Ad

މާފުށީ ޖަލުގައި ބަންދު ކޮށްފައި ހުރި މީހަކަށް ބޭސް ފަރުވާ ނުލިބޭތީ، އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް

މާފުށީ ހައި ސެކިއުރިޓީ ޖަލުގައި ބަންދުކޮށްފައިހުރި ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާގެ، މޫސާ އިނާސްގެ ޞިއްހީ ޙާލަތު ދަށްވެ، އެކަށީގެންވާ ފަރުވާއެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފޯރުކޮށްދީފައި ނުވާތީ، އެމައްސަލަ ތަޙްޤީޤުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މޫސާ އިނާސްގެ ދިފާޢީ ވަކީލު ހިއުމަން ރައިޓްސް ކޮމިޝަނަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް އިރުވަރު ނޫހަށް ވަނީ ލިބިފައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، މޫސާ އިނާސް ކޮޅަށް ހުރުމާއި، ހިނގާ ބިގާވެ އުޅެން ވެސް ދަތިކަމުގައި ބަޔާން ކޮށްފައި ވެއެވެ. އެކަމަށްޓަކައި އެކަށީގެންވާ ފަރުވާއެއް މިއަދާއި ހަމައަށް ވެސް ނުލިބޭ ކަމުގައި ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

މިފަހަކަށް އައިސް ބަންދު މުރާޖަޢާ އަޑުއެހުން ތަކުގައި ޞިއްޙީ އިހުމާލުތަކާއި، އެކަށީގެންވާ ފަރުވާ ނުލިބޭތީ އެކަމުގެ ޝަކުވާ ދަޢުވާ ލިބޭ ފަރާތްތަކުން ކުރަމުން އާދެއެވެ.

މީގެ ކުރީގައިވެސް ފުލުހުންނާއި އެމް. އެން. ޑީ. އެފް އަދި ކަރެކްޝަންސް އިން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޫސާ އިނާސްގެ ގައިގަ ތަޅައި އަނިޔާކުރި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ޢާއިލާގެ ފަރާތުން ހުށަހަޅާފައެވެ. އެހެން ނަމަވެސް، އެ މައްސަލާގެ ތަޙްޤީޤު ވެސް ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދާއި ހަމައަށް ވެސް ނިންމާލެވިފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *