Ad

ރަށާއި އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ބަހުސްތައް ކްލަބް ހައުސްގައި

ރަށާއި އަތޮޅުގެ ތަރައްގީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޝްވަރާ ހޯދުމަށް "ކްލަބް ހައުސް"ގައި ޖަލްސާތައް ބާއްވަން ފަށައިފިއެވެ. ފަހަކަށް އައިސް ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ، އެއްފަހަރާ ގިނަ ބަޔަކަށް އޮން ލައިންކޮށް އެއް ފޯރަމެއްގައި ވާހަކަ ދައްކާލެވޭ ކްލަބް ހައުސް މެދުވެރިކޮށް ރަށާއި އަތޮޅު ތަރައްގީގެ މަޝްރޫއުތަކަށް ރައްޔިތުންގެ ޚިޔާލު ހޯދަން ފެށީ ކޮވިޑްގެ ސަބަބުން ގައިދުރުކަން ބަހައްޓަން މަޖުބޫރުވެފައިވާތީއެވެ.

ކޮވިޑްގެ ސަބަބުން މޮނިޓަރިންގައި އޮތް ހއ. ދިއްދޫއިން ކްލަބް ހައުސްގައި މަޝްވަރާތައް ކުރުމުގައި ރަށުގެ ޒުވާނުންގެ އިސްނެގުން ވެސް ހިމެނެއެވެ. ކުޅުދުއްފުށިން ވެސް ވަނީ ކުރިން އިއުލާނުކޮށް އާންމުކޮށް އެންމެނަށް ދައުވަތު ދީގެން ކްލަބް ހައުސްގެ މަޝްވަރާތައް ބާއްވާފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ކްލަބް ހައުސްގެ ޖަލްސާތައް މެދުވެރިކޮށް ރައްޔިތުންއެކު ކައުންސިލްތަކުން ގެންދަނީ މަޝްވަރާ ހިންގަމުންނެވެ.

ކްލަބް ހައުސްގެ މަޝްވަރާތައް ރައްޔިތުންނާއެކު ރަށްރަށާއި އަތޮޅުތަކުން ބާއްވަން މި ފެށީ ލާ މަރުކަޒީ ގާނޫނުގެ ދަށުން، ރަށާއި އަތޮޅު ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން، ރައްޔިތުންގެ އެ ޕްލޭންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ސުންގަޑި ކައިރި ވެފައި ވަނިކޮށެވެ. މިހާރު އޮތް ގޮތުން މި މަހުގެ 17 އާ ހަމައަށް ރަށްރަށާއި އަތޮޅުތަކުގެ ޕްލޭންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އެއީ ގާނޫނުން ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތު ހަމަވާ ތާރީހެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްލޭންތައް ހުށަހެޅުމަށް ގާނޫނުން ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތު ހަމަވާއިރު ކައުންސިލުތަކަށް އެ މަސައްކަތް ނުނިންމޭނެތީ މުއްދަތު އިތުރުކޮށްދިނުމާމެދު ލަސްނުކޮށް ގޮތެއް ނިންމާނެއެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ބުނީ ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ޕްލޭންތައް އެކުލަވާލަން ބުނެފައިވާތީ، އެކަން ފުރިހަމަ ކުރުމަށް ކޮވިޑާ ދެކޮޅަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރަސްއަޅާ ކަމަށެވެ. އަދި އެކަން ރަށްރަށާއި އަތޮޅުތަކުން އެ އޮތޯރިޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *