Ad

މިޝްކާގެ މަރާގުޅިގެން ފުލުހުންނަށް ހުށައެޅި މައްސަލަ ފުލުހުން ނުބަލާތީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް!

މިޝްކާގެ މަރާގުޅިގެން އެކަމުގައި އިހުމާލުވީ ފަރާތްތަކުގެ މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށައެޅި މައްސަލަ އެ މުވައްސަސާއިން ނުބަލާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.

އިރުވަރު ނޫހަށް ކޮޕީއެއް ލިބިފައިވާ މި ސިޓީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ މި މައްސަލަ ތަހުޤީޤު ކުރުމަށް ފުލުހުންނަށް މައްސަލަ ހުށައެޅި ފަރާތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށްފައިވާ މި ސިޓީގައި ބުނެފައިވަނީ މި މައްސަލަ ތަހުޤީޤު ކުރުމަށް އެދި ހުށައެޅި ސިޓީއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން 7 ޖޫން 2021 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހަޤީޤަތާ ހިލާފު މައުލޫމާތު ދީފައިވާކަމަށެވެ.

"ކޮމެޓީގެ ބައްދަލުވުމުގައި ދިވެހި ފުލުހުންނަށް މައްސަލައިގެ ސިޓީ ހުށަނާކަމަށް ވިދާޅުވިނަމަވެސް އަޅުގަނޑު 5 ޖޫން 2021 ވަނަ ދުވަހު ހެނދުނު 8:30 ގައި ސިޓީއަކުން ފުލުހުންގެ އިދާރާއަށް ހުށައެޅުމާއެކު އަދި އީމެއިލްގެ ޒަރިއްޔާއިންވެސް ސިޓީ ހުށައަޅާފައިވާނެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ފުލުހުން މައްސަލަ ރަޖިސްޓްރީ ކޮށްދެއްވިކަން އަޅުގަނޑަށް އަންގާފައެއް ނުވެއެވެ." ސިޓީގައި ބުނެފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންއާއި ފުލުހުން މި މައްސަލަ ބެލުމުގައި ލަސްކުރަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން މި ސިޓީގައި ވަނީ ފާޅުކޮށްފައެވެ.

މިޝްކާގެ މަރުގެ ތަހުޤީޤު ރިޕޯޓު ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާއިރު އެ ރިޕޯޓުގައި ވަނީ އިއުމާލުގެ މައްޗަށް އިހުމާލެވެ. މިޝްކާގެ ފުރާނަ ސަލާމަތްކުރުމަށް އެ ކުއްޖާގެ މައިންބަފައިން ކުރަމުންދިޔަ އާދޭހަށް ބީރު ކަންފަތެއް ދިންކަން މި ރިޕޯޓުން ވަރަށް ސާފެވެ. އެކަމަކު މިކަމުގައި ޒިންމާވާނެ ފަރާތެއް ނެތެވެ. ރިޕޯޓުގައި އިހުމާލު ނޫން ކަމެއް ފާހަގައެއް ނުކުރެވެއެވެ. އެކުއްޖާ ކޮވިޑަށް ޕޮޒިޓިވްވީ ދުވަހުން ފެށިގެން ފުރާނަ ދިއުމާ ހަމައަށް އޮތީ އިހުމާލެވެ. ޕޮޒިޓިވް ވި ދުވަހު ޑޮކްޓަރަށް ދައްކަން އެދަރިފުޅުގެ މައިންބަފައިން އެދުމުން އެކަންވެސް ނުވިއެވެ. މިޝްކާގެ އެންމެ ފަހުވަގުތުކޮޅު އެކުއްޖާގެ ފުރާނަ ސަލާމަތްކުރަން މައިންބަފައިން ކުރި އާދޭސް މި ރިޕޯޓުން ވަރަށް ސާފެވެ.

މީހެއްގެ އިހުމާލުން ނުވަތަ ފަރުވާކުޑަ ޢަމަލަކުން އެހެން މީހަކު މަރުވެގެން ދިޔުމަކީ ޖިނާޢީ ކުށެއްކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށެކެވެ. އެކުށަކީ ކުށް ދަރަޖަ ކޮށްފައިވާ ގޮތުންވެސް އަދަބު ހަރުކަށި ކުށްތަކެކެވެ.

މިމައްސަލައިގައި ޖިނާޢީ ތަހުޤީޤު ކުރަންޖެހޭކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމާއި ގިނަ އަދަދެއްގެ ވަކީލުން ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *