Ad

ކުރިމިނަލް ކޯޓުގައި ހުރި ޖިނާޢީ މައްސަލަތައް ނުނިމި ދިގުލަނީ ކީއްވެ؟

ކުރިމިނަލް ކޯޓަކީ ސްޕީރިއަރ ކޯޓުތަކުގެ ތެރެއިން ޖިނާޢީ މައްސަލަތަށް ބެލުމުގެ އިޚްތިޞާޞް ޤާނޫނުން ލިބިދޭ ކޯޓެކެވެ. އެތަށް ސަތޭކަ ދަޢުވާއެއް ކުރިމިނަލް ކޯޓަށް ކޮންމެ އަހަރަކު ހުށަހެޅެއެވެ. ކުރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެތަކެއް މައްސަލައެއް ނުނިމި ދިގުލައިގަނެގެންދެއެވެ. މީގެ ސަބަބުން، ދަޢުވާލިބޭ ފަރާތްތަކަށް އެތަކެއް ގެއްލުމެއްވެސް ކުރިމަތިވެއެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ބަލާއިރު، ދަޢުވާކުރުމަކީ އަވަސް މުއްދަތެއްގެ ތެރޭގައިކުރަންޖެހޭ ކަމެކެވެ. އެއީ، އަސާސީ ޙައްޤެކެވެ. އެހެން ނަމަވެސް، ދަޢުވާކުރުމަށްފަހު، މައްސަލަ ނުނިމި ދިގުލައިގެންދާފަހަރު ވަރަށް ގިނައެވެ. ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގައި، ހުށަހެޅޭ ޖިނާޢީ މައްސަލައެއް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވެއެވެ. ޖިނާޢީ އިޖުރާއާތުގެ ޤާނޫނާއި، ޤާނޫނަށް ގެނެވުނު އިޞްލާޙުތަކަށް ބެލިއިރު، ކޯޓަށް ދަޢުވާ ހުށަހެޅުމާއި، ޝަރީޢަތުގެ އަޑުއެހުންތަށް ފެށުމުގައި މުއްދަތުތަކެއް ޤާނޫނުގައި ބަޔާންކޮށްފައި އެބަހުއްޓެވެ.

އިރުވަރު ނޫހާއި ވާހަކަ ދެއްކި ދިފާޢީ ވަކީލަކު ބުނެފައިވަނީ، މައްސަލަ ނުނިމި ދިގުލަނީ ސަބަބުތަކެއް ހުރީމާކަމުގައި ޤަބޫލުކުރެވެއެވެ. އެގޮތުން،  ދައުލަތުގެ ހެކިން ގަޑިއަށް ޙާޟިރުނުވުމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޢަދަދަށް ބަލާއިރު، ފަނޑިޔާރުންގެ ޢަދަދު މަދުވުމާއި، މުވައްޒަފުންނާއި ތަނުގެ ދަތިކަންވެސް އެބަހުރިކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.

ކުރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޑްރަގް މައްސަލަތަކަކީ އެންމެ ގިނައިން ހުށަހެޅޭ ބާވަތުގެ މައްސަލަތެކެކެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ޑްރަގް ކޯޓުގެ ދައުރަކީ ޑްރަގް ރިހެބިލިޓޭޝަން ފަރުވާގެ މައްސަލަތަށް ކުރިޔަށް ގެންދިޔުމެވެ. އެހެންވީމާ، ޑްރަގް ކޯޓުގެ ދައުރު ކުޑަކަން ފާހަގަވެއެވެ. ކުރިމިނަލް ކޯޓަށް ހުށަހެޅޭ ހުރިހާ ޑްރަގް މައްސަލަތަކެއް ހަމައެކަނި ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާނޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސްފިނަމަ، ކުރިމިނަލް ކޯޓުގެ ކޭސް ލޯޑް ކުޑަވެގެންދާނެއެވެ. ޑްރަގް ކޯޓަކީ ވަކި ބާވަތެއްގެ މައްސަލަތަކެއްގައި ތަޚައްޞުޞުވެފައިވާ ކޯޓަކަށްވެފައި، އެކޯޓުގައި ފަނޑިޔާރުންވެސް އެބަތިއްބެވެ. އެހެންކަމުން، މައްސަލަތައް ނިމެން މާ ގިނަ ދުވަހެއް ނުނަގާނެއެވެ.

ކޮންމެއަކަސް، ޖިނާޢީ މައްސަލަތަކަކީ ނިމުން ދިގުލައިގެންދާންޖެހޭ ބާވަތުގެ މައްސަލަތަކެއް ނޫނެވެ. ދިވެހިރާއްޖޭގައި ޖިނާޢީ ޢަދުލުގެ ނިޒާމުގައި އެނިޒާމު ހިންގުމަށްޓަކައި ބޮޑެތި ބޮޑެތި ގޮންޖެހުންތަކާއި ދަތިތަށް އެބަހުއްޓެވެ. ކަމާ ގުޅުންހުރި، ޤާނޫނުތަކަށް އެތަކެއް ބަދަލުތަކެއް މިހާރުވެސް ގެންނަންޖެހެއެވެ. ބަޖެޓް ލިބުމާއި، މުވައްޒަފުންނާއި، ފަނޑިޔާރުންގެ ޢަދަދު ގިނަކުރަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *