Ad

އިސްލާމް ދީނަށް ފުރައްސާރަކުރުން ކުށަކަށް ހެދުމަށް އިސްލާޙް ހުށައަޅާނަން: މެމްބަރު ޝިޔާމް

މާތް ރަސްކަލާންގެއަށާއި އެއިލާހުގެ ރަސޫލާއަށާއި އަދި އިސްލާމް ދީނަށްވެސް މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ހަޖޫޖެހުމާއި، ކުޑައިމީސްކުރުމާއި އަދި ބަދުބަސްބުނުމަކީ ވެސް ޖިނާއީ ކުށެއްގެ ގޮތުގައި ޤާނޫނުން ކަނޑައެޅުމަށް ޢުޤޫބާތު ޤާނޫނަށް އިޞްލާޙު ހުށައަޅުއްވާނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ އެފަދަ އިޞްލާޙެއް މެމްބަރަކު ހުށައަޅުއްވައި ދެއްވުމަށް ޢާންމު ރައްޔިތަކު ކުރި ޓްވީޓަކަށް މީގެ އިރުކޮޅެއް ކުރިން އިޖާބަ ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ޖެހުމާއި، ޖަހައިފާނެކަމުގެ ބިރުދެއްކުމާއި އަދި އެހެނިހެން ބިރުދެއްކުން ކުށް ބަޔާންކޮށްފައިވާ، ޤާނޫނުލް ޢުޤޫބާތުގެ 120 ވަނަ ބާބުގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ހިމަނައި އެ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގެ ދަށުން އަލަށް ޤާނޫނުގައި ކުށް ކަމަށް ކަނޑައެޅުމަށް ހުށައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ޢާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތެއް ކުރުމަކީވެސް ޖިނާއީ ކުށެއްކަމަށް ބުނެފައި ވެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސްކަންވެސް ކުރަށްވާ، ރައްޔިތުންގެ މަޖްލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ހުށައެޅުއްވި މި ބިލާ ގުޅިގެން ދީނީ ޢިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ އިތުރުން އިސްރަށްވެހީންނާއި ޢާންމު ރައްޔިތުން ވެސް އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ޝުޢޫރުތައް ފާޅުކުރަމުން ގެންދެއެވެ.

"ޝައްކެއްނެތް! އިސްލާމްދީނުގެ އަސާސްތައް ނައްތާލުމަށް ފާޅުގައި މަސައްކަތްކުރަމުންދާ "އެމްޑީއެން" ގެ ލާދީނީ ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން މީސްތަކުން ހޭލުންތެރިކުރުވުމަށް ހުރި މަގުތައް މިގައުމުގައި ބަންދުކުރުމަށް ޤާނޫނުހެދުމަކި ބޮޑު ޖަރީމާއެކެވެ." 

ޢުޤޫބާތު ޤާނޫނަށް ގެނައުމަށް ސަރުކާރުން ހުށައަޅާފައިވާ އިޞްލާޙާ ގުޅިގެން، ރާއްޖޭގެ ގިނަ ޢިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާޙުކުރުމުގެ ޢަމަލީ މަސައްކަތް އެންމެ ފުރަތަމައިން ކުރެވިގެން ދިޔައިރު ޖަސްޓިސް މިނިސްޓަރުކަންވެސް އަދާކުރަށްވާފައިވާ ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ވެސް މި އިޞްލާޙް ޞިފަކުރަށްވާފައި ވަނީ ނުރައްކާތެރި އިޞްލާޙެއްގެ ގޮތުގައެވެ.

"އިސްލާމް ދީނަށް ފުރައްސާރަކުރުން އެންމެބޮޑުކުށަކަށް ހަދަންވީ. ތިޔަ އިސްލާޙުން ލާދީނީ ފިކުރު އާލާވާނެ . ޙައްގުތައް ފޮތިފޮތިކުރަން ފެންބޮވައިގެންފައިވާވަރު މިފެންނަނީ. ނަން ކިޔާގޮތުންވެސް ކުށަކަށް. މިއީ އެތައްގޮތަކުން ހަމަ ނުޖެހޭ/ ނުރައްކާތެރި އިސްލާޙެއް."

ޑރ. ޖަމީލް މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޓްވިޓަރ އިން ފެންނަ ކަންބޮޑުވުމުގެ އިތުރުން، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ އެންމެ އަސާސީ ޕްރިންސިޕަލްތަކަށް ބެލިނަމަވެސް، ޢުޤޫބާޠު ޤާނޫނަށް ގެނައުމަށް މިހިނދު ހުށައަޅާފައިވާ ބައެއް އިޞްލާޙުތަކަކީ ޤާނޫނުއަސާސީއާ ޚިލާފު، ބާޠިލު އިޞްލާޙުތަކެއްކަން ފާހަގަވެގެންދެއެވެ.

އެހެނީ، ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމާއި އަދި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ދިވެހިރާއްޖޭގައި ނުހެދޭނެކަމަށް ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ކަޅާއި ހުދުން ލިޔެ ކަނޑައަޅައި ބަޔާންކޮށްފައި ވާއިރު، ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި އެ ދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތަަކަކީ އިސްލާމްދީނުގެ އަޞްލުކަމަށް ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި މާނަކޮށްދީ ބަޔާންކޮފައިވުމުންނެވެ. އަދި "އަމުރު ބިލް މަޢުރޫފް" (ހެޔޮކަންކަމަށް ގޮވާލައި ނުބައިކަންކަން ނަހީކުރުން) އަކީ އިސްލާމް ދީން އެ އަސާސުގެ މައްޗަށް ބިނާވާ މައިގަނޑު އެއް އަސާސުކަން، އިސްލާމް ދީނުގެ އަޞްލުތައްކަމުގައިވާ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ޞައްޙަ ސުންނަތުގެ ގުނާ ޢަދަދު ނުކުރެވޭހައި ގިނަ ނައްޞުތަކުން ސާބިތުވާހިނދު މެއެވެ.

ރައްޔިތުންގެ މަޖްލީހުގެ ސްޕަރ މެޖޯރިޓީ ސަރުކާރަށް އޮތުމުން ސަރުކާރަށް ނިޞްބަތްވެވަޑައިގަންނަވާ އިސް މެމްބަރަކު ހުށައަޅުއްވާ އިޞްލާޙެއް މަޖްލީހުން ފާސްވެގެން ދިއުމަކީ އިންތިހާއަށް ފަސޭހަކަމަކަށް ވީނަމަވެސް، އިސްލާމް ދީނުގެ އަޞްލުތަކާ ޚިލާފަށް އެފަދަ ގޮތަކަށް ޤާނޫނެއް ފާސްކުރި ނަމަވެސް އެ ޤާނޫނެއް ވެގެންދާނީ "އެބް އިނީޝިއޯ" ބާޠިލު ޤާނޫނަކަށްކަން، ޤާނޫނުއަސާސީ ގެ 268 ވަނަ މާއްދާގެ ސާފު ޢިބާރާތަށް ބެލުމުން އެއްވެސް ސުވާލެއް ނެތް މިންވަރަށް ކަށަވަރުވެގެން ދެއެވެ.

ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި "ޕްރިންސިޕަލް އޮފް ސްޕްރިމެސީ އޮފް ކޮންސިޓިޓިއުޝަން" ނުވަތަ އެންމެ ގަދަ ބާރަކީ ޤާނޫނުއަސާސީގެ ބާރުކަން ބަޔާންކޮށްފައިވާ މަބްދައުގައި؛

"ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. މި ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި ވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *