Ad

މަސްއޫދަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާ އުފުލައިފި

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗައް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލާފި އެވެ.

މިހާރު އަމިއްލަ ވިޔަފާރީ ހަރަކާތްތެރިވަމުންދާ މަސްއޫދަށް ހަމަލާދިން މީހާގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ޤާނޫނު ނަންބަރު 17/2010  ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ދަށުންނެވެ. މި ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާއި ދެމެދަށް ޖަލައްލުމެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކޮށްފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އެމައްސަލާގައި ހައްޔަރު ކުރި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމްގެ މައްޗަށެވެ.

ޕީޖީ އޮފީހުން އެމީހާގެ މައްޗައް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އޯގަސްޓް ތިން ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫ އަމީނީމަގުން މަސްއޫދު ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި ހަމަލާދިން މީހާ އައިސް މަސްއޫދު ދުއްވަން ހުރި ސައިކަލާ ހަމަކޮށް ދަގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީފައިވާ ކަމަށެވެ.

މި މީހާއަކީ މިދިޔަ ޑިސެމްބަރު މަހު ލާމް އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ. އެމައްސަލާގައި ވެސް ފުލުހުން ވަނީ އަހުމަދު ސަމީމްގެ ފޯނު ހިފަހައްޓާފަ އެވެ.

އާއްމްވެފައިވާ ވީޑިއޯ ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއާރު ސައިކަލެއްގައި އައި މީހަކު މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ދަގަނޑު ބުރިއަކުން ނެވެ. ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް މަސްއޫދު ވަނީ އެރޭ ގަން ރީޖަނަލް ހޮސްޕިޓަލުން ފަރުވާވެސް ހޯދާފަ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *