Ad
އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓްނެރުނު އެމްޑީއެން ޖަމާޢަތާ ދެކޮޅަށް ޢިލްމުވެރިން ނުކުންނަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން-: ފޮޓޯ: ވަން
އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓްނެރުނު އެމްޑީއެން ޖަމާޢަތާ ދެކޮޅަށް ޢިލްމުވެރިން ނުކުންނަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން-: ފޮޓޯ: ވަން

"ދީނީހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް" ފަރުމާކޮށްފައިވާ ބިލާ ގުޅިގެން ސަލަފުން ޢިލްމުވެރިންނާއެކު ކުއްލި ބައްދަލުވުމެއް

ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖްލީހަށް ހުށައަޅުއްވާފައިވާ "ދީނީހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް" ފަރުމާކޮށްފައިވާ ބިލާ ގުޅިގެން ޖަމްޢިއްޔަތުއްސަލަފުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި 30 އަށްވުރެ ގިނަ ދީނީ ޢިލްމުވެރީންނާއެކު ކުއްލި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ރޭގެ ވަގުތެއްގައި ބޭއްވުނު މި ބައްދަލުވުމުގެ މައުލޫމާތު ހާމަކޮށް ސަލަފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މި ބިލުގެ ނުރައްކާތެރިކަމާއި، މި ބިލު ޤާނޫނަކަށް ވެގެން ހިނގައްޖެނަމަ އޭގެ ސަބަބުން ދީނީ ނަޞޭޙަތްދިނުމުގެ މައިދާނަށް އެޅިގެންދާނެ ހުރަސްތަކާމެދު ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި ވާހަކަ ދެކެވި ޢިލްމުވެރިންގެ ކަންބޮޑުވުންތައް ޙިއްސާކުރެވިފައި ވާކަމަށެވެ.

އަދި މި ބިލް ހުށައެޅުމުގައި "އިސްލާމަކަށް ކާފަރު" ކިޔުން މަނާކުރާ ބިލްގެ ނަމުގައި ބިލް އިޝްތިހާރުކުރެވިގެން ގޮސްފައި ވުމުން ޢާއްމު ރައްޔިތުންނަށް ބިލުގެ އަޞްލު މަޤްޞަދާއި ޙަޤީޤަތް އޮޅޭނޭފަދައިން އޮތުމަކީވެސް ކަންބޮޑުވުމެއްގެ ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރީން ފާހަގަކުރެއްވި ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ސަލަފް ޖަމްޢިއްޔާއިން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމުގައި ޢިލްމުވެރިން ނިންމެވި ކަންކަމުގެ ތެރޭގައި، ބިލުގެ ނުރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް އާއްމުންނަށް ޙަޤީޤަތް ސާފުކޮށްދިނުމުގެ އިތުރުން، ބިލު މިހާރު އޮތްގޮތަށް ފާސް ނުކުރުމަށް އެންމެހާ ދާއިރާއެއްގެ މަޖްލީހުގެ މެމްބަރުންނަށް އިލްތިމާސްކުރުމަށް އެކިއެކި ފަރާތްތަކުން އެފަރާތަކަށް ކުރެއްވޭ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ނިންމަވާފައި ވެއެވެ.

ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، މި މައުޟޫޢުއާ ގުޅިގެން އިތުރަށް ކުރެވެންހުރި އެހެނިހެން ކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޢިލްމުވެރީންގެ ކަންބޮޑުވުން ފޯރުކޮށްދިނުމުގެ ގޮތްތަކާމެދުވެސް މަޝްވަރާ ކުރެވުނުކަމަށްވެސް، ރާއްޖޭގެ ދީނީ ޢިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ ޖަމްޢިއްޔަތުއްސަލަފުގެ ނޫސްބަޔާނުގައި ހާމަކޮށްފައި ވެއެވެ.

އަސާސީ ޙައްޤުތައް ކަށަވަރުކޮށްދީ ބަޔާންކޮށްފައިވާ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި، "ޚިޔާލުފާޅުކުރުމުގެ މިނިވަންކަން" ބަޔާންކޮށް ކަށަވަރުކޮށްދީފައިވާ 27 ވަނަ މާއްދާއަށް ބަލާއިރު، އެ އަސާސީ ޙައްޤު ކަށަވަރުކޮށްދީފައިވާ ޙައްދު ނުވަތަ ލިމިޓަކީ "އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން" މި ތަރަހަކަން ފާހަގަވެދެއެވެ،

އަދި އެ ބާބުގައި ބަޔާންކޮށްފައިވާ އެހެނިހެން އަސާސީ ޙައްޤުތައްވެސް ކަށަވަރުކޮށްދޭ ޙައްދަކީވެސް "އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން" ކަމަށާއި، އަދިހަމަ އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް އެއްކޮށްވެސް ހިފެހެއްޓޭނެކަމަށް ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ ފެށުމުގައި 16 ވަނަ މާއްދާގައި، ދުސްތޫރީ އުޞޫލީ ހަމަ (ކޮންސިޓިޓިއުޝަނަލް ޕްރިންސިޕްލް) އެއްގެ ގޮތުގައި އެކަން ކަނޑައަޅައި ސާފުބަހުން ބަޔާންކޮށްފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *