ތ. އަތޮޅުން 500 އަށްވުރެ ގިނަ މެންބަރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިއްޖެ އެވެ.
ސޮއިކުރި މީހުންގެ ތެރޭގައި ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލާއި އެ ކައުންސިލް މެންބަރު އަލީ އައްސަދު ހިމެނެއެވެ. އަދި ތ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ހިމެނެއެވެ.
ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ އެމްއެންޕީއާ ތ. އަތޮޅުން ގިނަ ބަޔަކު ގުޅުނު އިރު، އެއީ އޭނާއާއެކު ސިޔާސީ ކަންކަމުގައި މަސައްކަތް ކުރައްވާ އަބްދުﷲ ރިޔާޒްގެ ދާއިރާ ހިމެނޭ އަތޮޅެކެވެ. ތިމަރަފުށި ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ފައުންޑިން މެމްބަރު ރިޔާޒް ވަނީ މިދިޔަ ހަފުތާގައި ތ. އަތޮޅަށް ވަޑައިގެން އެ ޕާޓީ އަށް މީހުން ހޯދުމުގެ ކެމްޕެއިނެއް ކުރައްވައިފަ އެވެ.
އެމްއެންޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ މަހު 15 ގަ އެވެ. އެ ޕާޓީ ވުޖޫދުވުމާއެކު ވެގެން ދާނީ ރައްޔިތުންގެ މަޖިލީހުގައި ތިން ވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީ އަށެވެ.
އެމްއެންޕީ އިން ބުނި ގޮތުގައި ޕާޓީން މިހާރު އެންމެ ހަލުވި ކަމާއެކު ކުރިއަށް ދަނީ ޕާޓީއަށް މީހުން ވެއްދުމުގެ މަސައްކަތެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފޯމް ފުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ޕާޓީން ބުނެއެވެ.