމާތު ދިން ފަރާތުން ބުނީ އީސަ އަނިޔާ ކުރުމުގެ ސަބަބުން ފުލުހުންގެ އެހީގައި އޭނާގެ އަންހެނުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާ ޓެސްޓުތައް ހަދާފައިވާކަމަށެވެ. މި ޓެސްޓުތަކުން އަނިޔާގެ އަސަރު ވަރަށް ބޮޑަށް ފެންނަން ހުރިކަމަށް މަޢުލޫމާތު ލިބެއެވެ. މެމްބަރު އީސަ ރުޅިގަދަވެގެން ހަޅޭލަވާ އަޑު އެސަރަހައްދުގެ ގެތަކަށްވެސް އިވިފައިވާކަމަށް މަޢުލޫމާތުދިން ފަރާތުން ބުންޏެވެ. މިހުރިހާ ކަމެއް އީސަ ކުރީ އެދެމަފިރިންގެ ދަރިފުޅުގެ ކުރިމަތީގައިކަމަށް މަޢުލޫމާތު ލިބެއެވެ.
"ބޮޑަށް ހީވަނީ އީސަ ހުރީ މަސްތުގެ ހާލުގަހެން. ހަމައިގަ ހުންނަ މީހަކަށް ދަރިފުޅުގެ ކުރިމަތީގައި އެކުއްޖާގެ މަންމައަށް އެހެން ހަދާކަށެއް ނުކެރޭނެ. އަވަށްޓެރިންނަށްވެސް އަޑުއިވޭނެ ރޭގަ އިއްޒަތްތެރި މެމްބަރު އުޅުއްވި ގޮތް." މަޢުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މި މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންނާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއްވިއެވެ.
އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބްރައީސް ފައިސަލް ނަސީމްގެ ކޮއްކޮފުޅު އަސްރާ ނަސީމްއާއެވެ.