Ad

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި އިސްލާމީ ޤައުމުތަކުގެ ލީޑަރުން އެއްބައިވާންޖެހޭ!

ފަލަސްޠީނުގެ ބިމަކީ މުސްލިމުންނަށް ޚާއްޞަ ބިމެކެވެ. އެބިމަކީ އެތަށް ރަސޫލު ބޭކަލުންނާއި ނަބީބޭކަލުން ދިރިއުޅުއްވި ބިމެވެ. މުސްލިމުންގެ އެންމެ ފުރަތަމަ ޤިބްލަހުރީ ފަލަސްޠީނުގައެވެ. އެއީ، މަސްޖިދުލް އަޤްޞާއެވެ. މިސަބަބުތަކަށްޓަކައި ފަލަސްޠީނަކީ މުސްލިމުންނަށް އެތަށް ގުނައަކުން ޚާއްޞަ ތަނެކެވެ.

އިޒްރޭލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމާއެކު، އެތަކެއް ލޭ އޮހޮރުވުންތަކެއް ހިނގާދިޔައެވެ. އިޒްރޭލު ދެމި އޮންނަނީ އެމީހުންނަށް ވާގިވެރިވާ އެމެރިކާގެ މަދަދާއެކުގައެވެ. އެހެނީ، އިޒްރޭލު އޮންނަނީ ޢަރަބި އިސްލާމީ ޤައުމުތަކުގެ މެދުގައިކަމުގައިވާތީ، ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ޙަމަލާއެއްއަތުވެދާނެކަމުގެ ބިރު އިޒްރޭލަށް އަބަދުވެސް އޮވެއެވެ. އެމެރިކާއިން އިޒްރޭލަށް މަދުދާރީނުވާނަމަ، މިއަދާއި ހަމައަށްވެސް އިޒްރޭލް ދެމިއޮތުމަކީ ނާދިރުކަމެކެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސެއިން

ޢިރާޤުގެ ރައީސް ޞައްދާމު ޙުސައިންނަކީ ފަލަސްޠީނާއި ފަލަސްޠީނުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، މަސައްކަތްކުރެއްވި ބޭފުޅެކެވެ. ޞައްދާމު ޙުސައިންގެ ދުވަސްވަރު އެކި ގޮތްގޮތަށް އިޒްރޭލާއި ދެކޮޅަށް މަސައްކަތްކުރެއްވިއެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ 1991 ވަނަ އަހަރު ޢިރާޤުން އިޒްރޭލަށް ދޭން ފެށި ޙަމަލާތަކެވެ. މެދުކެޑުމެއްނެތި، އިޒްރޭލުގެ ތެލްއަވީވް، އަޝްކެލޮން، އަޝްޑޮޑް، ހައިފާ ފަދަ ސިޓީތަކަށް ޢިރާޤުގެ އޭރުގެ ރައީސް ޞައްދާމު ޙުސައިންގެ ސީދާ އޯޑަރަށް ޢިރާޤު ސިފައިން ސްކަޑް ބެލެސްޓިކް މިސައިލް ޙަމަލާތަށް ދެމުންދިޔައެވެ. ޢިރާޤުން އިޒްރޭލަށް ޙަމަލެއްދީފާނެކަމުގެ އެއްވެސް އިޝާރާތެއް އެއްވެސް އިންޒާރެއްވެސް އިޒްރޭލުގެ އިންޓެލިޖެންސަށްވެސް ޢަސްކަރިއްޔާއަކަށްވެސް ލިބިފައިނުވެއެވެ. ޙަމަލާއައީ ކިހިނެއް ކޮންދިމާލަކުންކަމެއް އިޒްރޭލަށް ތަޞައްވުރެއްވެސް ނުކުރެވުނެވެ. ނުވިތާކަށް، ބަދަލުގައި ޙަމަލަދިނުމުގައިވެސް އިޒްރޭލުން ފަސްޖެހުނެވެ. ސަބަބަކީ، އޭރު ޞައްދާމު ޙުސައިން ހުރެގެން ޢިރާޤުންކުރަމުންދިޔަ ހަނގުރާމަތަކާއި، ޢަސްކަރީގޮތުން ޢިރާޤު ހޯދާފައިވާ ކުރިއެރުންތަކާހުރެ، ޢިރާޤަށް ޙަމަލާދިނުމުގައި މުޅި އިޒްރޭލުން ފަސްޖެހުނީއެވެ. ބަދަލުގައި ޙަމަލާތަށް ފިނިކުރުމަށްޓަކައި، ޞައްދާމު ޙުސައިންއާ ވާހަކަ ދެއްކުމުގެ ބަދަލުގައި އެމެރިކާގެ އޭރުގެ ރައީސް ޖޯޖު ބުޝްގެ ލަފައަށް، ޢުރުދުންގެ ރަސްގެފާނަށް އިޒްރޭލުގެ ބޮޑުވަޒީރު ޔަޒިކް ރަބިން ގުޅައި ވާހަކަދެއްކިއެވެ. ޞައްދާމު ޙުސައިން ދަންޖައްސާ މަރާލުމުގެ ކުޑައިރުކޮޅެއްކުރީގައި ބުނަންއޮތީ ކީކޭތޯ ސުވާލުކުރުމުން ބުނެފައިވަނީ، ފަލަސްޠީނަކީ މުސްލިމުންގެ ބިމެކެވެ. އެއަށްފަހު ޝަހާދަތުގެ ދެކަލިމަ ވިދާޅުވިއެވެ.

މިއަދުގެ އީރާނަކީ، އޭރުގެ ޢިރާޤުގައި އޮތް ޢަސްކަރިއްޔާއަށްވުރެ ހުރިހާ ގޮތަކުން ބެލިޔަސް ޢަސްކަރީ ގޮތުން ފުރިހަމަ ޤާބިލު ޢަސްކަރިއްޔާއެކެވެ. ޢިރާނުގެ ޢަސްކަރީ ޤާބިލުކަމާހުރެ، މިހާރު އިޒްރޭލަށް މެދުއިރުމަތީގައި ދެމިއޮތުމަކީ ބޮޑު ބިރުވެރިކަމެކެވެ. ފަލަސްޠީނުގެ މައްސަލާގައި، އިރާނުން ސީދާ ޙަމަލާއެއް އިޒްރޭލަށްދީފިނަމަ، ދެން މަސްރަޙު ބަދަލުވެގެންދާނެގޮތެއް ތަޞައްވަރުކުރާކަށް ނޭގެއެވެ. ޔަޤީނުންވެސް އީރާނުން އެއްވެސް ހަނގުރާމައެއްކުރާކަށް ބޭނުމެއްނުވެއެވެ. އެހެން ނަމަވެސް، ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ޖަމާޢަތްތަކާއި، އިރާނުގެ ސަރުކާރުތަކާއި ގުޅުން ވަރަށް ބަދަހިއެވެ. ޚާއްޞަކޮށް، ޙަމާސް އާއި އިސްލާމިކް ޖިހާދަށް މާލީ ގޮތުންނާއި ޢަސްކަރީގޮތުން، އެތަކެއް އެހީތަކެއް ވެދެއެވެ.

ދާދި ފަހަކުން އިޒްރޭލާއި ޙަމާސްޖަމާޢަތާއި ދެމެދު ހިނގާދިޔަ ޙަމަލާ ބަދަލުކުރުންތަކަކީ ކުޑަ މިންވަރެކެވެ. ޙަމަލާތަށް ދިގު ދެމިގެންދިޔަނަމަ، އިޢާދަނުކުރެވޭނެވަރުގެ ބޮޑެތި އެތަކެއް ގެއްލުންތަކެއް އިޒްރޭލަށްވެގެންދާނެއެވެ. ޙަމާސް ޖަމާޢަތުގެ މިލިޓަރީ ކޮމާންޑަރުންގެ ވިސްނުމަކީ، ހަނގުރާމަވެރި ޖަމާޢަތްތަކާއެކު ޤުދުސްގައި، އިޒްރޭލު ސިފައިންނާއި ކުރިމަތިލުމެވެ. މީގެ ކުރީގައި ޙަމާސް ޖަމާޢަތުން އިޒްރޭލުގެ ސިފައިން ރަހީނުކޮށް، މަރާލާފައިވަނީވެސް މިފަދަ ގޮތަކަށެވެ. ޙަމާސްއާއި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ޙަމަލާ ވަރުގަދަވުމަކީ، ހުޅަނގުގެ ޤައުމުތަކުން ފަލަސްޠީނުގެ މިނިވަންކަމާމެދު ތަފާތު ގޮތަކަށް ވިސްނަން މަޖުބޫރިވިކަމެކެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއިކޮށްވަނީ، ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. މިއީ މީގެ ކުރީން ހިނގައިދިޔަ ކަމެއްނޫނެވެ. އަދި، ދާދި ފަހަކުން އަޔަލޭންޑުންވެސްވަނީ ޤާނޫނު ހަދާ މަޖިލީހުގައި ފަލަސްޠީނުގެ މިނިވަންކަމަށާއި، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ކުއްލި މައްސަލައެއްވެސް ވައްދާފައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ހުޅަނގުގައިވެސް މުޒާހަރާތަށްވެސް ކުރަންފެށިއްޖެއެވެ.

ބޭނުންވަނީ، އިސްލާމީ ޤައުމުތަށް އެއްބައިވެ، އިޒްރޭލާއި ދެކޮޅަށް ނުކުމެ، އިޒްރޭލުގެ އަނިޔާވެރިކަމުން، ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން މިނިވަންކުރުމަށެވެ. ޙައްޤަށް ނަޞްރު ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *