Ad

މެސީ އާއެކު ފްރެންޗް ލީގު ދެކެފައިވާ މޮޅެތި ފުޓުބޯޅަ ކުޅުންތެރިން

ފުޓުބޯޅައިގެ ދުނިޔޭގައި މިއަހަރު ހިނގި އެންމެ ހައިރާންކުރަނިވި ކަމަކީ ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނެލް މެސީ 21 އަހަރަށްފަހު ސްޕެއިންގެ ބާސެލޯނާ ދޫކޮށް ފްރާންސްގެ މުއްސަނދި ކްލަބް ޕީ.އެސް.ޖީ އަށް ހިލޭ ޓްރާންސްފަރ އެއްގައި ބަދަލުވުމެވެ. މިއަދާ ހަމައަށްވެސް މިޙަޤީޤަތް ޤަބޫލުކުރަން ދަތި ފުޓުބޯޅައަށް ލޯބިކުރާ އެތަށް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. ލިއޮނެލް މެސީއަކީ އެންމެ ޅަ އުމުރުގައި ސްޕެއިން ލީގުގެ ވަރުގަދަ ކްލަބު ބާސެލޯނާގެ ޔޫތު އެކަޑަމީއިން ތަމްރީނުވެފައިވާ އަދި ބާސެލޯނާގެ ފުޓުބޯޅައިގެ ދިގު ތާރީޚުގައިވެސް އެކްލަބުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ލިއޮނެލް މެސީ ފްރާންސްގެ ޕީ.އެސް.ޖީ އަށް ބަދަލުވުމާއެކު ފްރާންސްގެ ފުޓުބޯޅައަށް ކުރާނެ އަސަރުތަކަކީ ނުވަތަ އަންނާނެ ބަދަލުތަކަކީ ކޮން ބަދަލުތަކެއްބާއެވެ.

ފްރެންޗް ލީގަކީ ފްރާންސްގެ ފުޓުބޯޅައިގެ އެއްވަނަ ލީގެވެ. ފްޓުބޯޅައިގައި ކިޔަނީ "ލީގް 1″ އެވެ. ފްރެންޗް ލީގަކީ މުޅި ދުނިޔޭގެ ގަދަ 5 ފުޓުބޯޅަ ލީގުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ލީގެވެ. ފްރެންޗް ލީގުގެ ތާރީޚުގައި އެލީގުގައި ކުޅެދީފައިވާ ކުޅުންތެރިންނަކީ ދުނިޔޭގެ ފުޓުބޯޅައިގާ އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނެވެ. ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ދެމުން އައި މަޝްހޫރު ބެލޮންޑޯ ހޯދި އެންމެ ގިނަ ކުޅުންތެރިން އެ ލީގަކަށް ކުޅެފައިވާ ލީގަކީ ފްރެންޗް ލީގެވެ. ބެލޮންޑޯ ހޯދި 6 ކުޅުންތެރިޔަކު ފްރެންޗް ލީގުގައި ކުޅެފައިވެއެވެ. އެއީ، ފްރާންސްގެ ރެއިމްސް އަށް ކުޅުނު ފްރާންސްގެ ރޭމަންޑ ކޯޕާ، ފްރާންސްގެ ސެއިންޓް އެޓިއެން އަށް ކުޅުނު ފްރާންސްގެ މިޝެއިލް ޕްލެޓިނީ، ފްރާންސްގެ މާސޭ އަށް ކުޅުނު ފްރާންސް ޖީން ޕިއެރޭ ޕަޕިން، ފްރާންސްގެ ބޯޑޯ އަށް ކުޅުނު ފްރާންސްގެ ޒައިނުއްދީން ޒިދާން، ފްރާންސްގެ ޕީ. އެސް. ޖީ އަށް ކުޅުނު ލައިބީރިއާގެ ޖޯޖު ވިއާ އަދި ބްރެޒިލްގެ ރޮނާލްޑީނިއޯ އެވެ.

ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގެ ޗެމްޕިއަނެވެ. ފްރާންސްގެ ފުޓުބޯޅައިގެ ޔޫތު ސިސްޓަމަކީ ދުނިޔޭގެ މިވަގުތު އޮތް އެންމެ ވަރުގަދަ ޔޫތު ސިސްޓަމެވެ. ޚާއްޞަކޮށް، ޕީ.އެސް.ޖީ، ލިޔޯން، ލިލް، ރެނީސް، މާސޭ، ބޯޑޯ އަދި މޮނާކޯ ފަދަ ކްލަބުތަކުން ތަމްރީނުވެ އެތަކެއް މޮޅެތި ކުޅުންތެރިންނެއްވަނީ ބައިނަލް އަޤްވާމީ ފުޓުބޯޅައަށް ނިކުފައެވެ. ތިރީގައިވަނީ ފްރެންޗް ލީގުގައި ކުޅުނު ފްރާންސްއަށް ނިސްބަތްނުވާ މަޝްހޫރު ކުޅުންތެރިންނެވެ. އެގޮތުން،

  • ޖުނީނިއޯ (ބްރެޒިލް)
  • އަބިޑި ޕެލޭ (ގާނާ)
  • ޑޭވިޑް ބެކަމް (އިންގްލެންޑް)
  • ޒަލަޓާން އިބްރަހިމޮވިޗް (ސްވިޑްން)
  • އެޑިސަން ކަވާނީ (އުރުގުއޭ)
  • ހަމޭސް ރޮޑްރިގޭޒް (ކޮލޮމްބިއާ)
  • ޖިއަން ލުއިޖީ ބުފޯން (އިޓަލީ)
  • ޕެޑްރޯ ޕައުލެޓާ (ޕޯޗުގަލް)
  • މާރިއޯ ބަލެޓޮއްލީ (އިޓަލީ)
  • ޖޭޖޭ އޮކޯޗާ (ނައިޖީރިއާ)
  • ޑިޑިއޭ ޑްރޮގްބާ (އައިވަރީ ކޯސްޓް)
  • މައިކަލް އެސިއެން (ގާނާ)
  • ރަޑަމެލް ފަލްކާއޯ (ކޮލޮމްބިއާ)
  • އެޑެން ހަޒާޑް (ބެލްޖިއަމް)
  • ތިއާގޯ ސިލްވާ (ބްރެޒިލް)

ފްރާންސްގެ ފުޓޯބޯޅައިގެ ނިޒާމުގެ ތެރެއިން ތަމްރީނުވާ ކޮންމެ ކުޅުންތެރިއަކީ މިއަދު ނަން މަޝްހޫރު މޮޅު ކުޅުންތެރިއެކެވެ. ފްރާންސްގެ ކްލެއަރފޮންޓެއިން އުފެދުނު ފަހުން، ފްރާންސްގެ ކަރިމް ބެންޒެމާ، ޚާތިމް ބެން އާފާ، ފްރޭންކް ރިބެރީ، ނަބީލް ފެކީރް، އުސްމާން ޑެމްބެލޭ، ކީލިއަން އެމްބާޕޭ، އެންތަނީ މާޝިއަލް، ކިންގްސްލޭ ކޯމަން، ރަފައެލް ވަރާން، ހޫގޯ ލޮރިސް، މޫސާ ޑިއާބީ، ޕައުލް ޕޮގްބާ އަދި ކަމަވިންގާ އަދި ޖޮނަތަން އިކޯނޭ، އިސްހާކް އިހާޖީ ފަދަ އެތަކެއް ހުނަރުވެރި ކުޅުންތެރިންނެއް އުފެދިގެން ހިނގައްޖެއެވެ. މިއަދު ފްރާންސްގެ ލީގަކީ ހުނަރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ލީގެކެވެ.

ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ ފްރާންސްގެ ޕީ.އެސް.ޖީ އަށް ސޮއިކުރުމާއެކު ފްރާންސް ލީގުގެ ފޯރި އިހުނަށްވުރެ ގަދަވާނެކަން ޔަޤީނެވެ. ޚާއްޞަކޮށް ފްރާންސްގެ ފުޓުބޯޅައިގެ ޗެމްޕިއަންކަން ލިލް ހޯދިފަހުން ކްލަބްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިހުނަށްވުރެ ބޮޑެވެ. މެސީ ފްރާންސް ލީގަށް ކުޅެން އެއްބަސްވުމަކީ ހުނަރުވެރިންގެ ތެރެއަށް އެއްފަހަރާ އެއްކޮށްލި 100 ހުނަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *