ފިރިމީހާގެ ފަރާތުން އަނިޔާ ލިބުނު އަސްރާ ނަސީމު އެދިވަޑައިގެންފިނަމަ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ލޯރަރު އާސިފް އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަސްރާ ނަސީމަށްވެސް އިންސާފު ލިބެންޖެހޭނެކަމަށާއި މިއީ އަސްރާއަށް ލޫސްވާންޖެހޭ ކޭސްއެއް ނޫންކަމަށެވެ. އާސިފު އިތުރަށް ވިދާޅުވެފައިވަނީ ވިކްޓިމް ސަޕޯޓުގައި ކޭސް ބިލްޑުކޮށް ކާމިޔާބުކުރުމަށް ދިފާއީ ވަކީލުން މާ ކުޅަދާނަވާނެ ކަމަށެވެ.
އަސްރާގެ ފިރިކަލުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކޮޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އަސްރާއަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން މިހާރު ގެންދަނީ ތަހުޤީޤު ކުރަމުންނެވެ. އީސަ އަސްރާއަށް އަނިޔާކުރީ ކުޑަ ދަރިފުޅުގެ ކުރިމަތީގައިކަމަށް އަޑުފެތުރިފައިވެއެވެ. އީސަގެ ފަރާތުން ލިބުނު އަނިޔާތަކަށް ފުލުހުންގެ އެހީގައި އަސްރާ ވަނީ ހޮސްޕިޓަލުން ފަރުވާވެސް ހޯދާފައެވެ. މިމައްސަލައާއި ގުޅިގެން ޕީޖީއިން އީސަ ހައްޔަރުކުރުމުގެ އަމުރަކަށްވެސް ކުރިމިނަލް ކޯޓުގައި އެދުނެވެ. ނަމަވެސް މިއަމުރު ކޯޓުން ނެރެފައެއް ނުވެއެވެ.
އަސްރާއަށް ކުރިމަތިވި ގެވެށި އަނިޔާގެ މައްސަލައިގެ އަޑުގަދަވެފައިވަނިކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ތަހުޤީޤު ކުރުމަށް މީހުން ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަކަމެއް ނޫންކަމަށެވެ.