Ad

ޗެމްޕިއަންސް ލީގު: ލިވަޕޫލާއި އޭސީ މިލާންގެ ފޯރިގަދަ މެޗު ލިވަޕޫލުން ކާމިޔާބުކޮއްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ލިވަޕޫލާއި އޭސީ މިލާން ވާދަކުރި ފޯރިގަދަ މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.

ލިވަޕޫލުން އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ ފަހަތުން އަރައި، 3-2 ގެ ނަތީޖާއަކުންނެވެ. މެޗްގެ 9 ވަނަ މިނެޓްގައި ލިވަޕޫލަށް ލީޑު ލިބުނީ މިލާންގެ ޓޮމޯރީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މި ގޯލަކީ ލިވަޕޫލްގެ ޑިފެންޑަރު އެލްގްޒެންޑަރ އާނޯލްޑް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަތް ގޯލެކެވެ. ނަތީޖާ ފުޅާކުރަން ލިވަޕޫލަށް މެޗްގެ 15 ވަނަ މިނެޓްގައި ޕެނަލްޓީއެއްވެސް ލިބުނެވެ. މުޙައްމަދު ސަލާހު ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު ހުށިޔާރު ކަމާއެކު މަތަކުރިއެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން ސަލާހު އަތުން މިސްވި ފުރަތަމަ ޕެނަލްޓީއެވެ. ހަމަލާއަކަށް ފަހު ހަމާއެއް އުފައްދަމުން ގެންދިޔަ ލިވަޕޫލަށް ސިހުން ލިބުނީ ފުރަތަމަ ހާފު ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ފުލުފުލުގައި މިލާނުން 2 ގޯލް ޖެހުމުންނެވެ. މިލާނަށް ގޯލްތައް ޖަހައދިނީ ބްރަހިމް ޑިއާޒްއާއި އަންޓޭ ރެބިޗެވެ. މިއީ އެ ހާފުގައި ލިވަޕޫލްގެ ގޯލަށް އަމާޒުކުރެވުނު ހަމައެކަނި 2 ބޯޅައެވެ.

މެޗުގެ ފުރަތަމަ ހާފް 2-1 ގެ ނަތީޖާއަކުން އޭސީ ކުރީގައި އޮވެ ނިންމާލި ނަމަވެސް އެޓޭކިން ވަރުގަދަ، ފުޓުބޯޅަ އަކާއެކު ލިވަޕޫލުން ފަހަތުން އަރާ ދެ ގޯލް ޖަހައި ނަތީޖާ އަނބުރާލިއެވެ. 48 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮއްދިނީ މުޙައްމަދު ސަލާހެވެ. އަދި ލިވަޕޫލް މޮޅުކޮއްދިން ގޯލް 69 ވަނަ މިނެޓްގައި ކާމިޔާބުކުރީ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ.

މި ގްރޫޕްގެ އަނެއްމެޗްގައި އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ ކުޅުނު މެޗު 0-0 އިން ވަނީ އެއްވަރު ވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *