ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީ އިނގިރޭސި ގަދަބާރު ލިވަޕޫލާއި ސްޕެއިންގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑްގެ ކުޅުންތެރިންނަށް ހަދިޔާކޮށްފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗަށް ފަހު ދިވެހި ޤައުމީ ޖޯޒީ މި ދެޓީމުގެ ބައެއް ކުޅުންތެރިންނަށް ހަދިޔާ ކުރީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ރާއްޖެއަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓްރެވަލް އެޖެންޓެއްކަމަށްވާ ސިމާއު ސައީދެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށްފަހު ސިމާއު ވަނީ ލިވަޕޫލްގެ މިސްރުގެ ތަރި މުހައްމަދު ސަލާހާއި އެތުލެޓިކޯ މެޑްރިޑްގެ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒާއި އަދި އެތުލެޓިކޯގެ ޕޯޗްގަލްގެ ފޯވާޑު ފެލިކްސްއަށް ދިވެހި ޤައުމީ ޖޯޒީ ހަދިޔާކޮށްފައެވެ. ސުއަރޭޒަށް ހަދިޔާ ކުރީ އެންމެ ފަހުގެ ސާފްޗެމްޕިއަންޝިފްގައި ޤައުމީ ޓީމުގެ މުޙައްމަދު އުމައިރު ބޭނުންކުރި ޖޯޒީއެވެ. މި ޖޯޒީއާ ހަވާލުވުމަށްފަހު ސުއަރޭޒް ވަނީ ސިމާއުއަށާއި އުމައިރުއަށް ޝުކުރު އަދާކޮށްފައެވެ.
މެޗަށްފަހު ސިމާއު ވަނީ ދެޓީމުގެ ހުރިހާ ކުޅުންތެރިންނާއި ކޯޗުންނާއެކު ވާހަކަ ދައްކާ ފޮޓޯ ނަގާފައެވެ. އަދި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއާއި އެތުލެޓިކޯގެ ސުއަރޭޒް ވަނީ އެ ދެކުޅުންތެރިން މެޗްގައި ބޭނުންކުރި ޖޯޒީ ސިމާއުއަށް ހަދިޔާކޮށްފައެވެ.
ސިމާއު މި މެޗް ބަލަން އެންފީލްޑް ސްޓޭޑިއަމްއަށް ކުރި ދަތުރަކީ ލިވަޕޫލްގެ ސީނިއާ ބައެއް ކުޅުންތެރިންނާއި ލުއިސް ސުއަރޭޒްގެ ދައުވަތަކަށް ކުރި ދަތުރެކެވެ. ސުއަރޭޒް ލިވަޕޫލަށް ކުޅުނު ދުވަސްވަރުން ފެށިގެން ސުއަރޭޒަކީ ސިމާއުގެ ގާތް ރަހުމަތްތެރިއެކެވެ.
ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗަށްފަހު ލިވަޕޫލްގެ ސަލާހާއި އެންޑީ ރޮބަޓްސަން އެމެޗްގައި ބޭނުންކުރި ޖޯޒީވެސް ވަނީ ސިމާއުއަށް ހަދިޔާ ކޮށްފައެވެ.
ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނަށް ދިވެހި ޤައުމީ ޖޯޒީ ހަދިޔާ ކުރުމާއެކު ސިމާއުއަށް އަންނަނީ ގިނަ ބަޔަކު ތައުރީފް ކުރަމުންނެވެ. މިކަމަކީ ރާއްޖެ އިސްތިހާރުވުމަށް ލިބުނު ބޮޑު ފުރުޞަތެކެވެ.
ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނާ ގާތްގުޅުމެއް ބާއްވަމުން އަންނަ ސިމާއުއަކީ ލިވަޕޫލް ސަޕޯޓަރެކެވެ. ރާއްޖޭގައި ލިވަޕޫލް ސަޕޯރުންގެ ކުލަބު ޖަމްއިއްޔާ އެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ސިމާއު އިސްކޮށް އުޅުނެވެ. އޭނާއަކީ އެޖަމްއިއްޔާގެ އެއް ފައުންޑަރެވެ. ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ކުލަބު "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބު" ވަނީ ލިވަޕޫލުން ރަސްމީކޮށް ބަލައިގެންފައެވެ.
ކުރިން ލިވަޕޫލަށް ކުޅުނު ބައެއް ކުޅުންތެރިން ރާއްޖެ ގެނެސްގެން އެކިއެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މިގޮތުން ޑެންމާކުގެ ކުރީގެ ކެޕްޓަން އަދި ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާއާއި ކުރިން ލިވަޕޫލަށް ކުޅުނު އެންރީކޭއާއި އަލްބާޓޯ މޮރޭނޯ ފަދަ ކުޅުންތެރިން ވަނީ ރާއްޖޭގެ އެކި އެކި އިވެންޓްތަކުގައި ބައިވެރިވެފައެވެ. މި ކުޅުންތެރިން ރާއްޖެ ގެނައުމުގައި އެންމެ އިސްކޮށް ހުރި އެއް ފަރާތަކީ ސިމާއުއެވެ.