އަލަށް އިންތިޚާބުވެ މަޤާމާ ޙަވާލުވި މާލޭ ސިޓީ ކައުންސިލްގެ ސްޕީޑް ފެންނަނީ ރަނގަޅަށްކަމާއި، ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްފިނަމަ ނަތީޖާ ނެރެވޭނެކަމަށް ޒުވާނުންގެ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މަޙްލޫފް މިފައިދައިން ވިދާޅުވެފައި މި ވަނީ މާލޭ ސިޓީގެ މޭޔަރ ޑރ. މުޢިއްޒު އާއެކު ބޭއްވި ބައްދަލުވުމަކަށް ފަހުގައި މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.
މޭޔަރު މުޢިއްޒު އާއެކު ބޭއްވުނު ބައްދަލުވުމަކީ ރަނގަޅު (ކާމިޔާބު) ބައްދަލުވުމެއްކަމަށް ވިދާޅުވެ ފައްޓަވާފައިވާ މި ޓްވީޓުގައި އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަންވެސް ހާމަކުރަށްވަމުން، ރާޅާ އެޅުންތެރިންނަށް ރާޅުގަނޑު ސަރަހައްދު ތަރައްގީ ކުރުމާއި އާޓިސްޓުންނަށް ބިމެއް ކަނޑައަޅައިދީފި ނަމަ ތަރައްގީ ކުރަން މިނިސްޓްރީގެ ސަޕޯޓް ދިނުމަށް މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވެފައި ވެއެވެ. އަދި ދަރުމަވަންތަ ސްކޫލް އަޅަން ނެގި ދަނޑުގެ ބަދަލުގައި އެ ދަނޑު ނިޞްބަތްވާ ދެ ކްލަބަށްވެސް ކުޅެވޭނެ ވަގުތު ހަމަޖައްސާ ގޮތަށް ދަނޑެއް ގާއިމްކުރުމުގެ އިތުރުން، އެހެނިހެން ކަންކަމާމެދު ވެސް މި ބައްދަލުވުމުގައި މޭޔަރާއެކު މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރ މަޙްލޫފްގެ ޓްވީޓުގައި ހަމަކޮށްފައި ވޭމެއެވެ.
ދަރުމަވަންތަ ސްކޫލް އަޅަން ނެގި ދަނޑުގެ ބަދަލުގަ އެދެކްލަބަށްވެސް ކުޅެވޭނެ ވަގުތު ހަމަޖައްސާގޮތަށް ދަނޑެއް ގާއިމްކުރުމަަށް އަދި އިތުރު ކަންކަމާމެދު ވަނީ މަޝްވަރާ ކުރެވިފަ. ކައުންސިލްގެ ސްޕީޑް ފެންނަނީ ރަނގަޅަށް،ސަރުކާރާ ގުޅިގެން މަސައްކަތްކޮށްފިނަމަ ނަތީޖާ ނެރެވޭނެ.
— Ahmed Mahloof (@AhmedMahloof) May 27, 2021
މީގެކުރިން ހައުސިން މިނިސްޓަރކަން ދިގު މުއްދަތަކަށް ކުރެއްވުމުގެ އިތުރުން އެމަނިކުފާނުގެ ވަޒީރުކަމުގައި ފުރަ މާލެ ސަރަޙައްދުގައި ބިޔަ ޕްރޮޖެކްޓައް ހިންގެވުމުގައި އިސްކޮށް ހުންނެވި ޑރ. މުޢިއްޒު މާލޭ ސިޓީގެ މޭޔަރުކަމާ ޙަވާލުވެވަޑައިގެންނެވުމަށް ފަހު ހިނގައިދިޔަ މިކުރު މުއްދަތުގައި ވެސް ނަމޫނާ ދައްކަވަމުން ގެންދަވާކަމަށް ޢާންމު ރައްޔިތުންގެ އިތުރުން ސިޔާސީ ގިނަ ފަރާތްތަކުން ވެސް ފާހަގަކުރަމުން ގެންދެއެވެ.
ޚާއްޞަކޮށް، މުޢިއްޒަކީ އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅަކަށް ވީނަމަވެސް ސަރުކާރުގެ ވުޒާރާތަކާ ގާތުން ގުޅިގެން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމީ ގިނަ ބަޔަކު އެކަމަށް ތަޢުރީފްކޮށް ވާހަކަދައްކާ ކަމެކެވެ.
މިނިސްޓްރީތަކުގެ އިތުރުން ސަރުކާރުގެ ތަފާތު އިދާރާތަކާއެކު މުޢިއްޒު ބައްދަލުވުންތައް ބާއްވަމުން ގެންދަވާއިރު، ދައުލަތު އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާ ވެސް މޭޔަރ މުޢިއްޒު މިއަދު ބައްދަލުކުރަށްވައި މަޝްވަރާކުރަށްވާފައި ވާކަން ފާހަގަކޮށްލެވެ އެވެ.