Ad

މިޝްކާގެ މަރުގެ މައްސަލާގައި އެޗްޕީއޭގެ އިހުމާލު: ސަރުކާރު އަދިވެސް އޮތީ ހިމޭނުން!

ކޮވިޑް ބަލީގައި ދާދި ފަހަކުން މަރުވި ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާގެ މަރަކީ އެޗް. ޕީ. އޭ ގެ ބޮޑު އިހުމާލެއްވެފައިވާ މަރެކެވެ. ދިވެހިރާއްޖޭން ކޮވިޑް ބަލީގައި އެންމެ ފުރަތަމަ މަރުވި މީހާއަކީވެސް އެޗް. ޕީ. އޭ އިން އެމީހާގެ ފަރުވާއާމެދު ބޮޑު އިހުމާލެއްވެފައިވާ މީހެކެވެ. ސުވާލަކީ، މިވަރުންވެސް އެއްޗެކޭ ނުބުނެ ކެތް ކޮށްލައިގެން ތިބެންވީ ހެއްޔެވެ؟

މިޝްކާގެ މަރުގެ ތަހުޤީޤު ރިޕޯޓު ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާއިރު އެ ރިޕޯޓުގައި ވަނީ އިއުމާލުގެ މައްޗަށް އިހުމާލެވެ. މިޝްކާގެ ފުރާނަ ސަލާމަތްކުރުމަށް އެ ކުއްޖާގެ މައިންބަފައިން ކުރަމުންދިޔަ އާދޭހަށް ބީރު ކަންފަތެއްދިންކަން މި ރިޕޯޓުން ވަރަށް ސާފެވެ. އެކަމަކު މިކަމުގައި ޒިންމާވާނެ ފަރާތެއް ނެތެވެ. ރިޕޯޓުގައި އިހުމާލު ނޫން ކަމެއް ފާހަގައެއް ނުކުރެވެއެވެ. އެކުއްޖާ ކޮވިޑަށް ޕޮޒިޓިވްވީ ދުވަހުން ފެށިގެން ފުރާނަ ދިއުމާ ހަމައަށް އޮތީ އިހުމާލެވެ. ޕޮޒިޓިވް ވި ދުވަހު ޑޮކްޓަރަށް ދައްކަން އެކުއްޖާގެ އެކުއްޖާގެ މައިންބަފައިން އެދުމުން އެކަންވެސް ނުވިއެވެ. މިޝްކާގެ އެންމެ ފަހުވަގުތުކޮޅު އެކުއްޖާގެ ފުރާނަ ސަލާމަތްކުރަން މައިންބަފައިން ކުރި އާދޭސް މި ރިޕޯޓުން ވަރަށް ސާފެވެ.

މީހެއްގެ އިހުމާލުން ނުވަތަ ފަރުވާކުޑަ ޢަމަލަކުން އެހެން މީހަކު މަރުވެގެން ދިޔުމަކީ ޖިނާޢީ ކުށެއްކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ މިނިވަން ކުށެކެވެ. އެކުށަކީ ކުށް ދަރަޖަކޮށްފައިވާގޮތުންވެސް އަދަބު ހަރުކަށި ކުށްތަކެކެވެ. އެޗް. ޕީ. އޭ ގެ އިހުމާލު އޮތުމުގެ ސަބަބުން، އެކަމުގެ ޖިނާޢީ ތުހުމަތު އުފެދުނު ހިސާބުން އެކަން ބަލައި ޖިނާޢީ ތަޙްޤީޤުކުރުމުގެ އެއްވެސް މަސައްކަތެއްކުރިކަން އެނގޭކަށެއްނެތެވެ. ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާ ކޮބާ ހެއްޔެވެ؟

ކޮވިޑް ބަލި މާލެ ތެރެއަށް ފެތުރުމުގެ ކުރީގައިވެސް، ޑޮކްޓަރުންވަނީ ދިވެހިރާއްޖޭގެ ބޯޑަރތަށް ބަންދުކުރުމަށް ސަރުކާރަށް އެތަކެއް ފަހަރަކު ގޮވާލާފައެވެ. އެހެން ނަމަވެސް، ސަރުކާރަކުން އޭރު އެއްވެސް ވަރަކަށް އެކަމާ އަޅައެއް ނުލައެވެ. ސަރުކާރުގެ މައިޕާޓީއަށް ނިސްބަތްވާ އެމް. ޑީ. ޕީ މެމްބަރުންވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކޮވިޑް ބައްޔަކީ ސީރިޔަސް ބައްޔެއް ނޫންކަމުގައިބުނެ ފުރަބަންދުކުރުމާއި ދެކޮޅަށް ވާހަކަ ދެއްކެވިއެވެ. މިވަރަކުން ފުދުނީއެއް ނޫނެވެ. ވަޒީރުންނާއި ޤައުމުގެ ނައިބް ރައީސް ޓޮއިލެޓް ޕޭޕަރުން ފުޓުބޯޅަ ކުޅެ ވީޑިއޯ ކޮށް، ސޯޝަލް މީޑިއާގައި ޢާންމުކުރިއިރު، ކޮވިޑް ބަލީގައި ޤައުމުގެ ޙާލަތާމެދު އެބޭފުޅުން ސީރިޔަސް ވަރު ވިސްނިފައިވޭތޯ ސުވާލު އުފެދެއެވެ. ބުނެވޭނީ، ކޮވިޑް ބައްޔާމެދު ދިވެހިރާއްޖޭގެ ސަރުކާރަކުން ސީރިޔަސް ވިސްނުމެއް ގެންގުޅެފައިނުވެއެވެ.

ކޮވިޑް ބަލީގައި އެތައް މީހަކު ޙާލުދެރަވެގެން ފަރުވާނުލިބި މަރުވެދިޔައިރު، ދައުލަތުގެ މާލިއްޔަތުން 30 މިލިއަން ރުފިޔާ ވެންޓިލޭޓަރތަށް ގަތުމަށް ބޭރުކޮށްފައިވާއިރު، މިއަދާއި ހަމައަށްވެސް ވެންޓިލޭޓަރުތަށް ލިބޭ ގޮތެއް ނުވެއެވެ.  އެކަމުގެ ތުހުމަތުކުރެވޭ ބަޔަކުވެސް ތިއްބެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ނިންމީ ދަޢުވާވެސް ނުކުރުމަށެވެ. އެހެން ނަމަވެސް، މަގުމަތިން އަތުލައިގަނެވޭ ޔޫރިން ޕޮޒިޓިވް މީހާގެ މައްޗަށްވެސް، ޖިނާޢީ ދަޢުވާ ޕްރޮސެކިއުޓަރ ޖެނެރަލް އެދަނީ އުފުލަމުންނެވެ.

މިއަދު ޤައުމުގެ ޙާލަތަކީ މިއީއެވެ. ހަމަހަމަކަމާއެކު ޢަމަލުކުރެވޭތަނެއް ނުފެނެއެވެ. ޤާނޫނުން ލިބިދޭ ރައްކާތެރިކަމެއް އެއްވެސް ރައްޔިތަކަށް ނުލިބެއެވެ. ދައުލަތުން ރައްޔިތުންނާމެދު ވަރަށް ބޮޑަށް އިހުމާލުވެއްޖެއެވެ.

މިޝްކާގެ މައްސަލައިގައި ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވާނަންތޯ ނޫސްވެރިން ސުވާލުކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ މި މައްސަލަ ބެލުމަށްފަހު އެމަނިކުފާނުގެ އިހުމާލެއް މިކަމުގައި އޮތްތޯ ބައްލަފަ އެ ސުވާލަށް ޖަވާބު ދެއްވާނެކަމަށެވެ. ވަރަށް ސާފެވެ. މިކަމުގައި ހެލްތު މިނިސްޓަރުގެ އިހުމާލު ވަރަށް ބޮޑެވެ. މިޝްކާގެ އާއިލާއަށް ގުޅާ މާފަށް އެދުމަކުން ނުފުދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކޮބާ ވައުދުވި އިންސާފު.
    ޙޯދައިދީބަލަ ނިކަން.
    ޥާނެތަ !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *