Ad
ރާއްޖޭގެ ޤާނޫނީ ބައެއް ވަކީލުން. ފޮޓޯ: ސަން
ރާއްޖޭގެ ޤާނޫނީ ބައެއް ވަކީލުން. ފޮޓޯ: ސަން

ޞިއްހީ އިހުމާލުތައް ބަލައި ޖިނާޢީ ތަޙްޤީޤު ހިންގުމަށް، މަޝްހޫރު ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން ސަރުކާރަށް ގޮވާލައިފި

ކޮވިޑް-19 ބަލީގައި ނިޔާވި 10 އަހަރުގެ އަހަރުގެ ފާޠިމަތު މިޝްކާގެ މަރާއި ގުޅިގެން، ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވެފައި ނުވާކަމަށާއި، ކޮވިޑް ބަލީގައި އެޗް.ޕީ.އޭ އިން ވެފައިވާ ޞިއްހީ އިހުމާލުތަށް ބަލައި ޖިނާޢީ ތަޙްޤީޤު ހިންގުމަށް، މަޝްހޫރު ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން ސަރުކާރަށް ގޮވާލައިފިއެވެ.

އިހުމާލުވުމުގެ ސަބަބުން ނުވަތަ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން އެހެން މީހަކު މަރުވުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ދަށުން ޖިނާޢީ ކުށެކެވެ. ކުށް ދަރަޖަކޮށްފައިވާގޮތުން، ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން އެހެން މީހަކު މަރުވެއްޖެނަމަ، އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. މީހަކު ކުރާ އިހުމާލުގެ ޢަމަލަކުން، އެހެން މީހަކު މަރުވެއްޖެނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. ވީމާ، މިއީ ސީރިއަސް ކުށްތަކެއްކަން އެނގެއެވެ. ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުން، މީހެއްގެ މަރުގެ މައްސަލައަކީ ޖިނާޢީ ބޮޑު ކުށެކެވެ.

މިޝްކާގެ މަރުގެ މައްސަލާގައި ކަން ބޮޑުވުން ފާޅުކުރި ވަކީލުން ބުނެފައިވަނީ، ސަރުކާރުގެ އިހުމާލުތަކުގެ އެއްވެސް ޙައްދެއްނެތެވެ. ވަކީލު އާދަމް ޝަމީމު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ރައްޔިތުންނާމެދު ވަމުންދާ އިހުމާލުތަކާމެދު ކެތްތެރިވާންވީ ކިހާ މިންވަރަކަށްތޯއެވެ. ޤާނޫނީ ވަކީލު އާދަމް ޢާޞިފު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޞިއްޙީ އިހުމާލުތަކުގެ މައްސަލަތަށް ޙައްލުކުރުމަށްޓަކައި ޤާނޫނެއް ހެދުމަށް ގޮވާލާކަމަށެވެ. މިޝްކާގެ މައްސަލާގައި، ޒިންމާ ނަގާނީ، ކާކުތޯ ވަކީލު ޢާޞިފުވަނީ ސުވާލު އުފައްދާފައެވެ.

ކޮންމެ އަކަސް ދިވެހި ޤައުމުގައި ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށްޓަކައި، ސަރުކާރުން މަސައްކަތްތަކެއް ކުރިޔަސް، ޙަޤީޤަތުގައި، މިއަދު މިފެންނަ ކޮންމެ ޞިއްހީ އިހުމާލުތަކުން އެނގެނީ، ކޮވިޑް ބަލި ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން އެއްވެސް މިންވަރަކަށް ތައްޔާރުވެފައި ނުވާކަމެވެ. މީހެއްގެ އިހުމާލެއްގެ ސަބަބުން ނުވަތަ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން އެހެން މީހަކު މަރުވުމަކީ ޖިނާޢީ ކުށެއްކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވާއިރު، ފުލުހުންގެ ފަރާތުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް ރަސްމީކޮށް، މިޝްކާގެ މަރުގެ މައްސަލާގައި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

ޤާނޫނީ ވަކީލު ޝަޛީމު ވަޙީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ އިހުމާލުން މީހުން މަރުވާތަން ބަލަން އުނދަގޫކަމަށާއި، ދާދި ފަހުން ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވި މައްސަލާގައި، މީހަކު ހިފައި ޙައްޔަރުކޮށް، ތަޙްޤީޤުކުރަން ކެރުނުހެން މިޝްކާގެ މަރުގެ މައްސަލަ ތަޙްޤީޤުކުރަމަށް ގޮވާލާކަމަށެވެ.

ކުރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުޙްޞިން ވިދާޅުވެފައިވަނީ، މިއަށްވުރެ ޒިންމާދާރުކޮށް، ކަމާބެހޭ މުއައްސަސާތަކުން ޢަމަލުކުރަން ވެއްޖެ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މަޝްހޫރު ވަކީލު ރާޣިބު ވިދާޅުވެފައިވާގޮތުން، މިޝްކާގެ މަރުގެ މައްސަލަ ތަޙްޤީޤުކުރަން ސަރުކާރުގެ މިނިވަން މުއައްސަސާތަށް ފަސްޖެހޭކަމަށެވެ.

ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ގޮތުން، ޖިނާޢީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މަޢުލޫމާތެއް ލިބިއްޖެނަމަ، އެކަމެއް ތަޙްޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އަމުރު ނެރުމަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާއެއްކަމުގައި ބަޔާންކޮށްފައިވާއިރު، ކޮވިޑް 19 ބަލީގައި އެންމެ ފުރަތަމަ ރާއްޖެއިން މަރުވި އަންހެން މީހާގެ މަރުގެ މައްސަލައާއި ފާޠިމަތު މިޝްކާގެ މަރުގެ މައްސަލާގައިވެސް އެމައްސަލަ ތަޙްޤީޤުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިނުވެއެވެ.

މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ވަނީ ފާޠިމަތު މިޝްކާގެ ޢާއިލާއަށް ގުޅައި މަޢާފަށްވެސް އެދިފައެވެ. އެހެން ނަމަވެސް، މަޢާފަށް އެދިގެން ދެންވާނެ ކަމެއް އެބައޮތްތޯއެވެ. އެނގޭހާވެސް އެއްޗަކީ، ކޮވިޑް ކޮންޓްރޯލްކުރުމުގައި ސަރުކާރުގެ ސިޔާސަތުތަށް ވަރަށް ބޮޑަށްވަނީ ފެއިލްވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *