Ad
ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދަރުސްއެއް ދެއްވަނީ
ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދަރުސްއެއް ދެއްވަނީ

ޢުޤޫބާތު ޤާނޫނަށް ގެންނަ އިޞްލާޙަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއް: ޝައިޚް ޢަލީ ޒާހިރު

ނަފްރަތު އުފެއްދުމުގެ ޢަމަލު ކުށަކަށް ހެދުމުގެ ނަމުގައި ޤާނޫނުލް ޢުޤޫބާތަށް ބަދަލުގެންނަށް މިހިނދު ކުރެވެމުންދާ މަސައްކަތަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއް ކަމުގައި މެނުވީ ނުވާނެކަމަށް، މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ސިފަކުރަށްވައިފި އެވެ.

ޤައުމީ ޔުނިވަރސިޓީގެ ޑީންކަންވެސް ކުރަށްވާފައިވާ، ސިޔާސީ މަސްރަޙްގައި ހިނގަމުންދާ ދީނަށް ނިޞްބަތްކުރެވޭ ކަންކަމާވެސް ވަރަށް ބޮޑުވަރުވެގެން މެނުވީ ޢާންމުކޮށް ބަސްފުޅެއް ވިދާޅުނުވާ މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއްކަމުގައި އެންމެންހެން ޤަބޫލުކުރާ ޝައިޚް ޢަލީ ޒާހިރު މިފަދައިން ވިދާޅުވެފައި މި ވަނީ ޤާނޫނުލް ޢުޤޫބާތުގެ 120 ވަނަ ބާބަށް މާއްދާއެއް އިތުރުކޮށްގެން އެ ޤާނޫނަށް ގެނައުމަށް ސަރުކާރުން މިހިނދު ހުށައަޅާފައިވާ އިޞްލާޙުތަކުން ބައެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

"އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހުންނަށް މިނިވަންކަން ފުޅާކުރުމަށާއި، އެފަދަ މީހަކީ ދީނާ ދެކޮޅު މީހެއްކަމަށް ބުނާ މީހާ "އުލު ބައިންދަން" ޤާނޫނަށް ބަދަލުގެނައުމަށް މަސައްކަތް ކުރުމަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއް ކަމުގައި ނޫނީ ނުދެކެމެވެ" 

ޢުޤޫބާތު ޤާނޫނަށް ގެނައުމަށް ސަރުކާރުން ހުށައަޅާފައިވާ އިޞްލާޙުގެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖްލީހުގެ އިއްޔެގެ ޖަލްސާގައި އިއްވާފައި ވަނިކޮށް ރޭގެ ވަގުތެއްގައި ޝައިޚް ޢަލީ ޒާހިރު ކުރެއްވި މިޓްވީޓްގައި ވިދާޅުފައި ވެއެވެ.

ޖެހުމާއި، ޖަހައިފާނެކަމުގެ ބިރުދެއްކުމާއި އަދި އެހެނިހެން ބިރުދެއްކުމުގެ ކުށް ބަޔާންކޮށްފައިވާ، ޤާނޫނުލް ޢުޤޫބާތުގެ 120 ވަނަ ބާބުގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި ހިމެނުމަށް ހުށައަޅާފައިވާ އިސްލާޙުތަކުން އެންމެ ފުރަތަމަ އިޞްލާޙުގެ ގޮތުގައި ހުށައަޅާފައިވާ، ޝައިޚް ޢަލީ ޒާހިރުގެ ޓްވީޓާއެކު ހިމަނުއްވާފައި ވެސް ވާ މި އިސްލާޙުގައި ބުނެފައި ވަނީ؛ ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތެއް ކުރުމަކީވެސް ޖިނާއީ ކުށެއްކަމަށެވެ.

ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުން ހުށައަޅާފައިވާ މި އިޞްލާޙާ ގުޅިގެން ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފަ އެވެ.

"ޝައްކެއްނެތް! އިސްލާމްދީނުގެ އަސާސްތައް ނައްތާލުމަށް ފާޅުގައި މަސައްކަތްކުރަމުންދާ "އެމްޑީއެން" ގެ ލާދީނީ ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން މީސްތަކުން ހޭލުންތެރިކުރުވުމަށް ހުރި މަގުތައް މިގައުމުގައި ބަންދުކުރުމަށް ޤާނޫނުހެދުމަކި ބޮޑު ޖަރީމާއެކެވެ." 

މާތް ﷲ އަށާއި އެއިލާހުގެ ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ކުޑައިމީސްކޮށް ހިންގޭ އެއްވެސް ޢަމަލެއް ނަފްރަތު އުފެއްދުމުގެ ކުށުގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްގެން އެފަދަ އެއްވެސް ކުށެއް ތަޖުރީމުކުރުމަށް ހުށައެޅުމަކާ ނުލައި ޢުޤޫބާތު ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙުތަކަށް އިޝާރާތްކުރަށްވައި ޝައިޚް ޢަބްދުﷲ ކުރެއްވި ޓްވީޓުގައިވެސް ވިދާޅުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *