މިއަހަރުގެ މިހާތަނަށްވެސް 3.9 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ދިވެހި ފުލުހުން މިފަދައިން ހާމަކޮށްފައި މިވަނީ ޓީ.ވީ.އެމް އިން ގެނެސްދޭ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން ބައިވެރިވެވަޑައިގެން ރޭ ދެއްކެވި ވާހަކައިގަ އެވެ.
މި ޕްރޮގްރާމްގައި ފުލުހުންގެ ފަރާތުން ހާމަކުރަށްވާފައިވާ "ފޮރޯޑް" މައްސަލަތަކާ ގުޅޭ ބައެއް ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ އަހަރު އެކަނިވެސް 3.5 މިލިއަން ރުފިޔާ ޖުމްލަކުރެވޭ މަކަރާއި ޙީލަތުގެ އެފަދަ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ. އަދި މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައި ވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން އަތުލާފައިވާ ކަމަށްވެސް ފާހަގަކޮށްލެވެ އެވެ.
ޢާންމު ގޮތެއްގައި "ފްރޯޑް ކޯލް" ތަކެއް ކޮށްގެން މަކަރާއި ޙީލަތުން ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި ކަމަށާއި، ޚާއްޞަކޮށް މި ކޮވިޑް ތެރޭގައި އެފަދަ މައްސަލަތައް އިތުރުވެފައިވާ ކަމުގައިވެސް ފުލުހުން ފާހަގަކުރެއްވި އެވެ.
މަކަރާއި ޙީލާތުން ފައިސާ އަތުލުމުގެ ކަންތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެންއައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުންދިޔަ ނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކު ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައި އަދި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް ސީދާ އަމާޒުކޮށްގެންކަން ފާހަގަ ކުރެއްވޭކަމަށްވެސް ރޭގެ ޕްރޮގްރާމްގައި ފުލުހުން ފާހަގަކުރެއްވި އެވެ.
އަދިހަމަ ކޮވިޑް ތެރޭގައި ވިޔަފާރީގެ މުޢާމަލާތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުން ޢާންމު ވެފައިވާއިރު ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތައްވެސް ފުލުހުންނަށް ހުށަހެޅެމުންދާ ކަމުގައިވެސް ފާހަގަކުރަށްވައި ޙީލަތުގެ ޢެ ޢަމަލު ޢާންމުކޮށް ކުރާގޮތްވެސް ފުލުހުންވަނީ ހާމަކުރަށްވާފަ އެވެ. އެގޮތުން، ފުރަތަމަ ފިހާރައަށްގޮސް ތަކެތީގެ އަގު ބަލައި އެނބުރިގޮސް ދެން އަލުން ފިހާރައަށް ދަނީ އެ އަގުތައް ހިމަނައިގެން ސައްހަނޫން ސްލިޕް ތައްޔާރުކޮށްގެން ކަމަށާއި، ފިހާރައިން ތަކެތި ނެގުމަށްފަހު، މަކަރުވެރިޔާ ތައްޔާރުކޮށްގެންދިޔަ ސައްހަނޫން ސްލިޕް ފިހާރައިގެ ނަމްބަރަށް ވައިބަރކުރަނީ ކަމަށް ފުލުހުން ހާމަކުރެއްވި އެވެ.
މިފަދަ ޢަމަލުތަކުގެ ޝިކާރައަކަށް ވެގެންދިއުމުން ސަލާމަތްވުމަށްޓަކައި، އޮންލައިންކޮށް ފައިސާ ދައްކާނަމަ ތަކެތި ހަވާލުކުރުމުގެ ކުރިން އެ ފައިސާ ފިހާރައިގެ އެކައުންޓަށް ޖަމާވެފައިހުރިތޯ ޔަގީންކުރުމަށާއި، ކާކުކަން ނޭނގި ފައިސާގެ މުއާމަލާތުތައް ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއްވި އެވެ.
ކޭޝްކާޑުގެ މައުލޫމާތު ހޯދުމަށް ބެންކުން ނުވަތަ އެހެންވެސް އޮފީހަކުން ނުގުޅާނެކަން އަބަދުމެ ހަނދާނުގައި ބަހައްޓުމާއެކު އެ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި އަދި ކާޑުގެ މައުލޫމާތު އޮޅުންފިލުވާ ހިސާބުން ދެން އިތުރަށް އެމީހަކާ މުއާމަލާތު ނުކުރުމީވެސް އެފަދަ މަކަރުވެރިންގެ މަކަރުން ސަލާމަތްވާނެ މަގެއްކަންވެސް ފުލުހުން ދެއްވި އިރުޝާދުގައި ފާހަގަކުރައްވާފައި ވޭމެއެވެ.