Ad
ނާޒިމް: ރިޔާސީ އިންތިހާބު ކަމުގެ 
 އުންމީދު ބޮޑު ކަމަށް ވިދާޅުވި
ނާޒިމް: ރިޔާސީ އިންތިހާބު ކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރުންނާއެކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ އިންތިޚާބަށް އަމާޒު ހިފައިފި

ކާނަލް ނާޒިމް ޕްރައިމަރީގައި ވާދަކުރައްވާނެ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިސް ބޭފުޅުން މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސް ކޮންފަރެންސެއް ބާއްވާފައެވެ.  ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ރިޓަޔަރޑް ކާނަލް ނާޒިމް) އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތްކުރައްވާ މި ޕާޓީގެ ފުރަތަމަ ނޫސް ކޮންފަރެންސްގައި ތިއްބެވެނީ ނާޒިމްގެ އިތުރުން، މި ޕާޓީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވިގޮތުގައި 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެކުރާނެއެވެ. އެ އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތުން 2023 ގައި އަޅުގަނޑުމެންގެ ޕާޓީން ނުކުންނަ ކެނޑިޑޭޓަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ،" ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން އުފައްދަވައި ސިޔާސީ ޕާޓީގެ އަމާޒުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޕާޓީން ރިޔާސީ ރޭހަށް ބޭފުޅަކު ނެރޭނީ އެތެރޭގެ އިންތިހާބަކުން ކަމަށާއި އެ އިންތިހާބުގައި އެމަނިކުފާނުވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ނޫސް ކޮންފަރެންސްގައި އޭނާ އިތުރަށް ފާހަގަކުރެއްވީ އެ ޕާޓީ ހިނގާނީ ޑިމޮކްރެޓިކް ހަމަތަކާއި މެންބަރުންގެ ފުރިހަމަ މަޝްވަރާ އާއި ބައިވެރިވުން އޮންނާނެ ގޮތަކަށެވެ. އެމްއެންޕީން އިސްކަން ދޭނެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ވަކި ފަރާތަކަށް ބުރަ ނުވާ ހާރިޖީ ސިޔާސަތެއް ގެންގުޅުމާއި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމް ކުރުމާއި ސިފައިންނާއި ފުލުހުންގެ ގާބިލްކަން އިތުރު ކުރުން ހިމެނެ އެވެ. އަދި ވަޒީފާގެ ފުރުސަތު ހޯދައިދީ، މިނިވަންކަމާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް ތަނަވަސްކޮށްދިނުމަށް އެ ޕާޓީން ވައުދުވެ އެވެ.

އަދި ޕާޓީ ލީޑަރަކަށް އެއް ބޭފުޅަކަށް ހުރެވޭނީ ކަނޑައެޅޭ ވަކި މުއްދަތަކަށް ކަމަށް ވެސް ޕާޓީން ބުންޏެވެ.

ނާޒިމް އިސްވެ އުފައްދާ ސިޔާސީ ޕާޓީ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި އޭނާ އާއި އެ ޕާޓީގެ ބައެއް އިސްވެރިން މިއަދު މީޑިއާއާ ބައްދަލުކުރައްވަނީ.— ފޮޓޯ: ނިޝާން އަލީ/މިހާރު

ނާޒިމް ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީތަކުން ވަކި ލީޑަރެއްގެ ފަހަތުން "ދުވުމުގެ" ސަގާފަތަށް އެމްއެންޕީން މުޅިން ދެކޮޅު ހަދާ ކަމަށެވެ. އަދި އެ ޕާޓީގެ ލީޑާޝިޕްގައި ހަރަކާތްތެރިވާ ބޭފުޅުން ދެ އަހަރު ދުވަހަށް ވުރެ އިތުރަށް މަގާމުގައި ނުހުންނެވޭ ގޮތަށް އަސާސީ ގަވައިދު ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެންޕީގެ ކެންޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ނާޒިމް އިއުލާން ކުރެއްވިޔަސް އެ ޕާޓީން އަދި ކުރިއަށް ގެންދަނީ ސިޔާސީ ޕާޓީއެއް ގޮތުގައި ރަޖިސްޓަރީ ކުރުމުގެ މަސައްކަތެވެ. ނާޒިމް ވިދާޅުވި ގޮތުގައި މާލޭގައި ވަރަށް އަވަހަށް ޖަގަހައެއް ހަދައި، ރަޖިސްޓްރޭޝަންގެ މަސައްކަތް ފަށާނެ އެވެ. އަދި ގިނަ ބަޔަކު އެ ޕާޓީއާ ގުޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޕީ ވުޖޫދަށް އައިސްފި ނަމަ އެ ޕާޓީ ވާނީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީއަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *