ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލު ސަރުކާރުން ފުރަތަމަ ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަކީ މިހާރު ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
"ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ ގޮތަށް ފާސްވާން ޖެހޭ ބިލެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބައެއް ބިލު އަނބުރާ ގެނެސްފައިވާކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ނަފްރަތުގެ ބިލާމެދު އާންމުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކަށް ބައްލަވައި އެބިލަށް ސަރުކާރުން ވާނީ އިސްލާހު ހުށަހަޅުއްވާފައެވެ. އޭގެ ބައެއް އިސްލާހު ކޮމިޓީގެ މަރުހަލާގައި ގެނެސްފައިވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނަފްރަތުގެ ބިލު ފާސްވާން އެދެނީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ އެކުގައި ކަމަށެވެ. އެކަމާ ގުޅިގެން އެމަނިކުފާނަށް ފާޑުކިއުންތައް އަމާޒުވުމަކީ މައްސަލައެއް ނޫން ކަމަށާއި އެމްޑީޕީ ކަހަލަ ބު ޕާޓީއެއްގައި ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށް ދެކިލައްވާ ކަމަށެވެ.
"އެމްޑީޕީއާއި ޕީޕީއެމް އެކުގައި މަސައްކަތްކުރުމަކީ ބޭނުންވާ ގޮތެއް ނޫން"
އެމްޑީޕީއާއި ޕީޕީއެމް ކޯލިޝަން ހެދުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނިއުސް ކޮންފަރެންސްގައި މިއަދު ވިދާޅުވިއެވެ. " އެމްޑީޕީ އާއި ޕީއެމްއެމްއާ ދެ ފަރާތުގައި ތިބެގެން (ސިޔާސީ)މަސައްކަތް ކުރަން ޖެހޭނީ."
ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން ބޭނުންފުޅު ނުވަނީ ރާއްޖޭގައި އޮތް މަލްޓި ޕާޓީގެ ނިޒާމް ނިމުމަކަށް އައުމުގެ ބިރުވެރިކަން އެތޮމުންނެވެ. އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕީޕީއެމްއާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"ޕާޓީގެ ޗެއާޕާސަން ވިދާޅުވިއަސް އެއީ އެމްޑީޕޯގެ ނިންމުމެއް ނޫން. ޕާޓީގެ އެއްވެސް ނުނަވަނަކުން އަދި އ އެގޮތަކަށް ނުނިންމާ. ރައީސް ނަޝީދު ރައީސް ޔާމީނާއެކީ މަސައްކަތް ކުރެވިދާނެ. އެކަމަކު ދެ ފިޖުރު އެކުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ރާއްޖޭގައި އޮތީ ސިޔާސީ ގޮތުން މައިގަނޑު ދެ ފިކުރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
"ކުއްލި ނުރައްކާ އިއުލާން ކުރަން ޖެހޭ ހާލަތެއް ނެތް"
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން އެމްޑީޕީގެ ގައުމީ މަޖިލޯހުގެ ހަނި އަޣުލަބިއްޔަތުން ނިންމާފައި ވީނަމަވެސް، ކުއްލި ނުރައްކާ އިއުލާންކުރަން ޖެހޭ ހާލަތެއް ރާއްޖޭގައި ނެތް ކަމަށް ވެސް މިއަދުގެ ނޫސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް އެމްޑީޕީން ފާސްކުރި ގައުމީ މަޖިލީހުގެ ޖަލްސާއަށް ގިނަ މެމްބަރުން ހާސިރު ނުވީވެސް އެކަމަށް ތާއީދު ނުކުރާތީއާއި ރައީސް ނަޝީދުގެ ހުށަހެޅުއްވުމަކަށް އެމަނިކުފާނުގެ ކުރިފުޅު މަތީގައި ނޫނެކޭ ބުނަން ގިނަ މެންބަރުން ބޭނުން ނުވުމުންނެވެ.
"އިންކުއަރީ ރިޕޯޓަށް އަމަލުކުރަން މަސައްކަތް ފަށައިފިން"
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ވަރަށް މުހިއްމު ކަންކަން ފާހަގަކޮށްފައި އެބަ ހުރި ކަމަށާއި އެ ރިޕޯޓަށް އަމަލުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެއެވެ.
"އެކަންކަން ތަންފީޒު ކުރުމުގެ ތާވަލެއް އެކުލާލައިފި. މާދަމާ އޮންނަ ގައުމީ ސަލާމަތާ ބެހޭ މަޖިލިހަށް އެކަން ހުށަހަޅާނަން،" ރައީސް ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓެއް ހަދައި އެ ރިޕޯޓް ވެސް މިހާރު ނިމިފައި ވާއިރު، މުވައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާ ކުރުމުގައި އެއް މުވައްސަސާއެއްގެ އެކި ޑިޕާޓްމަންޓްތަކުގެ މެދުގައި އެ މައުލޫމާތު ހިއްސާކުރުމުގެ މައްސަލަ ވެސް ފާހަގަ ކުރެވިފައި އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މަހްލޫފުގެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމުން މުހިއްމު"
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގުކޮށް މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި ހިސާބުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މަގާމުން ސަސްޕެންޑް ކުރައްވާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ މައްސަލައިގައި ޕްރޮސިކިއުޓަ ޖެނެރަލް ވީއެންމެ އަވަހަކަށް ގޮތެއް ނިންމެވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން މަހްލޫފުގެ ސިޓީއެއް ލިބިވަޑައިގެންފައި އެބަ އޮތްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މަހްލޫފުގެ ސިޓީގައި ތަހުގީގީ މަރުހަލާގައި ހިނގާފައިވާ ކަން ކަންތައްތަކުގެ ކަންބޮޑުވުން ހިމަނުއްވާފައި ވާތީ އެކަން މިހާރު ބައްލަވަމުން ގެންދަވާ ކަމަށެވެ.
އެއީ އެސްއޯއެފްގެ ކުރީގެ އެކައުންޓެއްޓްކަން ކުރި ސްރީލަންކާގެ ރައްޔިތެއްގެ ކިބައިން ތަހުގީގަށް ބަޔާން ނެގިއިރު ރާއްޖޭން ސިލޯނަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު އެތަނުގައި ހުންނެވުމަކީ ސިޔާސީ ނުފޫޒު އެކަމުގައި އޮތް ކަމެއްގެ ގޮތުގައި މަހުލޫފުގެ ސިޓީގައި ވަނީ ސިފަކުރައްވާފައެވެ.
ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަން ހިނގާފައިވާ ގޮތް ރައީސް މިހާރު ގެންދަވަނީ ބައްލަވަމުންނެވެ.