Ad

ސަފާރީ އަކުން ޑައިވިނަށް ފޭބި ޒުވާނަކު ނިޔާވެއްޖެ

އދ. ދަނގެތީ ކައިރިން ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ އެވެ.

އިރުވަރު ނޫހަށް މަޢުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލް މެމްބަރަކު ވިދާޅުވީ އެ ޒުވާނާ ދަނގެއްޗަށް ގެނައީ މިރޭ 23:15 އެހާ ކަންހާއިރު ކަމަށެވެ. މިހާރު އޭނާ އޮތީ އެރަށު ސިއްހީ މަރުކަޒުގައި ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

ނިޔާވި ޒުވާނާއަކީ ރ. އިނގުރައިދޫ ވެސްޓްބީޗް އުމުރުން 32 އަހަރުގެ މުމްތާޒު ހުސެއިން އެވެ.

އެ ޒުވާނާގެ އާއިލާ މެމްބަރަކު ވިދާޅުވީ މުމްތާޒު ހުސެއިން ނިޔާވެފައި އޮއްވަ ފެނުނީ މޫދަށް ފޭބިފަހުން ހަބަރެއް ނުވުމުން އޭނާ ހޯދުމުގެ މަސައްކަތް އެ ސަފާރީގެ ފަޅުވެރިން ކުރަމުން ދަނިކޮށްކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ދަނގެއްޗަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ.

މިހާދިސާއާ ބެހޭގޮތުން ފުލުހުން ވިދާޅުވީ، މުމްތާޒު ފެނުނީ މިރޭ 22:30 އެހާކަންހާއިރު އދ. ދަނގެތީ ފަޅުތެރޭގައި އޮތް "ބްލޫ ފޯސް-1″ ސަފާރީން މޫދަށް ފޭބިފަހުން ހަބަރެއް ނުވެގެން ބެލިއިރު ސަފާރީއާ ދިމާލުން އަޑިން ކަމަށެވެ. އަދި އޭނާ ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މުމްތާޒު މޫދަށް ފޭބީ ހަމައެކަނި ފިންސްއާއި މާސްކު ބޭނުންކޮށްގެންނެވެ.

މިއީ މިއަދު ކަނޑުމަތީގައި ނިޔާވި ދެވަނަ މީހާއެވެ. މިއަދު ހެނދުނު އެންދަމަން އުޅެނިކޮށް އައްޑޫސިޓީ ހިތަދޫ މޯހިރު ދޯނީގެ މަސްވެރިޔަކުވެސް ވަނީ ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *