މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުން ނެއްޓި ބަލި ޖެހިފައިވާ އެތަށް މަގުމަތީގައި އުޅެމުންދާކަން ހާމަވެއްޖެއެވެ. މާލޭގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ޕޮޒިޓިވެ ހަލުވިކަމާއެކު ކޮވިޑް ފެތުރެން ދިމާވުމުގައި އެޗްޕީއޭގެ އިހުމާލު ބޮޑުކަން ފާހަގަކުރެވެއެވެ. އިރުވަރު ނޫހުން މިވަނީ މާލޭގައި ކޮވިޑް ފެތުރެން ދިމާވި މައިގަނޑު ސަބަބު ހޯދުމަށް ދިރާސާއެއް ކޮށްފައެވެ. މި ދިރާސާ ކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ކޮވިޑް ބަލި ތަހަންމަލް ކުރަމުންދާ ފަރާތްތަކާއި އާންމު ރައްޔިތުންނާ ވާހަކަ ދެއްކުމަށްފަހު އެފަރާތްތަކުން ދިން މަޢުލޫމާތުތަކަށް ބިނާކޮށެވެ.
ކޮވިޑް މިހާބޮޑަށް ފެތުރުމުގައި އެޗްޕީއޭގެ އިހުމާލު ބޮޑު
މާލޭގައި ކޮވިޑް ހާލަތު ގޯހުން ގޯހަށް ދިޔައީ އެޗްޕީއޭގެ ސީދާ އިހުމާލުން ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ. މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށް ކެފޭތައް ބަންދުކުރިޔަސް ބަލިކޮންޓްރޯލް ކުރަން ހަރުދަނާ ފިޔަވަޅުތައް އަޅާފަނެތްކަން ސިއްޚީ ތަޖުރިބާކާރުން ފާހަގަކުރެއެވެ.
"މިސާލަކަށް މިހާރު ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެން އެބަނަގާ ތިން ހަތަރު ދުވަސް. ނަތީޖާ ލިބެންދެން މި ހޭދަވާ މުއްދަތުގައި އެމީހަކު އުޅޭނެތަނަކު އުޅެންވީ. އެކަމަށް އެއްވެސް ހުރަހެއްނެތް. އެމީހުން ވަޒީފާއަށްވެސް ދާންވީ. ޕޮޒިޓިވްކަން ނާންގަންޏާ އޮފީހުން ގިނަ ފަހަރު ގަބޫލުވެސް ނުކުރޭ. މިއީ އަސްލު މައްސަލަޔަކީ. ނަތީޖާ ލިބުން ލަސްވުން. މީގަ އެމީހާގެ ފަރުދީ ޒިންމާވެސް އެބައޮތް. އަލާމާތްތައް ހުރެގެން ޓެސްޓު ކުރާ މީހުން ސާމްޕަލް ނަގާ ދުވަހުން ފެށިގެން ކަރަންޓީނު ކުރެވޭނެ އުސޫލެއް ޤާއިމްކުރަންވީ. އެހެންނޫނީ މި ހާލަތުގައި ކޮންޓްރޯލް ކުރަން ވަރަށް އުނދަގޫވާނެ." ޑޮކްޓަރަކު ބުންޏެވެ.
އަނެއްކަމަކީ ބަލިމީހުންނާ ކޮންޓެކްވާ މީހުން ޓެސްޓުކުރަން ގެންގުޅޭ އުސޫލެވެ.
"ގިނަފަހަރަށް ފްލޫ ކުލިނުކު ތަކަށް ސާމްޕަލް ނަގަން މި އަންނަނީ ބަލީގެ އަލާމާތްތައް ހުރި މީހުން. ކޮންމެސް މީހަކާ ކޮންޓެކްޓް ވެފައިވާ މީހުން. އެމީހުން ފުލޫ ކުލިނިކަށް މި އަންނަނީ މާލޭ މަގުމަތިން. އެހެން އަންނައިރު ކިތައް މީހުންނާ ދިމާވާނެތޯ. އަނެއްކާ ފްލޫ ކުލިނިކަށް ދައްކަށް އައިސް މިތިބެނީ އެންމެން އެއްކޮށް. އެތަނުންވެސް ބަލިޖެހުމުގެ ފުރުޞަތު އޮންނާނެ. މިއީ އެޗްޕީއޭއިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް. ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ނުވަތަ ބަލީގެ އަލާމާތްތައް ހުރި މީހުން އެމީހުން އެތިބި ތަނެއްގައި ބައިތިއްބައިގެން ސާމްޕަލް ނެގޭނެ ގޮތް ހެދުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް." ފުލޫ ކުލިނިކެއްގައި މަސައްކަތް ކުރާ ނަރުހަކު ބުންޏެވެ.
ޕޮޒިޓިވް ވާ މީހުން ނުވަތަ ކޮންޓެކްޓުވާ މީހުން 14 ދުވަހަށް ކަމަށް ބުނެ ކަރަންޓީން ކުރާ ފަރާތްތައް 14 ދުވަސް ހަމަވުމުން ކަރަންޓީނުން ދޫކުރިކަން އެޗްޕީއޭއިން ނާންގާތީ ދިމާވާ މައްސަލަތަކެވެ. މިކަމުގެ ސަބަބުން ބަލި ޖެހުނަސް ނާންގާ މީހުން ވަރަށް ގިނައިން ތިބިކަން ފާހަގަކުރެވެއެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ މަޢުލޫމާތުދޭންވެސް ދެކޮޅު ހަދާ މީހުން ގިނައެވެ. ސަބަބަކީ ބަލިން ފަސޭހަވިޔަސް ގިނަ ދުވަހަށް ކަރަންޓީނުގައި ތިބެން ޖެހުމެވެ. ކަރަންޓީނު ކުރާ މީހާ ކަރަންޓީން ނިމޭނީ އޭނާ ކަރަންޓީނުން ދޫކޮއްލި ކަމުގެ ލިޔުން އެޗްޕީއޭއިން ދިނުމުންނެވެ.
"ބައެއް މީހުން ކަރަންޓީނު މުއްދަތު ހަމަވެގެން އެތައް ދުވަހެއް ވެއްޖެ. ބައެއް މީހުން މަސް ދުވަސްވެއް ވެއްޖެ. މިއީ އެޗްޕީއޭގެ ވަރަށް ބޮޑު އިހުމާލެއް. މިކަމުގެ ސަބަބުން ބަލި ވިޔަސް ނާންގާ އެބަތިވޭ. އެމީހުން މުޅި މާލެތެރޭގައި އެ ދުވަނީ. މިއީ އަސްލު މި ބަލި ފެތުރޭ ގޮތަކީ." ފުލޫ ކުލިނިކު ކައިރިއަށް ސާމްޕަލް ނަގަން ގޮސް ހުރި މީހަކު ބުންޏެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، ބަލިވުމުން އެކަން އެޗްޕީއޭއަށް ނާންގާ އެތަށް ބަޔަކުވެސް މާލޭގައި އުޅެމުންދާކަމަށެވެ.
"މާލޭގައި ގިނަ މީހުން ވަރަށް ދަތިކޮށް އުޅެނީ. އެއްތަނެއްގަ، އެއް ކޮޓަރިއްގައި އެތައް ބަޔަކު އެބައުޅޭ. މިފަދަ ތަންތާންގަ އުޅޭ ބައެއް މީހުން ބަލިވިޔަސް މިހާރަކަށް އައިސް އެޗްޕީއޭއަށް ނާންގާކަން ފާހަގަކުރެވޭ. ޓެސްޓުވެސް ނުކުރޭ. އެއީ ޓެސްޓުކޮށްގެން ޕޮޒިޓިވް ވިއްޔާ އެ އެޕާޓްމަންޓް މޮނިޓަރިންއަށްލައި އެންމެން ކަރަންޓީންކޮށްފާނެތީ ކަމަށް ބޮޑަށް ބެލެވެނީ. އެކަމަކު މިއީ ވަރަށް ދެރަ މައްސަލައެއް. ހަޤީޤަތުގައި މިހާރު ވަރަށް ގިނަވާނެ ޕޮޒިޓިވްވެފައި ތިބި މީހުން." އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވިއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ދައުލަތުގެ ބަޖެޓުން އެތައް ބިލިޔަން ރުފިޔާއެއް ހަރަދު ކުރާ ކަމަށް ބުނާއިރު މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހެއެވެ. މިއާއެކު ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ. ކާފިއު ހިންގާ ލޮކްޑައުން ކުރުމަކީ ހައްލެއް ނޫނެވެ.
One Response
ކީއްކުރަން އަސްލު ޓެސްޓު ކުރަނީ؟ ޕޮސިޓިވްވާ ހިސާބުން ބަލިމީހާ ހަލާކުވާ އިރުވެސް ޑޮކްޓަރަކަށް ދެއްކެނީކީއެެއް ނޫން. އެޗް ޕީ އޭ އިން ހަބަރެއް ވަނީކީއެއްނޫން. ބަނޑު ބޮޑު މީހެއްގެވެސް ހަދަންޖެހޭ ރޫޓިންއެއްވެސް ޓެސްޓެއް ހަދައިދެނީކީއެއް ނޫން. ރަނގަޅު ފަރުވާއެއް ލިބެނީ ބޮޑުންގެ އާއިލާތަކަށް އެކަނި.