Ad

ދުވާލަކު 100 ޓަނުގެ މަސް ގަނެވޭ ބޯޓެއް މިފްކޯއިން ގަނެފި

ދުވާލަކު 100 ޓަނުގެ މަސް ގަނެވޭ ބޯޓެއް މިފްކޯއިން ގަނެފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްގަންނަ ގަތް މި ބޯޓު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި ބޯޓު މިހާރު އޮތީ މާލޭ ބަނދަރުގައެވެ. މި ބޯޓާބެހޭ ގޮތުން މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ މި ބޯޓަކީ ބްރައިން ފްރީޒަރ ވެސެލްއެއް ކަމަށެވެ. މި ބޯޓުގައި 370 ޓަނު ނުވަތަ 400 ޓަނުގެ މަސް ގަނޑުކުރެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިވަގުތު ފެލިވަރު ބަނދަރުގައި ބްރައިން ފްރީޒިން ބޯޓެއް އޮތް ނަމަވެސް އޭގައި ބޭނުންވާ ވަރަށް ޖާގަ ނެތި، އޭގެ ހާލަތުވެސް ވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

ފައުޒީ ވިދާޅުވީ، މިހާރު ކުރިއަށްދަނީ ބޯޓުގެ ރެޖިސްޓްރޭޝަން މަރުހަލާ ކަމަށެވެ. ބޯޓުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭ މި ބޯޓު އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މި ބޯޓުގެ ސަބަބުން މިފްކޯއިން މަސް ގަނެވޭ މިންވަރު އިތުރުވެ އެކުންފުނީގެ އެއް ފެކްޓްރީއިން އަނެއް ފެކްޓްރީއަށް މަސް އުފުލުމުގައި ލުއި ފަސޭހަވެގެންދާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ގެނައި ކެރިއަރު ބޯޓު "ޖަޒީރާ ރީފާ" / ފޮޓޯ: މިފްކޯ

މިފްކޯއިން ވަނީ މިއަހަރު ޖުލައި މަހުވެސް ބޮޑު ބޯޓެއް ގަނެފައެވެ. ޖަޒީރާ ރީފާގެ ނަން ދީފައިވާ މި ބޯޓަކީ ރާއްޖެއިން ބޭރަށް މަސް ބޭރުކުރުމަށް އެކުންފުނިން ގަތް ކެރިއަރ ބޯޓެކެވެ. މި ބޯޓަކީ 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެކެވެ. މި ބޯޓުގެ ޚިދުމަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ ކެރިއަރ ވެސެލްގެ ރެޖިސްޓްރޭޝަން މަރުހަލާ މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ އެމްއެފްޑީއޭގެ ރެކޮމެންޑޭޝަންތަކާ އެއްކޮށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯގެ އަމިއްލަ ބޯޓުގައި މަސް ބޭރުކުރަން ފެށުމުން މަހަށް ހަމަ އަގު ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *