Ad

ޗެމްޕިއަންސް ލީގު: ބާކީ 2 މެޗް އޮއްވައި ލިވަޕޫލް ދެވަނަ ބުރަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ގްރޫޕް ސްޓޭޖްގައި މިހާތަނަށް ކުޅުނު 4 މެޗުންވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ ލިވަޕޫލް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ބާކީ 2 މެޗް އޮއްވައި ލިވަޕޫލް ގަދަ 16 އަށް ދަތުރުކުރީ ގްރޫޕްގެ 1 ވަނަ ޓީމްގެ ގޮތުގައެވެ. ލިވަޕޫލް ދެވަނަ ބުރު ޔަގީންކުރީ އެންޕީލްޑް ސްޓޭޑިއަމްގައި ދެލަނޑު ސުންލަނޑުން ސްޕެއިނުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްގެންނެވެ. އެތުލެޓިކޯގެ ދަނޑުގައި މި ދެޓީމު ބައްދަލުކުރި މެޗްވެސް ކާމިޔާބުކުރީ ލިވަޕޫލެވެ.

މިމެޗުގައި ލިވަޕޫލްގެ 2 ގޯލްވެސް ޖެހީ މެޗްގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅުގައެވެ. މެޗުގެ 13 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ފުރަތަމަ ގޯލް ޖަހައިދިންއިރު 21 ވަނަ މިނެޓްގައި ލިވަޕޫލްގެ ދެވަނަ ގޯލް ޖަހައިދިނީ މާނޭއެވެ. މި ދެގޯލް ޖަހަންވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ އާނޯލްޑެވެ.

މިމެޗްގެ 36 ވަނަ މިނިޓްގައި އެތުލެޓިލޯގެ ޑިފެންޑަރު ފިލީޕޭ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތްކާޑު ދެއްކީ މާނޭއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. 1 ކުޅުންތެރިއެއް މަދުވިނަމަވެސް އޭގެ އެޑްވާންޓޭޖެެއް ލިވަޕޫލަށް ނެގޭގޮތެއް ނުވިއެވެ.

މެޗްގައި ލިވަޕޫލްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް އެތުލެޓިކޯ މެޑްރިޑަށް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ. މީގެތެރޭގައި މުހައްމަދު ސަލާހާއި ޖޮއެލް މަޓިޕާއި ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާތައް ހިމެނެއެވެ. މިމެޗްގައި ޖޮޓާ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ. އަދި އެތުލެޓިކޯގެ ލުއިސް ސުއަރޭޒް ޖެހި ގޯލެއް ވެސް ވަނީ ވީއޭއާރް އިން ކެންސަލްކޮށްފަ އެެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި ލިވަޕޫލް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ހަަތަރު މެޗުން 5 ޕޮއިންޓާ އެކު ޕޯޓޯ އެވެ. ތިން ވަނައިގައި އެތުލެޓިކޯ އޮތީ ހަތަރު މެޗުން 4 ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް މިލާނަށް ހަތަރު މެޗުން ލިބުނީ 1 ޕޮއިންޓެވެ.

މުބާރާތުގެ ގްރޫޕް ސްޖޭޖްގައި ކޮންމެ ޓީމެއް 4 މެޗް ކުޅެފައިވާއިރު މިހާތަނަށް ދެ ވަނަ ބުރު ކަށަވަރުވެފައިވާ ޓީމުތަކަކީ ލިވަޕޫލް، އަޔަސް، ބަޔާން މިއުނިކް އަދި ޔުވެންޓަސް އެވެ. ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމަކަށްވެސް އަދި ބާކީ 2 މެޗް އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *