Ad
ހިޖުރީ އާއަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޚިތާބު ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ހިޖުރީ އާއަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޚިތާބު ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

އަނެކުންގެ ފުރާނައާއި މުދަލަށް ރައްކާތެރިކަމާއި އަމާންކަމާއި ހިމާޔަތް ދޭން ޖެހޭނެ: ރައީސުލްޖުމްހޫރިއްޔާ

ކޮންމެ ފަރުދެއްގެ އިންސާނީވަންތަ ކަމަށް ޙުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމާއި، އަނެކުންގެ ފުރާނައާއި މުދަލަށް، ހަމަ ކޮންމެ މީހަކުމެ، ރައްކާތެރިކަމާއި އަމާންކަމާއި ޙިމާޔަތް ދޭން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ހިޖްރައިން 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

އެ މަނިކުފާނުގެ ޚިޡާބުގައި، މިއުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތައްކުގެ ވެރިންނަށާއި، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް ވަނީ ފޮނުއްވާފައެވެ.

ހިޖްރައިގެ ހާދިސާއަކީ، އެފަދަ ދެވަނައެއް ނެތް މަތިވެރި ނަމޫނާ ތަކެއް މުޅި އިންސާނިއްޔަތަށް ދޫކުރެއްވި، މަތިވެރި ހާދިސާއެއްކަމުގައި ވިދާޅުވެ، ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ހިޖްރައިގެ ހާދިސާއިން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، އަޅުގަނޑުމެންގެ ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ހިޖުރައިގެ މަތިވެރި ޒިކުރާއާ ގުޅުވައިގެން މުސްލިމުން ތާރީޚު ޖަހަމުން އަންނަނީ، ނަބަވީ ހިޖްރައިން މުޅި އިސްލާމީ އުންމަތަށް ދައްކަވާފައިވާ މަތިވެރި ނަމޫނާތަކުން ޢިބްރަތް ޙާޞިލްކުރުމުގެ ބޭނުމުގައެވެ.

ރައީސުލްޖުމްހުރިއްޔާ އިތުރަށް ވިދާޅުވެފައި ވަނީ ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ، ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން، އެންމެހައި މުސްލިމުންނަކީ، އިންސާނީ އަޚްވަންތަކަމާއި، މާތް اللهُގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމަށާއި، ތަރައްޤީއާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް، އިސްލާމީ އުންމަތް ވެގެން ދިޔައީ، އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުން ކަމުގައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި، މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަޚުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ދިވެހި މުޖްތަމަޢުވެސް އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުޢާމަލާތުކުރާ ބަޔަކަށް މިއަދު ބޭނުންވާކަމުގައި ވިދާޅުވެ، ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖްތަމަޢުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ބޭނުންވާކަމުގައި ވިދާޅުވެފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *