Ad
މިނިވަންކަމުގެ ދިފާޢުގައި ދިވެހިންގެ ނަމުގައި ޕީޕީއެމުން ފެށި ކެމްޕޭނުގައި އަދުރޭ ވާހަކަ ދައްކަވަނީ: ފޮޓީ ޕީޕީއެމް މީޑިޔާ
މިނިވަންކަމުގެ ދިފާޢުގައި ދިވެހިންގެ ނަމުގައި ޕީޕީއެމުން ފެށި ކެމްޕޭނުގައި އަދުރޭ ވާހަކަ ދައްކަވަނީ: ފޮޓީ ޕީޕީއެމް މީޑިޔާ

ކުރިއަށް އޮތީ ހަލަބޮލި ދުވަސްތަކެއް ކަމުގެ ސާފު އިޝާރާތް

ސިޔާސީ މަސައްކަތް ކޮށްގެން ވެރިކަމަށް އާދެވޭނީ ގައުމު އޮވެގެން: އަބްދުއްރަހީމް

މިނިވަންކަމުގެ ދިފާޢުގައި ދިވެހިން" ޕީޕީއެމާއި ޕީއެންސީ އިސްވެ އޮވެ، ރޭ އިފްތިހާހު ކުރި ހަރަކާތަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވާނެ ކަމުގެ ސާފު އިޝާރާތެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. ކެމްޕޭން ހިންގަނީ ޤައުމު މިނިވަންކުރުމުގެ ނަމުގައެވެ. މިކަން ތަރުތީބުވާނީ ސީދާ ހަރަކާތެއްގެ ގޮތުގައެވެ.

ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ގޮތުގައި ގައުމު ސަލާމަތް ކުރަން އެ ޕާޓީ އާއި އެހެން ޕާޓީތަކުގެ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. ގައުމުގެ މިނިވަންކަން ނާޒުހު ހާލަތެއްގައި ވާކަން ފާހަގަކުރައްވައި އަދުރޭ ވަނީ ސިޔާސީ ހުރިހާ ލީޑަރުންނަށް އެ ކެމްޕޭނުގައި ބައިވެރިވުމަށް އާންމު ދަޢުވަތެއް ދެއްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމާއި، މޯލްޑިވްސް ނެޝަނަލް ޕާޓީގެ އިސް ހަރަކާތްތެރިޔާ ދަނގެތީ ދާއިރާގެ މެންބަރު ރިޓަޔާރޑް ކާނަލް ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމު ވެސް ޕީޕީއެމާއެކު އެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

"ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވާ ހުރިހާ ބޭފުޅުން ކުރައްވަންވީ ކަމަކީ އަޅުވެތި ކަމުން ސަލާމަތްކޮށް، ފަހުރުވެރި މިނިވަންކަން ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ. "އިސް ސަފުގައި ޕާޓީ ހައްދަވައިގެން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން މި ގައުމީ ހަރަކާތުގައި ބައިވެރިވާން ގޮވާލަން. ސިޔާސީ މަސައްކަތް ކޮށްގެން ވެރިކަމަށް އާދެވޭނީ ގައުމު އޮވެގެން،"

ޕީޕީއެމުން މީގެ ކުރިން ވެސް އެކި ސްލޯގަންގެ ދަށުން މީޑިޔާ ކެމްޕޭނާއި މަގުމަތީ ހަރަކާތްތައްވެސް ވަނީ ހިންގާފައެވެ. މުޒާހަރާތައް މެދުކެނޑުނީ ކޮވިޑްގެ ހާލަތު ގޯސްވެ، ލޮކްޑައުން އަށް ދިއުމުންނެވެ. އޭގެ ފަހުން އެ ޕާޓީން ގެންދަނީ މީޑިޔާ ކެމްޕޭން ވަރުގަދަކޮށްފައެވެ.

ރޭ ޕީޕީއެމުން މި ފެށި ހަރަކާތަކީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ ވެށި އިތުރަށް ހަލަބޮލޮވެގެން ދާނެކަން ރަމްޒުކޮށްދޭ ކަށަވަރު މަސައްކަތެކެވެ. މީޑީޔާ ކެމްޕޭނުގެ އިތުރުން މުޒާހަރާތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާރަވެރިވުމުގެ ހަރަކާތްތައް ފުޅާވާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

އެމްޑީޕީގެ އެތެރެއިން ކުރިމަތިވާ ޕްރެޝަރާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ތައްޔާރުވަމުން މިދާ ސީދާ ހަރަކާތްތަކުގެ ސަބަބުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރަށް ދަތި ދުވަސްތަކަކާ ކުރިމަތިވާނެއެވެ. ސަރުކާރަށް އޮތް ހައްލަކީ ދުރާލައި، ރޭވުންތައް ރާވައި، ކޮންމެ ހާލަތަކަށް ވެސް ކުރިމަތިލާން ތައްޔާރުގެން ތިބުމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *