Ad

ޔޫރޯ 2020: ފްރާންސް – ޕޯޗުގަލް މެޗު: ފްރާންސް ނިކުންނަނީ ސީދާ ބަދަލު ހިފުމަށް!

ގްރޫޕް އެފްގެ ފަހު މެޗުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް މިރޭ ބައްދަލުކުރާ މެޗަކީ އެތަށް ގޮތަކުންވެސް ފޯރިގަދަ މެޗަކަށްވާނެ މެޗެކެވެ. ފްރާންސާއި ޕޯޗުގަލްއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރުތަކުގެ ތެރެއިން ދެބާރެވެ. ފްރާންސަކީ ދުނިޔޭގެ ޗެމްޕިއަނެވެ. ޕޯޗުގަލްއަކީ ޔޫރަޕްގެ ޗެމްޕިއަނެވެ.

ފްރާންސާއި ޕޯޗުގަލްގެ ވާދަވެރިކަން ފެށިގެން އައީ 2000 ވަނަ އަހަރު ޔޫރޯ ސެމީފައިނަލްގައި 1-2 ގެ ނަތީޖާއަކުން ފްރާންސްއިން މެޗު ކާމިޔާބުކޮށް ޕޯޗުގަލް ކަޓުވާލި ހިސާބުންނެވެ. އޭރު ޕޯޗުގަލްގެ އޮތީ އެޤައުމުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިން ހިމެނޭ ޓީމެވެ. އެނެއް ކޮޅުން ފްރާންސްގައި އޭރު ހުރީ ޒިދާނެވެ. ޒިދާނު އެކަނިހުރެ ދެއްކި ހުނަރުވެރިކަން ހައްމަތަކޮށްލެވޭނެ އެކަކުވެސް ޕޯޗުގަލްއަކު އޭރަކު ނެތެވެ.

2016 ވަނަ އަހަރުގެ ޔޫރޯއަކީ ފްރާންސްގައި ބޭއްވި ފުޓުބޯޅަ މުބާރާތެވެ. އެމުބާރާތުގެ ޓޮޕް ފޭވަރިޓްގެ ގޮތުގައި އެންމެން ދެކެމުން އައީވެސް ފްރާންސެވެ. ހޮސްޓްކުރާ ޤައުމުގެ ޤައުމީ ފުޓުބޯޅަ ޓީމު މުބާރާތެއްގެ ފައިނަލުގައި ކުޅުމަކީ ވަރަށް މަދު ފަހަރަކު ފެންނަ މަންޒަރެކެވެ. ފްރާންސްގައި ފުޓުބޯޅަ މުބާރާތެއް ހޮސްޓްކުރި ހުރިހާ ފަހަރަކު ފްރާންސް ފައިނަލުގައި ކުޅެއެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ފްރާންސް އަށް ގެއްލުނީ ޕޯޗުގަލް އާ ވާދަކޮށް، ފައިނަލުގައި އިތުރު ވަގުތުގައި ޕޯޗުގަލްގެ އެޑަރ ޖެހި ގޯލުންނެވެ. އެގޯލާއެކު މެޗު ނިމުމުން، ފްރާންސްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ލޮލުން ކަރުނަ ހިލި، ހިތްދަތި ކުރުވި މަންޒަރު ފެނުނެވެ. ފްރާންސް ފައިނަލަށް ދަތުރުކުރީ އޭރުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުވެސް 0-2 ގެ ނަތީޖާއިން ބަލިކޮށްފައެވެ. އަނެއްކޮޅުން ޕޯޗުގަލް ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ އެއްވެސް މަޗެކުން މޮޅުނުވެ، އެންމެ ރަނގަޅު ނަތީޖާ ހޯދި 3 ވަނަ ޓީމެއްގެ ގޮތުގައި ނަސީބު އެހީތެރިވުމުންނެވެ.

ކޮންމެ އަކަސް މިރޭގެ މެޗަށް ފްރާންސް ނިކުންނައިރު، އެޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ނޮކައުޓް ބުރަށް ފްރާންސް ކޮލިފައިވެފައިވާކަމެވެ. އެހެން ނަމަވެސް، ޕޯޗުގަލްއަށް ދެވަނަ ބުރަށް ދިޔުމަށްޓަކައި ފްރާންސް ބަލިކުރަން ލާޒިމެވެ. ސަބަބަކީ، ޕޯޗުގަލްއަށް އޮތީ 3 ޕޮއިންޓް ލިބިފައެވެ. ޖަރުމަނު އަތުން ޕޯޗުގަލްލ 2-4 ގެ ނަތީޖާއަކުން ބަލިވެފައިވާތީ، ހަންގޭރީ އިން ޖަރުމަނު ބަލިކޮށްފިނަމަ، ނޮކައުޓް ބުރަށް ކޮލިފައިވުމަށް ޕޯޗުގަލްއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެތީއެވެ. ސޯޝަލް މީޑިޔާގައި ފްރާންސް ރައްޔިތުންނާއި ސަޕޯޓަރުން ހިއްސާކޮށްފައިވާ ކޮމެންޓްތަކަށް ބަލާއިރު، ޔޫރޯ 2016 ގެ ފައިނަލުގައި ފްރާންސް ބަލިވި ބަލިވުމުގެ ބަދަލު ހިފަށް ކޮންމެހެންވެސް ބޭނުމެވެ. އެރޭގެ ހިތްދަތިކަން އަރުތެރޭން ދުއްވާލަން މިރޭ މިއީ ރަނުގެ ފުރުޞަތެކެވެ.

ޔޫރޯ 2000 އަދި 2006 ގެ ކުރިމަތިލުން

1994 އިން ފެށިގެން 2006 އާއި ހަމައަށް ފްރާންސް ލީޑުކުރީ އެފަދަ ދެވަނައެއް ނެތް ޒައިނުއްދީން ޒިދާނެވެ. ޒިދާނު ފްރާންސަށް ކުޅެދިން އެއްވެސް މެޗެއްގައި ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑު އެއްވެސް ބާރަކަށް ފްރާންސް ބަލިކުރެވިފައިނުވެއެވެ. ޔޫރޯ 2000 ވަނަ އަހަރު ސެމީ ފައިނަލްގައި ފްރާންސާއި ޕޯޗުގަލް ބައްދަލުކުރި ސެމީ ފައިނަލަކީ މައްސަލަ ބޮޑުވި މެޗެކެވެ. އޭރު ޕޯޗުގަލްގައި ނަގާކިޔަންތިބީ، ލުއިސް ފީގޯ، ރުއި ކޯސްޓާ، ނޫނޯ ގޯމޭޒް، ކީޕަރ ވީޓަރ ބާޔާ، ކޮސްޓީނިއާ، ކޮންސެއިސާއޯ އަދި ޖާއޯ ޕިންޓޯ ފަދަ އެޤައުމު މިހާތަނަށް ދުއް އެންމެ މޮޅު ކުޅުންތެރިންނެވެ. ފްރާންސަށް ބަލާއިރު، އޭރުގައި ފްރާންސްގައި އޮތީ 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. ކީޕަރ ބާތޭޒް، ތުރާމް، ވިއޭރާ، ޖޮކައެފް، ހެންރީ، ޕިރޭޒް، އަނެލްކާ، ވިލްޓޯޑް، ޑިޝޯމްޕްސް، ޕެޓިޓް، ޑެސައިލީ، ޓްރެޒެގޭ އަދި ޒިދާނު ހިމެނުނެވެ. ޓީމު ލީޑުކުރީ ޒިދާނެވެ. އޭރު ޒިދާނުގެ އުމުރުން އެންމެ 28 އަހަރެވެ. އޭރު އޭނާހުރީ ކެރިއަރުގެ އެންމެ ހުނަރުވެރިކަމުގައެވެ. ޕީކުގައެވެ. މެޗު ފެށުމާއެކު ޕޯޗުގަލްގެ ނޫނޯ ގޯމޭޒް ލަނޑެއްޖަހައި ޕޯޗުގަލްއަށް ލީޑު ނަގައިދިނެވެ. އެއާއެކު ފްރާންސްގެ ޙަމަލާތަށް މެދުނުކެނޑި ފުލުފުލުގައި ޕޯޗުގަލްގެ ގޯލަށް އަމާޒުވަމުންދިޔައެވެ. ފްރާންސްގެ މެދުތެރެއިން ޒިދާނު ހުރެގެން އުފައްދާ ޙަމަލާތަށް ހުއްޓުވޭނެ ހަތިޔާރެއް ޕޯޗުގަލްގައި ނެތުމުގެ ސަބަބުން ދެވަނަ ހާފުގައި ހެންރީ ފްރާންސަށް ލީޑު ނަގައިދިނެވެ. ފްރާންސްގެ ދެވަނަ ގޯލަކީ ގޯލްޑަން ގޯލަށް ކުޅުނު ވަގުތުގައި ވިލްޓޯޑު ގޯލުގެ އަރިމަތިން ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ޑިފެންޑަރ ޒާވިއަރ ގެ އަތުގައި ޖައްސައި ބޭރަށް ފޮނުވާލުމާއެކު ރެފްރީ ފްރާންސަށް ދިން ޕެނަލްޓީއެއްގައި ޒިދާނު ޖެހި ހިތްގައިމު ގޯލެވެ. އެމެޗު ނިމުމުން ޕޯޗުގަލްގެ ކުޅުންތެރިން ރެފްރީ ވަށާލައި މައްސަލަ ޖެއްސުމުގެ ނަތީޖާއަކީ ޕޯޗުގަލްގެ 2 ކުޅުންތެރިއަކަށް ރަތްކާޑު ދައްކައި ދަނޑުން ބޭލުމެވެ.

2006 ވަނަ އަހަރު ފްރާންސާއި ޕޯޗުގަލް ވާދަކުރި ވޯލްޑްކަޕް ސެމީފައިނަލްގެ މެޗަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފުރަތަމަ ވޯލްޑްކަޕެވެ. އެއީ ޕޯޗުގަލްގެ ލުއިސް ފީގޯ އާއެކު އެޤައުމުގެ ގޯލްޑަން ޖެނެރޭޝަންގެ ވަދާޢީ މުބާރާތެވެ. އަނެއްކޮޅުން ފްރާންސަށް ބަލާއިރު، އޭރުގައިވެސް ފްރާންސްގައި އޮތީ 2000 ވަނަ އަހަރު ޔޫރޯ ހޯދި ފްރާންސްގެ ޓީމެވެ. ފްރާންސްގައި އޭރުވެސް ނަގާކިޔަންހުރީ ކެޕްޓަން ޒިދާނެވެ. އޭރުގެ ޕޯޗުގަލް ކޯޗު ބްރެޒިލްގެ ލުއިސް ފިލިޕޭ ސްކޮލާރީ މެޗު ފެށުމުގެ ކުރިން ޕޯޗުގަލް ކުޅުންތެރިންނަށް ދިން އިންޒާރަކީ ފްރާންސްގެ ކުޅުންތެރިން އުމުރުން ދޮއްޓަކަސް ފުޓުބޯޅަ ކުޅެއް އާބައެއް ކަމުގައި ދެކިގެންނުވާނެއެވެ. އަނެއްކޮޅުން އެމުބާރާތަކީ ޒިދާނުގެ ވަދާޢީ މުބާރާތްކަމުގައިވާތީ، ޒިދާނު ނިކުންނާއި ނަފްސާނީ ގޮތުންވެސް ޕޯޗުގަލް ބަލިކޮށް ފްރާންސް ފައިނަލަށް ގެންގޮސް ދިނުމަށް ތައްޔާރުވެގެންނެވެ. ކަންވީވެސް ހަމަ މިބުނި ގޮތަށެވެ. 0-1 ގެ ނަތީޖާއިން ފްރާންސް އިން ޕޯޗުގަލް ބަލިކޮށް ވޯލްޑްކަޕް ފައިނަލަށް ދަތުރުކުރީއެވެ.

ފަހުގެ ތާރީޚުގެ ބައްދަލުވުން

ފްރާންސާއި ޕޯޗުގަލް ފަހުގެ ތާރީޚެއްގައި 2016 ވަނަ އަހަރުގެ ފަހުން ދެ ފަހަރަކު ބައްދަލުކުރިއެވެ. އެއީ 2020 ވަނަ އަހަރުގެ ނޭޝަންސް ލީގުގައެވެ. ފުރަތަމަ ލެގް ފްރާންސްގައި ކުޅެ ގޯލެއް ނުޖެހި ވީއެއްވަރެވެ. ދެވަނަ ލެގު ކުޅުނީ ޕޯޗުގަލްގެ ލިޒްބަންގައެވެ. އެމެޗު ފްރާންސް ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މިނަތީޖާއާއެކު ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް މުބާރާތުން ކަޓައިގެން ދިޔައީއެވެ.

ކޮންމެ އަކަސް މިރެޔަކީ ފްރާންސަށް 2016 ވަނަ އަހަރު ޔޫރޯ ގައި ލިބުނު ހިތްދަތިކަން ހިތުން ފޮހެލަން ލިބޭނެ ރަނުގެ ފުރުޞަތެވެ. މިހާރުގެ ފްރާންސް ޓީމުގެ ކުޅުންތެރިންނަށް ބެލި ނަމަވެސް ފްރާންސް އަދި ޕޯޗުގަލްގައި ތިބީ ޔޫރޯ 2016 ގައި ދެޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ. މިރޭ ފްރާންސަށް ޕޯޗުގަލް ބަލިކޮށްލެއްވިއްޖެނަމަ، ޕޯޗުގަލްގައި ކްރިސްޓިއާނޯ ރޮނާލްޑޯހުއްޓައި ފްރާންސަށް ޕޯޗުގަލް މުބާރާތުން ކަޓުވާލަން ދޮރެއް ހުޅުވައިދެވުނީއެވެ.

މިރޭގެ މެޗަށް ފްރާންސްއިން 3 ބަދަލެއް ގެންނާނެކަމުގައި ބެލެވެއެވެ. އެއީ، ފަހަތަށް ކުޅޭ ޕަވާޑުގެ ބަދަލަށް ސެވިއްޔާގެ ޑިފެންޑަރ ކަނޫޑޭ، ރެބިއޮޓްގެ ބަދަލަށް އެތުލެޓިކޯ މެޑްރިޑްގެ ތޯމަސް ލެމާރ އަދި ލޫކަސް ޑީނޭގެ ބަދަލަށް ލޫކަސް ހެނާންޑޭޒް ކުޅެން އަރުވާނެކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *