Ad

ޖިނާޢީ އިޖުރާއާތަކީ ކޮބާ؟

ޖިނާޢީ އިޖުރާއާތުގެ ޤާނޫނަކީ، ޖިނާޢީ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށެއްގެ ތުހުމަތުގައި، ކުށުގެ ތުހުމަތުކުރެވޭ މީހާ، ހުއްޓުވުމާއި، ބަލާ ފަސްކުރުމާއި، ޙައްޔަރުކުރުމާއި، ބަންދުގައި ބެހެއްޓުމާއި، ތަޙްޤީޤު ހިންގުމާއި، ދަޢުވާ އުފުލުމާއި އަދި އޭގެ އިތުރުން ޝަރީޢަތް ކުރިއަށް ގެންދާނޭ ގޮތުގެ އިޖުރާއާތުތަކެވެ. ޖިނާޢީ އިޖުރާއާތުތަކުގެ އެންމެ މުހިންމު ބޭނުމަކީ، ޖިނާޢީ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތުތަށް ބަޔާންކުރުމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ދުސްތޫރީ އަދި އަސާސީ ޙައްޤުތަށް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމެވެ.

ޖިނާޢީ އިޖުރާއާތުތަކަކީ ތަފްޞީލީ އިޖުރާއާތުތަކެކެވެ. ޖިނާޢީ އިޖުރާއާތުތަކުގެ ތެރޭގައި ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ހުއްޓުވޭހިނދު ނުވަތަ ހައްޔަރުކުރެވޭ ހިނދު، ޙައްޔަރުކުރެވޭ ސަބަބު އެންގުމާއި، ދޭންޖެހޭ ޤާނޫނީ އިންޒާރުތަކުގެ ތަފްޞީލު ބަޔާންކުރެއެވެ. ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ މީހަކުނަމަ، ޤާނޫނީ ގޮތުން ލިބިދެވެންޖެހޭ ޙައްޤުތަކެއް ދުނިޔޭގެ ޤާނޫނީ ނިޒާމުތަކުގައި ބަޔާންކުރެއެވެ. މިއީ، ކައުނީ ޙައްޤުތަކެކެވެ. އެގޮތުން، ކުށުގެ ތުހުމަތުކުރެވޭކަމާއި، ހަނުހުރުމުގެ ޙައްޤާއި، ހަނުހުރުމަކީ ކޮބާކަން ބަޔާންކުރުމާއި، ޤާނޫނީ ވަކީލާއި މަޝްވަރާކުރުމުގެ ޙައްޤު ފަހިކޮށްދޭންޖެހެއެވެ. މީގެ އިތުރުން، ކުށުގެ ތުހުމަތުގައި މީހަކާއި ސުވާލުކުރެވޭނެ ދާއިރާއާއި އެންމެ ގިނަވެގެން ސުވާލުކުރެވޭނެ މުއްދަތުވެސް ބަޔާންކުރެއެވެ.

ޖިނާޢީ ދަޢުވާކުރުމަކީ، ތަޙްޤީޤު މަރުޙަލާގެ ފަހުގެ މަރުޙަލާއެކެވެ. ޖިނާޢީ ދަޢުވާކުރާނީ ތަޙްޤީޤުގެ މައްޗަށް ހޯދޭ ހޯދުމެއްގެ މައްޗަށެވެ. ދަޢުވާކުރުމާއި ގުޅޭގޮތުން، ޖިނާޢީ އިޖުރާއާތުގެ އެންމެ މުހިންމު ޚާއްޞިއްޔަތުކަމަކީ، ޖިނާޢީ ދަޢުވާކުރުމުގެ މުއްދަތު ކަނޑައެޅިފައިވުމެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި މީގެ ކުރީގައި ޢަމަލުކުރެވުނު ގޮތަކީ، ޖިނާޢީ ދަޢުވާކުރުމުގައި ވަކި މުއްދަތުތަކެއް ނުހިނގާގޮތަށް ދަޢުވާކުރުމެވެ. އެހެން ނަމަވެސް، ޤާނޫނު ނަންބަރ 2016/12 (ޖިނާޢީ އިޖުރާއާތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއެކު، އެހާތަނަށް ތަޙްޤީޤީ އިދާރާތަކުން ތަޙްޤީޤުކުރަމުން އައިސްފައިވާ މައްސަލަތަކުގައި ދަޢުވާކުރުމުގެ މުއްދަތުތަކެއް އެޤާނޫނުގެ ދަށުން ކަނޑައެޅިގެންދިޔައެވެ. ދިވެހިރާއްޖޭގައި ޖިނާޢީ މައްސަލަތަކުގައި ޢަމަލުކުރާނޭ އެންމެ ފުރިހަމަ އިޖުރާއާތެއް ބަޔާންކުރަނީ ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގައެވެ.

ޖިނާޢީ އިޖުރާއާތުގެ ޤާނޫނަށް ބަލާއިރުގައި، އެޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއާތަކާއި ޚިލާފަށް ތަޙްޤީޤީ އިދާރާއަކުން ޢަމަލުކޮށްފައިވާނަމަ، މުޅި މައްސަލައިގެ ނިންމުމަށް އަސަރުކުރެއެވެ. މިސާލަކަށް، ޤާނޫނާއި ޚިލާފު އިޖުރާއާތުތަކެއްގެ ތެރޭން ނަގާފައިވާ ބަޔާންތަކާއި، ހެކިތަކަކީ ޝަރީޢަތުން ބަލައިނުގަނެވޭނެ ބައެއްކަމުގައި ކަނޑައެޅިދާނެއެވެ. މައްސަލައެއްގެ އެންމެ މުހިންމު ބަޔަކީ، ސާފު ހެކި ޤަރީނާއެވެ. ކިތަންމެ ބޮޑު މައްސަލައެއް ނުވަތަ ޖަރީމާއެއް ހިމެނޭ މައްސަލައެއްނަމަވެސް، ޢަމަލުކުރަންޖެހޭ އެއްވެސް އިޖުރާއާތަކާއި ތަޙްޤީޤީ އިދާރާއިން ޚިލާފުވެފައިވާނަމަ، އެޚިލާފުވި އިޖުރާއާތާއިމެދު ޗެލެންޖުކުރުމުގެ ޙައްޤު ދަޢުވާލިބޭ ފަރާތަށް ލިބިގެންވެއެވެ. މީގެ ނަތީޖާއަކީ ޖިނާޢީ ދަޢުވާ ބާޠިލުވުން ނުވަތަ ހެކި ޤަރީނާ ބަލައިނުގަތުން ނުވަތަ ބާޠިލުކަމުގައި ކަނޑައެޅުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *