ޖަލުތަކުގައި ޤައިދީންގެ ހާލަތު އެޗްއާރުސީއެމުން ނުބަލާކަމަށްބުނެ ލޯޔަރު ޝަޒީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މާލޭޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ގިނަ މީހުންގެ ދިފާޢީ ވަކީލެއްގެ ގޮތުން މަސައްކަތްކުރައްވާ ޝަޒީމު ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑަށް ޕޮޒިޓިވް އެއްވެސް ޤައިދީއެއްގެ ޙާލަތެއް ނޭނގޭކަމަށާއި، ބަންދުގައި ތިބި މީހުންގެ ޢާއިލާތަކުން ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިގެން، އެކޮމިޝަނުން އެއްވެސް ޖަވާބެއްވެސް ދީފައި ނުވާކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ އެއްވެސް ވަރަކަށް އަދާކުރާތަނެއް ނުފެންނަކަމަށް ޝަޒީމް ވަނީ ވިދާޅުވެފައެވެ.
ވަކީލު ކުރައްވާފައިވާ އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބަންދުގަތިބޭ މީހުންގެ ބޭސްފަރުވާކުރުމުގެ އެއްވެސް ކަމެއް ކުރިޔަށްނުދާކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނީ ޒިންމާތަކުގެ ތެރޭގައި އަސާސީ އިންސާނީ ޙައްޤުތަކުން ބަންދުގަތިބޭމީހުން މަޙްރޫމްކުރޭތޯ، ނުވަތަ އެޙައްޤުތަށް ލިބޭތޯ ބެލުން ހިމެނޭކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވް އެއްވެސް ޤައިދީއެއްގެ ޙާލަތެއް ނޭނގޭ. ޢާއިލާތަކުން ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިގެން، އެކޮމިޝަނުން އެއްވެސް ޖަވާބެއްވެސް ދީފައެއްނުވޭ. މިފަދަ ދަނޑިވަޅެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ އެއްވެސް ވަރަކަށް އަދާކުރާތަނެއް ނުފެނޭ.
— Lawyer Shazeem (ލޯޔަރ ޝަޒީމް) (@ShazeemWaheed) June 1, 2021
ޝަޒީމު ވިދާޅުވީ، މިދުވަސްކޮޅު ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރަން ފުރުޞަތު ނުލިބޭތާންގަ އެމީހުންނާ ވާހަކަދައްކާލަން ފޯން ކޯލެއްވެސް ނުލިބޭކަމަށެވެ.
މާލޭޖަލުގައި 27 މީހުން ޕޮޒިޓިވްވެ 117 މީހުން ކަރަންޓީނުކޮށްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ. މާލޭޖަލުގައި ތިބި ހުރިހާ ޤައިދީންގެ ފަރާތުން ކޮވިޑްގެ އަލާމާތް ފެނި އޭގެތެރެއިން ނެގި ހުރިހާ ރޭންޑަމް ސާމްޕަލްތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ވަކީލުން ބުނެއެވެ. ނަމަވެސް ފަހުން އިތުރު ޤައިދީއަކު ޓެސްޓު ނުކުރާކަމަށާއި އަލާމާތްތައް ފެނުނު މީހުންވެސް ޓެސްޓު ނުކުރާކަމަށްބުނެ ވަކީލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.