ބާސާއަށް ނޫނެކޭ ބުނެ ހުނަރުވެރި މިޑްފީލްޑަރު ވައިނަލްޑަމް ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.
ވޭތުވެދިޔަ 4 ސީޒަންގައި ލިވަޕޫލްގައި މޮޅުކުޅުމެއްދެއްކި މިޑްފީލްޑަރު ޕީއެސްޖީއާ ގުޅުނުކަން ޕީއެސްޖީން ވަނީ ޔަޤީންކޮށްދީފައެވެ. ވައިނަލްޑަމް ޕީއެސްޖީއާ ގުޅުނީ މިސީޒަންގެ ނިޔަލަށް ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
ސީޒަން ނިމުމާއެކު ވައިނަލްޑަމް ބާސެލޯނާއަށް ސޮއިކުރުމާ ދާދި ގާތަށް ދިޔައެވެ. ބާސެލޯނާއިން އެކަން އިއުލާންވެސް ކުރިއެވެ. ނަމަވެސް ޕީއެސްޖީން ފަހުވަގުތު ވަނީ މި ޑީލްގެ ތެރެއަށްވަދެ ބާސެލޯނާއިން އޭނާއަށް ހުށައެޅި މުސާރައަށްވުރެ 2 ގުނަ ބޮޑު މުސާރައެއް ހުށައަޅާ އެ ކުލަބުގެ ކުޅުންތެރިއަކަށް ހަދާފައެވެ.
މި ވަގުތު ނެދަލެންޑްސް ސްކޮޑާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ވައިނަލްޑަމް އަކީ މިފަހަރު ޔޫރޯގައި އެ ޓީމުގެ ކެޕްޓަނެވެ.
ވައިނަލްޑަމްގެ އެންމެ ފާހަގަކޮއްލެވޭ މެޗަކީ 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީފައިނަލްގައި ލިވަޕޫލާއި ބާސެލޯނާ ބައްދަލުކުރި ދެވަނަ ލެގުގެ މެޗުންނެވެ. ފުރަތަމަ ލެގްގައި ބާސާއަތުން 3-0 ގެ ތަފާތަކުން ބަލިވެފައި އޮތުމުން ފައިނަލަށް ދާން ބޭނުންނަމަ އެ ނަތީޖާ އަނބުރާލުން ނޫން ގޮތެއް ލިވަޕޫލަކަށް ނެތެވެ. މި މެޗްގެ ދެވަނަ ހާފު ލިވަޕޫލުން ފެށީ ޑިފެންޑަރ އެންޑީ ރޮބަޓްސަންގެ ބަދަލުގައި ވައިނަލްޑަމް ކުޅެން އަރުވައިގެންނެވެ. ދެވަނަ ހާފުގައި ކުޅެން ނިކުމެ އޭނާވަނީ 2 ގޯލް ޖަހާ މެޗްގެ ނަތީޖާ 0-4 ބަދަލުކޮށް ލިވަޕޫލް ފައިނަލަށް ގެންގޮސްދީފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ބަދަލުގެ ގޮތުގައި މީޑިއާތަކުން ސިފަކުރެއެވެ.
ލިވަޕޫލާ އެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.