Ad

ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަ: ރައީސުލްޖުމްހޫރިއްޔާ

ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލު އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައި ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖީލަކަށްފަހު ޖީލެއް މަސްތުވާތަކެތީގައި ޖެހި ހަލާކުވަމުން ދާކަމަށާއި މިކަމުގައި ހުރިހާ އެންމެން އެއްކޮށް ތެދުވެ މަސައްކަތް ކޮށްގެން ނޫނިއްޔާ މިކަމަށް ޙައްލެއް ލިބޭނެ ކަމަށް ގަބޫލުނުކުރައްވާކަމަށެވެ. މި ދެކަންތަކަށްވެސް އޮތް އެންމެބޮޑު ޙައްލަކީ، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުންކަމަށާއި ކުޑައިރުއްސުރެ ފަށައިގެން، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ދަރިވަރުންނަށް ތަޢުލީމުދީ، މުޖުތަމަޢުގެ ތެރޭގައި ހުރި މިފަދަ ކަންތައްތަކުން ދުރުކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކަށް ބާރުއަޅައިދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ސަރުކާރުން މިހާރުވަނީ މިއަދާ ހިސާބަށް އައިއިރުގައި، މި ދެކަމަށްވެސް ރަނގަޅު ޕްލޭނެއް އެކުލަވައިލެވިފައި. ހަރުކަށި ފިކުރާ އިދިކޮޅަށް، އެކަން ހުއްޓުވުމަށްޓަކައި ކުރަންހުރި ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ރާވައި، އެ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ޕްލޭން، އިރާދަކުރެއްވިއްޔާ މިހާރުވަނީ ނިމިފައި. ހަމައެގޮތަށް މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އޭގެ ޕްލޭނެއްވެސް އެކުލަވައިލެވި، ޢަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި." ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ 3 އަހަރުގެ ކުރިން އެމަނިކުފާނު އޮމަދުއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި އެ ދަތުރުފުޅުގައި ރައްޔިތުންނާއި ކައުންސިލުން އެންމެބޮޑަށް ބޭނުންވީ ލަފާފުރުމުގެ ދަތިކަމަށް ޙައްލެއް ހޯދުންކަން ފާހަގަކުރައްވައި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މިއަދު އެކަމަށް ހައްލެއް ލިބިގެންދިއުމަކީ ވަރަށްބޮޑު އުފާވެރިކަމެއް ގެނެސްދޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.

"މި ސަރުކާރު ވެރިކަމަށް އައުމާ އެކީގައި، އަޅުގަނޑުމެން ނިންމި ނިންމުމަކީ، ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެއީ ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅުނު ކަމުގައިވިޔަސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދޭން. އެއީ ފުރަތަމަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަން ނިންމި ކަންތައް. ވީ ވަޢުދު. އެއީ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދިނުން. ލަފާފުރުމުގެ ދަތިކަން ހުރި ރަށް ރަށަށް އެކަން ޙައްލުކޮށްދިނުން. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން. ރަނގަޅު ފެންވަރުގެ ތަޢުލީމީ ނިޒާމެއް ރަށުގައި ޤާއިމުކުރުން. ޞިއްޙީ ޚިދުމަތް އެ ރަށަކުން ލިބޭގޮތް ހަދައިދިނުން. އިރާދަކުރެއްވިއްޔާ، އެ ޕްލޭނާ އެއްގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ." ރައީސް ސޯލިހު ވިދާޅުވިއެވެ.

އޮމަދޫގެ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓުގެ އަގަކީ 32,217,980.66 ރުފިޔާއެވެ. މި ބަނދަރާއެކު އޮޑިއެހެލާ ސަރަހެއްދެއްވެސް މި ޕްރެޖެކްޓުގެ ދަށުން ހަދާފައިވެއެވެ.

އޮމަދޫގެ ރައްޔިތުން އެދުނު އަނެއްކަމަކީ ކަރަންޓްގެ ޚިދުމަތް ރަނގަޅުކޮށްދިނުމަށް ކަމަށާއި މިހާރު ފެނަކައިގެ ފަރާތުން އެރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް، އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކޮށް އަދި ރަށުގައި އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ގުޅައިދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޮމަދޫގެ ފެނާ ނަރުދަމާ ނިޒާމާއި ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ބަލި ރާއްޖޭގައި ކޮންޓްރޯލުކުރެވިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ދެން އެންމެން އެކުގައި މަސައްކަތްކުރަންވީ އިތުރަށް ފަހަތަށް ނުގޮސް މި ލިބުނު ކާމިޔާބީގައި ހިފެހެއްޓުމަށް ކަމުގައެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން 2020ވަނަ އަހަރު ދައުލަތަށް 23 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަނދާޒާކުރި ނަމަވެސް އަހަރު ނިމުނުއިރު ލިބުނީ 10 ބިލިއަން ރުފިޔާގެ އާމްދަނީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ އުނިކަން ފޫބެއްދުމަށް ސަރުކާރުން ގިނަ ލޯނުތަކެއް ނަގައި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އަލުން ކޮވިޑް ފެތުރުނަ ނުދީ ހިފެހެއްޓޭނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްގެންކަން ފާހަގަކުރައްވައި ޚާއްޞަކޮށް ގެސްޓްހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން މިކަމުގައި އިތުރު ސަމާލުކަމެއްދީގެން މަސައްކަތް ކޮށްދެއްވުމަށް އެ ފަރާތްތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑްގެ ކަރަންޓީނު ސްޕޮޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ރާއްޖެ ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާ އެހެންކަމުން ގެސްޓްހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރަމުން ގެންދާކަން ކަށަވަރުކުރުމުގެ ގޮތުން މިއަދުން ފެށިގެން އެތަންތަނުގެ އިސްޕެކްޝަނެއް ކުރިޔަށްގެންދަވަން ނިންމަވާފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން އަމަލުކުރާނަމަ އަނެއްކާވެސް ކޮވިޑްގެ ދަތިހާލަތު އަނބުރާ ރުޖޫއަ ވެދާނެތީ، އެގޮތަށް ވުމުގެ ފުރުޞަތު ނުދިނުމަށް އެދިވަޑައިގަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *