Ad
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު މަޖްލީހުގެ ޖަލްސާއެއްގައި-: ފޮޓޯ: މިހާރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު މަޖްލީހުގެ ޖަލްސާއެއްގައި-: ފޮޓޯ: މިހާރު

"ބިލު" ބަލައިގަންނަން ވޯޓުނެގީ ދުރާލައި އެންގުމަކާ ނުލައި އަވަސްއަރުވާލާފައި: އާދަމް ޝަރީފް

ޤާނޫނުލް ޢުޤޫބާތައް އިޞްލާޙުގެނައުމަށް ސަރުކާރުން ހުށައަޅުއްވާފައިވާ ބިލު ރައްޔިތުންގެ މަޖްލީހަށް ބަލައިގަތުމަށް ވޯޓުނެގީ، ވޯޓުނެގުން އޮންނާނެ ކަމަށް ދުރާލައި އެންގުމަކާނުލައި އަވަސްއަރުވާލާފައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

ފާއިތުވެދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރަށްވާފައިވާ، އިދިކޮޅު ޕީ.އެން.ސީ އަށް ނިޞްބަތްވެވަޑައިގަންނަވާ އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ، "ޙައްސާސް ބިލަކަށް އާދައިގެ ދިރާސާއެއް!" މިނަމުގައި އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ހިމަނުއްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

މި ބިލުގެ އިބްތިދާއީ ބަހުސްގެ މަރްޙަލާގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ ނިޒާމީ ނުކުތާގެ އޮއިވަރެއްގެ ތެރޭގައިވެސް ވަރަށްބޮޑަށް ބިލާ ދެކޮޅުހައްދަވައި ވާހަކަދައްކަވާފައިވާ އާދަމް ޝަރީފްގެ ވިދާޅުވި ގޮތުގައި، މި ބިލު މަޖްލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި ވަރަށް ގިނަ މެމްބަރުންނަށް ބައިވެރިވެވަޑައިނުގަނެވުނީ، ދުރާލައި އެންގުމަކާނުލައި އަވަސްއަރުވާލައިގެން މި ބިލަށް ވޯޓަށް އެހުމުން ނެވެ.

ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ބޭނުމުގައިކަމަށް ބުނެވިގެން ހުށައެޅުނު މިބިލާ ދެކޮޅަށް ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރިންނާއި ޢާންމުންގެ ގިނަ ބައެއްގެ އިތުރުން، މިހާތަނަށް، 94 ކައުންސިލަކުންވެސް ތެދުވެ ރަސްމީ ބަޔާންތައް ނެރެ މި ބިލު އަނބުރާ ގެންދެވުމަށް ސަރުކާރަށް ގޮވާލާފައި ވާއިރު، މި ބިލުގެ ސަބަބުން ރުޅިވެރިކަން އިތުރުވެ ނަފްރަތުކުރާ މީހުން ގިނަވެ ލާދީނީ ގޮވުން އިތުރުވެދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވޭމެއެވެ.

ޢުޤޫބާތު ޤާނޫނުގެ 123 ވަނަ މާއްދާގެ ފަހަތައް މާއްދާއެއް އިތުރުކޮށްގެން ޖިނާއީ ކުށްތައް އިތުރުކުރުމަށް ހުށައަޅާފައިވާ މި އިޞްލާޙާގުޅިގެން ރައްޔިތުން "ކެކިއަރަން" ފެށުމާއެކު ރައްޔިތުންގެ މަޖްލީހުން ވަނީ މި ބިލަށް ޚިޔާލުހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން މިއަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އެފުރުޞަތު އޮންނާނެކަމަށް ރައްޔިތުންގެ މަޖްލީހުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވެއެވެ.

މުސްލިމަކާ ދިމާލަށް ކާފިރެކޭ ބުނުން މަނާކުރާ ބިލުގެ ގޮތުގައި އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔަ، ޢިލްމުވެރިންގެ އަރިހުގައި "ސެކިޔުލަރ ބިލް" އަދި ނޫސްވެރިންނާއި ޢާންމުންގެ މެދުގައި "ޙިސާން ބިލު" ގެ ނަމުންވެސް މަޝްހޫރުވެފައިވާ މި ބިލު މަޖްލީހަށް ބަލައިގަތުމަށް ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ ވޯޓާއެކުއެވެ. އަދި، ބިލު މަޖްލީހަށް ބަލައިގަތުމަށް ނުފެންނަކަމަށް 17 މެމްބަރަކު ވޯޓުދެއްވާފައި ވާއިރު ގިނަ މެމްބަރުންތަކެއް މި ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވާކަންވެސް ފާހަގަކޮށްލެވެ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *