ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަކީ މައްސަލަތަކުގައި ތުހުމަތުކުރެވޭ ކުޑަ ކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އެއްބަސްވެއްޖެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓަށް ރިއާޔަތްކޮށް މީހަކު މަރާލުލުގައި ތުހުމަތުކުރެވޭ ކުޑަ ކުއްޖަކު މިދިޔަ ހަފްތާގައި ޖުވެނައިލް ކޯޓުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. މި ކުއްޖާ ގޭބަންދަށް ބަދަލުކުރުމުގައި ގާޒީ ބެއްލެވީ އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާ ތަކަށެވެ.
އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ކުއްޖަކު މަރާލުމުގެ ތުހުމަތު ކުރެވޭ އެހެން ކުއްޖަކު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެ ކުއްޖާގެ ދިފާއީ ވަކީލު ވަނީ އެދިފައެވެ. ދިފާޢީ ވަކީލު އެދުނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބެއްލެވުމަށްފަހު އެ ކުއްޖާ ގޭ ބަންދަން ބަދަލުކޮށް ދިނުމަށެވެ. އަދި މި ރިޕޯޓަށް ރިއާޔަތްކޮށް މީގެ ކުރިން ކުއްޖަކު ގެއަށް ބަދަލުކޮށްފައިވާކަން ވަކީލު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން މައްސަލަ ބައްލަވާ ޖުވެނައިލް ކޯޓުގެ ގާޒީ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވީސް ކޯޓަށް ހާޒިރުކޮށް މިކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ. ކޯޓުގައިވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ހުރީ ހަމަ އެގޮތަށް ކަމަށެވެ. އަދި އެއީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނޫންކަމަށެވެ. މިކަމާ ގުޅިގެން ކަރެކްޝަނަލް ސާރވިސްއާ ސުވާލުކުރުމުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ހަޤީޤަތެއް ކަމަށް ކަރެކްޝަނަލް ސާރވިސްއިން ވަނީ ބުނެފައެވެ. މާނައަކީ އެޗްއާރުސީއެމްގެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށް ކަރެކްޝަނުން އެއްބަސްވީއެވެ.
ނަމަވެސް އެދުވަހުގެ އަޑުއެހުމުގައި ކުއްޖާ ގޭބަންދަށް ބަދަލުކޮށްފައެއްް ނުވެއެވެ. ގާޒީ ނިންމެނީ އިތުރަށް ދިރާސާ ކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށެވެ.