ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދާ ދެވަނަ ބުރާ ގާތަށް ލިވަޕޫލުން ޖެހިލައިފިއެވެ.
އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުމު މި މެޗް ލިވަޕޫލުން ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.
މެޗްގެ ފުރަތަމަ 4 ގޯލް ފެނުނީ ފުރަތަމަ ހާފުގައެވެ. މެޗްގެ ފުރަތަމަ 15 މިނެޓް ތެރޭގައި ލިވަޕޫލުން 2 ގޯލް ޖެހިއެވެ. މެޗުގެ އަށް ވަނަ މިނިޓްގައި މުހައްމަދު ސަލާހު ވަނީ ރީތި މޮޅު ސޯލޯ ގޯލެއް ޖަހައިފައެވެ. ސަލާހު މި ގޯލް ޖެހީ އެތުލެޓިކޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހުއެވެ. މިއީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސަލާހު ޖެހިޖެހިގެން ލަނޑުޖެހި 9 ވަނަ މެޗެވެ. އަދި އޭނާ ވެފައިވަނީ ލިވަޕޫލް ތާރީހުގައި ޖެހިޖެހިގެން ނުވަ މެޗުގައި އެ ޓީމަށް ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ލިވަޕޫލްގެ 2 ވަނަ ގޯލް މެޗުގެ 13 ވަނަ މިނިޓްގައި ލިވަޕޫލަށް ޖަހައިދިނީ ނަބީ ކެއިޓާއެވެ. މިއީ އޭރީއާ ބޭރުން ކެއިޓާ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
އެތުލެޓިކޯގެ 2 ގޯލްވެސް ޖަހައިދިނީ ގްރީޒްމަން އެވެ. ފުރަތަމަ ގޯލް މެޗުގެ 20 މިނެޓްގައި ޖެހިއިރު ނަތީޖާ ހަމަހަމަ ކޮށްދިން ގޯލް ޖެހީ 34 ވަނަ މިނިޓްގައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އެތުލެޓިކޯއަށް މައްސަލަތައް ދިމާވީ އެޓީމުގައި އެންމެ މޮޅަށް ކުޅެމުންދިޔަ ގްރީޒްމަންއަށް މެޗްގެ 54 ވަނަ މިނިޓްގައި ރަތް ކާޑެއް ދެއްކުމުންނެވެ. ގްރީޒްމަން އަށް ރަތް ކާޑު ދެއްކީ ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ބޮލުގައި ފައިން ޖެހުމުންނެވެ.
މި މެޗްގައި ލިވަޕޫލް މޮޅުކޮށްދިން ގޯލު 78 ވަނަ މިނިޓްގައި ޖަހައިދިނީ މިހާރު އެންމެ ފޯމުގައި ހުރި ސަލާހެވެ. މިއީ ޕެނަލްޓީއަކުން އޭނާ ޖެހި ލަނޑެކެވެ. މި ގޯލާއެކު ސަލާހު ވެފައިވަނީ ޗެމްޕިއަންސް ލީގު ތާރީހުގައި ލިވަޕޫލަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއަށެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 31 ވަނަ ގޯލެވެ. ލިވަޕޫލަކީ މި ސީޒަންގައި ބަލިނުވެ އޮތް ހަމައެކަނި އިނގެރޭސި ޓީމެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު އިނގެރޭސި ޓީމެވެ.
މި މޮޅާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕްސްޓޭޖްގައި މިހާތަނަށް ކުޅުނު 3 މެޗުންވެސް މޮޅުވެ ލިވަޕޫލުން ވަނީ ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފައެވެ. ދެން 1 މެޗް ކާމިޔާބުކޮށްގެން އެޓީމަށް ދެވަނަ ބުރު ޔަޤީން ވާނެއެވެ. ގްރޫޕް ބީގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 9 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް އެތުލެޓިކޯ އާއި ތިން ވަނައިގައި އޮތް ޕޯޓޯ އަށް މިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އޭސީ މިލާން އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.