ރައްޔިތުންގެ މަޖިލީގުގެ ކެނދިކޮޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާއެއްގެ މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ލަފަޔަކަށް އެދުމުން ޕީޖީން ވަނީ އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ކްުރިމިނަލް ކޯޓުގައި އެދިފައެވެ. އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީން އެދުނުކަން މިއަދު މެންދުރު ޕީޖީގެ މީޑިއާ އޮފިޝަލް ވަނީ ޔަޤީންކޮށްދީފައެވެ. އަމުރަށް އެދުނުތާ އެތައް ގަޑިއިރެއްވި އިރުވެސް އީސަ ހައްޔަރު ކުރި އަމުރު ނެރުނުކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. ޔަޤީންވާ ކަމަކީ އީސަ އަދިވެސް ހައްޔަރު ނުކުރާ ކަމެވެ. މާނައަކީ ޕީޖީން އެދުނު ގޮތަށް ކޯޓުން އަމުރު ނެރެ ނުދިނީއެވެ.
މިފަދަ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެސް އެބަހުއްޓެވެ. ނުވަތަ ވާނުވާ ޖަހާފައިވެސް އެބަހުއްޓެވެ. އީސަ ހައްޔަރުނުކޮށް ގިނައިރުވާ ކޮންމެ ވަގުތަކީ ހެކި ނައްތާލަން ލިބޭނެ ފުރުޞަތެއް ކަމަށް ވަކީލުން ބުނެއެވެ.
އީސަ ހައްޔަރުކުރުމަށް ގޮވާލާ އެތައް ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. މިތުހުމަތުތައް ކުރެވުމާއެކު އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމެޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެމްޑީޕީންވެސް ވަނީ އީސައަށް ފިޔަވަޅު އަޅާފައެއެވެ. މިގޮތުން އެޕާޓީގެ ޤައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމެޓީތަކުން އީސަ ވަނީ ސަސްޕެންޑުކޮށްފައެވެ.
އީސައަށް ތުހުމަތުކުރަނީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލައެކެވެ. އީސަ މި އަމަލު ހިންގީ އެދެމީހުންގެ ކުޑަ ދަރިފުޅުގެ ކުރިމަތީގައެވެ. އީސަގެ އަންހެނުން ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާންވެސް ދީފައެވެ.