ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް، މަސްވެރިކަން ކުރިއެރުވުމަށް މަސްވެރިިންގެ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ ތަޖުރިބާކާރު ކެޔޮޅެއް ކަމަށްވާ "ހަމްދު-6″ ދޯނީގެ ކެޔޮޅު އަބްދުﷲ ރަޝީދެވެ. ކެޔޮޅުކަން ކުރާތާ ގިނަ ޒަމާންތަކެއް ވެފައިވާއިރު، އޭނާވަނީ 2000 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ހޮވި އެންމެ ޒުވާން ކެޔޮޅުގެ އެވޯޑްވެސް ހާސިލްކޮށްފައިވެއެވެ. މާލެއަށް ނިސްބަތްވާ އަބްދުﷲ ރަޝީދު ބުނީ މަސްވެރިންގެ ސިޔާސީ ޕާޓީއެއް އުފައްދުމަށް ކުރަންޖެހޭ މަސަކަތްކުރަމުންދާ ކަމަށެވެ.
ކެޔޮޅު ބުނީ އުންމީދަކީ އަންނަ ސެޕްޓެމްބަރު މަހު ޕާޓީ އުފެދިގެން ދިޔުން ކަމަށެވެ. މި ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރާނެ ކަމަށްވެސް އަބްދުﷲ ރަޝީދު ބުންޏެވެ.
"މަސްވެރިންގެ ތެރޭގައި ތަޢުލީމީ ޤާބިލް ޒުވާނުން އެބަތިބި. ޕާޓީއިން ނެރޭނީ ކިޔަވައިގެން ހުރި ކަމަށް ޤާބިލް މީހެއް،" އަބްދުﷲ ބުންޏެވެ.
އަބްދުﷲ ފާހަގަކުރިގޮތުގައި މަސްވެރިކަމަކީ އެންމެ ގިނަ ދިވެހިން މަސައްކަތް ކުރާ އެއް ދާއިރާއަށްވާއިރު، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރަން ބޭނުންވާ މެޖޯރިޓީ ލިބޭނެ ކަމަށެވެ. ޕާޓީ އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު މަސްވެރިންނާއި މަސްވެރި އާއިލާތަކުން ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ކެޔޮޅު ފާހަގަކުރިއެވެ.