Ad

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ބްރެޒިލްގައި ބާއްވަން ނިންމައިފި

ދެކުނު އެމެރިކާ ބައްރުގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކޮޕާ އެމެރިކާ ބްރެޒިލްގައި ބޭއްވުމަށް އެންމެ ފަހުން ނިންމައިފިއެވެ. މިމުބާރާތް އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ ކޮލޮމްބިއާ އާއި އާޖެންޓީނާގައެވެ. ކޮލަމްބިއާގައި ކުރިއަށްދާ ސިޔާސީ ހަމަނުޖެހުންތަކާހެދި ހަމައެކަނި އާޖެންޓީނާގައި މުބާރާތް ބާއްވާގޮތަށްވެސް ބަދަލުކުރިއެވެ. ނަމަވެސް އާޖެންޓީނާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މުބާރާތް ބްރެޒިލްގައި ބާއްވަން އިއްޔެގެ ވަގުތެއްގައި ކޮމްބޮލް އިން ވަނީ ނިންމާފައެވެ.

ކޮޕާ އެމެރިކާއަކީ ދިގު ތާރީޚެއް އޮތް ފުޓުބޯޅަ މުބާރާތެކެވެ. އެންމެ ފުރަތަމަ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތެއް ބާއްވާފައިވަނީ 1916 ވަނަ އަހަރުއެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އުރުގުއޭއެވެ. އެއީ، 15 ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ބްރެޒިލްއެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތާއި ޚިލާފަށް، ދެކުނު އެމެރިކާ ފުޓުބޯޅަ މުބާރާތް ބޭއްވުމުގައި ބައްރުން ބޭރުގެ ފެޑެރޭޝަންތަކުގެ ބައެއް ޤައުމުތަކަށް ދަޢުވަތު ދީގެންވެސް މުބާރާތް ބޭއްވިފައިވެއެވެ. އެގޮތުން، އޭޝިއާއިން، ޖަޕާން އަދި ޤަޠަރުވެސް ވަނީ މުބާރާތުގައި ވާދަކޮށް، ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް މިއަހަރު ފައްޓާނީ މިޖޫންމަހު 14 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ އާޖެންޓީނާއާއި ޗިލީއެވެ. ނަން މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ކޮޕާ އެމެރިކާގައި އެންމެ ގިނަ ގޯލްޖެހީ އާޖެންޓީނާގެ ގެބްރިއަލް ބަޓިސްޓޫޓާއެވެ. އެއީ، ޖުމްލަ 13 ގޯލް ޖަހައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *