ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ފުލުހުން ތަހުގީގު ނިންމާފައިވާ މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި ދައުވާކުރަން ފޮނުވާފައި ވަނީ އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ އަދުހަމް އަހުމަދު ރަޝީދު، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އާއި އަލީ ހައިޝަމްގެ މައްސަލައެވެ.
އެ ހަތަރު މީހުންގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް އެއްކޮށް އުފުލާފައިވާއިރު، އެ ދައުވާތައް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް 50 އަހަރާ ގާތްކުރާ މުއްދަތުގެ ދަލު ހުކުމް އަންނާނެއެވެ.
އެމީހުންގެ މައްޗަށް ވަކިވަކިން އުފުލާފައިވާ ދައުތަކުގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމްގެ ހިންގުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި އެފަދަ ޖަމާއަތަކަށް ތާއީދުކުރުމާއި ބިރުދެއްކުމާއި ނުރައްކާތެރި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހެއްގެ ފުރާނަ ގެއްލުވާލަން އުޅުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމާއި ގޮވާ ތަކެތި އުފުލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ޕީޖީ ވިދާޅުވީ އެ ދައުވާތައް ސާބިތުވާވަރުގެ ހެކިތައް އެބަހުރި ކަމަށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް
ދައުވާ ނުކުރުމަށް މިވަގުތަށް ޕީޖީ އޮފީހުން ވަނީ ނިންމަވާފައެވެ.