Ad

ކުޑަކުދިންގެ ހިޔާގައި ތިބި ކުޑަކުދިންނަށް ފުލުހުން އަނިޔާ ކުރިތަ؟ ހިއުމަން ރައިޓްސް ކޮމިޝަނުން އިންސާނީ ހައްޤަށް އަރައިގަތް ކަމުގެ ތުހުމަތުތަކެއް؟ އަސްލު ކަންވީ ކިހިނެއް؟

ކަންހިނގާ ދިޔަ ގޮތް:

2017 ވަނަ އަހަރު ކ. ތުލުސްދޫގައި ޖެންޑަރ މިނިސްޓްރީ އާއި ފުލުހުންގެ އެފް.ސީ.ޕީ.ޑީ އާއި ގުޅިގެން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި 12 އަހަރުން މަތީގެ ކުދިންނަށް ފުލުހުން އާންމުކޮށް ހިންގާ ރެޑީ ކޭމްޕްފަދަ ކޭމްޕެއް ހިންގުމަށް ނިންމާ އެ ކޭމްޕް ހިންގުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައެވެ. މި ކޭމްޕްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ބައެއް ކްލާސްތައް ނަގައި ދިނުމަށް ޕޮލިސް އެކަޑަމީގެ އެކަމަށް ޤާބިލު މުދައްރިބުން ބައިވެރިވިއެވެ. ދައުވާ ކުރަން ފޮނުވާފައިވާ ފަރާތްތަކުގެ ތެރޭގައި ގިނައީ ޕޮލިސް އެކަޑަމީގެ މުދައްރިބުންނެވެ. ކޭމްޕަށް ދިޔުމަށްޓަކައި ކުދިން ގޮވައިގެން ފުރުން އޮތީ ވިލިމާލެ ބަނދަރުންނެވެ. ފުރުމަށް ހަމަ ޖެހިފައިވާ ކުދިން ވިލިމާލެ ބަނދަރަށް ގެނައީ ތަފާތު އެކި ފަހަރު މަތިން ވިލިމާލެ ފުލުހުންނެވެ. ކުދިންނާއި ހަވާލުވީ އެފް.ސީ.ޕީ.ޑީގެ ފުލުހުންނެވެ. އެންމެ ފަހުން ވިލިމާލެ ފުލުހުން ގެނެސްފައިވަނީ ކުޑަކުދިންގެ ހިޔާގައި އުޅޭ 12 އަހަރުން މަތީގެ އަންހެން ކުދިންނެވެ. މި ކުދިން އައިރު، ކުރިން ގެނައި ހުރިހާ ކުދިން ދޯނީގައި މަޑުމަޑުން ތިބި ކަން ފާހަގަކޮށްލަމެވެ. ނަމަވެސް، މި ކުދިން އައިސް ދޯންޏަށް އެރުމަށްފަހު އެފް.ސީ.ޕީ.ޑީން އެ ކުދިންނާ ހަވާލުވި އަންހެން ފުލުހުން ކޮއްޕާ، އެ ފުލުހުން ގައިގައި ތަޅާ ބައެއް ފުލުހުން ދޯނީގެ ޑެކު މައްޗަށް ވައްޓާލިއެވެ. އަދި، އެއަށް ފަހު އެ ކުދިން މޫދަށް ފުންމާލަން ދިއުމުން އެ ކުދިން ހިފަހައްޓާ އެކުދިންނަށާއި، އެކުދިންގެ ފަރާތުން އެހެން މީހުނަށް ގެއްލުމެއް ލިބިދާނެތީ އެކުދިން ގައިގައި ވަގުތީ ގޮތުން ބިޑިއެޅުވިއެވެ. އެކުދިން ހަމަ ޖެހުމުން، ބިޑި އެކުދިން އަތުން ނައްޓާލާފައިވެއެވެ. ބިޑި ނައްޓާލިއިރު، ވިލިމާލެ ފަޅުން ދޯނި ނުނިކުމެއެވެ. ބިޑި އަޅުވާފައިވަނީ ކޭމްޕެއް ދިޔަ ކުދިންގެ ތެރެއިން ހަލަބޮލޮވެ، ފުލުހުންނަށް ހަމަލާދީ، މޫދަށް ފުންމާލަން އުޅުނު 4 ކުއްޖެއްގެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ތަހުގީގުގައި އިންސާނީ ހައްގުތަކަށް އަރައިގަތުން

މި މައްސަލައިގައި ހިމެނޭ ހުރިހާ ފުލުހުން ހިއުމަން ރައިޓްސް ކޮމިޝަންގެ ތަހުގީގަށް ހާޒިރު ކުރިއެވެ. މި މައްސަލައިގައި ހިމެނޭ ފުލުހުންނަކީ އެ ފަރާތްތަކުން އަދާ ކުރި ރަސްމީ ވަޒީފާއާ ގުޅިގެން ސުވާލު ކުރެވޭ ފަރާތްތަކަކަށްވުމުން، މި ފަރާތްތަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ހާޒިރު ކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަންއިން އެދިފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައެވެ. ދިވެހި ފުލުހުންގެ ޙިދުމަތުން އަމަލު ކުރާ އުސޫލަކީ ވަޒީފާއާއި ގުޅިގެން އެއްވެސް ފުލުހަކު އެއްވެސް ތަނަކަށް ޖަވާބުދާރީ ވާން ޖެހިއްޖެނަމަ އެ ފުލުހަކު އެދެފިނަމަ އެ ފުލުހަކާއެކު ފުލުހުންގެ ތެރެއިން ޤާނޫނީ ވަކީލުން ހަމަ ޖައްސަ ދިނުމެވެ. ނަމަވެސް، އެއްވެސް ކޮމިޝަނަކުން ފުލުހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެއްޖެކަމަށް ކަނޑައަޅާ ޝަރީއަތަށް ފޮނުވައިފިނަމަ، އެ ފުލުހަކު ޤާނޫނީ ވަކީލެއް ހޯދަން ޖެހެނީ އެ ފުލުހެއް އަމިއްލައަށެވެ. ސަބަބަކީ، ތަހުގީގު ނިމި ދައުވާކޮށްފައިވަނީ އެފަރާތްތަކުގެ ފަރުދީ ހައިސިއްޔަތަށް ކަމަށްވުމުންނެވެ. މިގޮތުން، މި މައްސަލައިގައިވެސް ތަހުގުގައި ބަޔާން ދިނުމަށް ވަކި ވަކި ފުލުހުން ދިޔައީ ދިވެހި ފުލުހުންގެ ޙިދުމަތުން ފޯރުކޮއްދިން ފުލުހުންގެ ވަކީލުންނާއެކުގައެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ފުލުހުންނާ އިންޓަވިއު ކުރުމުގެ ކުރިންވެސް އެފަރާތްތަކުގެ މޫނަމަތިން "ރުޅިވެރިކަން" ފެންނަން ހުރިކަމަށް ހާޒިރުވި ބައެއް ފުލުހުންނާއި، ހާޒިރު ކުރި ބައެއް ސީނިއަރ ރޭންކުގެ ފުލުހުންވެސް ބުނެފައިވެއެވެ. މިގޮތުން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ހިލާފަށް އަދި އިންސާނީ ހައްގުތަކާއި ހިލާފަށް އަދި ނަފްސާނީ އަނިޔާ ދިނުމުގެ ގޮތުން ތަހުގީގު ތެރޭގައި އެތައް ކަމެއް ފާހަގަ ކުރެވުނެވެ.

  1. ސުވާލު ކުރުމުގައި ހަރުކަށިކަން އިސްކޮށް، އެކަމަކީ ސީދާ ކޮށްގެން އުޅޭ ކަމެއްގެ ގޮތުގައި ދޭހަވާ ގޮތަށް ސުވާލު ކުރުން.
  2. ޖަވާބު ދިނުމުންވެސް ތަކުރާރުކޮށް އެއް ސުވާލެއް ކުރުން. އިސްވެ ބަޔާން ކުރި ދެ ކަމަކީވެސް އިންޓަވިއު ގެ ތެރޭގައި ނަފްސާނީ ގޮތުން ޓޯޗަރ ކުރުމަށް ބޭނުން ކުރާ އުކުޅެކެވެ. މިއީ، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ނުފެތޭ، އަދި ޓޯޗަރ ގެ އަމަލެއްގެ ގޮތުގައި ބައެއް މިނިވަން ދިމިގްރާތީ ގައުމުތަކުގައި ނިންމާފައިވާ ގޮތެކެވެ.
  3. ހިއުމަން ރައިޓްސް ކޮމިޝަންގެ ތަހުގީގު ކުރާ ފަރާތްތަކުން ތަކުރާރުކޮށް އަނިޔާ ކުރުމަށް ބިޑި އެޅުވީކަމަށް ބުނެ ސުވާލުކޮށްފައިވެއެވެ. މި މައްސަލައިގެ ތުހުމަތު ކުރެވިގެން ހާޒިރުކޮށްފައިތިބީ ޕޮލިސް އެކަޑަމީގެ ބިޑި މުގުރު ބޭނުން ކުރުމުގެ ތަމްރީނުތަކުގައި ކިޔަވާދޭ އެކަމުގެ އެންމެ އެލީޓް ފުލުހުން ކަމަށް ވުމުން އެ ފުލުހުން ތަކުރާރުކޮށް ބިޑި އެޅުވުން އަނިޔާގެ އަމަލަކަށް ވަނީ ކީއްވެގެންތޯ ތަހުގީގު ކުރާ ފަރާތާއި ސުވާލު ކޮށްފައިވެއެވެ. އަދި، އެ ސުވާލަށް ޖަވާބު ނުދިނުމުން، ބިޑި އަކީ "ރެސްޓްރެއިނިންގް" (މީހަކު ކުރަން އުޅޭ ވަކި ކަމެއް ކުރިޔަ ނުދީ ހުއްޓުވަން ބޭނުން ކުރާ) އާލާތެއްކަމުގައި ބުނެފައިވެއެވެ. އަދި ބިޑި އެޅުވުމަކީ އަނިޔާއެއް ކަމަށް ބުނުމާ، ބިޑި އެޅުވުމުގައި އަނިޔާވެރިކަން އިސްކުރުމާއި، އަނިޔާ ކުރުމާއި ތަފާތު ކަމަށް ބުނެފައިވެއެވެ. އަދި، އޭގެ ތެރެއިން ކުރީ ކޮން ކަމެއްކަން ސާފުކޮށްދިނުމަށް ހުރިހާ ފުލުހުންވެސް އެދިފައެވެ. ބިޑި އެޅުވީ ކަންތައްތަކެއް ހުއްޓުވަން ކަމަށާއި އެއީ އެކުދިންގެ ފަރާތުން އެހެން މީހުންގެ ސަލާމަތަށާއި، އެކުދިންގެ ސަލާމަތަށް ކަމަށް ބުނެފައިވެއެވެ. އަދި ރެސްޓްރެއިން ކުރީ އެ އަމަލު ކުރިޔަ ނުދިނުމަށް ކަމަށް ބުނެފައިވެއެވެ. ތަހުގީގެއްގައި ތުހުމަތު ކުރެވޭ ފަރާތަކާއި ސުވާލު ކުރުމުގެ ކުރިން، ސުވާލު ކުރަން އުޅޭ ކަންތައްތަކާއި ބެހޭ ގޮތުން ދިރާސާ ކުރަން ޖެހެއެވެ. ދިރާސާ ކުރެވުނު ނަމަ ބިޑި އަކީ ކީއްކުރަން ބޭނުން ކުރާ އެއްޗެއްކަން ތަހުގީގު ކުރާ ފަރާތްތަކަށް އެނގިގެންދާނެއެވެ. ނަމަވެސް، ތަހުގީގެއް ނިމިގެން ދިޔަ އިރު ސުވާލު ކުރެވޭ އާލަތުގެ އަސްލު ބޭނުމާއި އެ ބޭނުން ކުރަނީ ކޮން ހާލަތެއްގައިކަންވެސް ބެލިފައެއް ނެތެވެ.
  4. ތުހުމަތު ކުރެވިގެން 15 އަށް ވުރެ ގިނަ އޮފިސަރުން ހާޒިރުކޮށް، ތުހުމަތު ކުރެވޭ ކުށްތައް އިއްވުމުގައި އެންމެނަށްވެސް "ލާ އިންސާނީ އަނިޔާއެއް" ކުރުމުގެ ތުހުމަތު އިއްވާފައިވެއެވެ. ނަމަވެސް މި މައްސަލައިގައި 15 އަށް ވުރެ ގިނަ ފުލުހުންނަށް ތުހުމަތު ކުރެވުނު އިރު، ބިޑި އަޅުވާފައިވަނީ 04 ކުއްޖެއްގެ ކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން އެންމެނަށް މި ތުހުމަތު ކުރެވި އިއްވުމަކީ، ތަހުގީގުގައި ސުވާލު ކުރުމުގެ ކުރިން އެއްވެސް މިންވަރަކަށް ކަން ހިނގާފައިވާ ގޮތް ނުބަލާ ކަމުގެ ހެއްކެކެވެ. ތަހުގީގެއްގައި ކުށެއްގެ ތުހުމަތުގައި މީހަކާ ސުވާލު ކުރުމުގެ ކުރިން އޭނާގެ މައްޗަށް އެކަމަށް ތުހުމަތު ކުރެވޭނޭ ހެކިތަކެއް ހުންނަން ޖެހޭނެއެވެ. އަދި، ސުވާލު ކުރެވޭ އިރު، އެ ހެކިތަކަށް ރިޢާޔަތްކޮށް އެނާ އެކަމުގައި ބައިވެރި މިންވަރާއި، އޭނާ އެކަމުގައި އަމަލު ކުރި ގޮތް ތަހުގީގަށް ސާފުވެ، ސުވާލު ކުރަނީ އެކަންކަން ގައިމު ކުރުމުގެ ގޮތުންނެވެ. ތަހުގީގުގައި މިގޮތަށް ތުހުމަތު އިއްވާ، އެތަނަށް ދިޔަ އެންމެންގެ މައްޗަށް އެއް ތުހުމަތެއްކޮށް، އެންމެންގެ މައްޗަށް އެއް އަދަބެއް ދިނުމުގެ އުސޫލަކީ، 1800 ގެ ފަހުކޮޅުގައި އަމަލު ކުރުމުން ދިޔަ ގޮތެކެވެ. ދުނިޔެ ތަރައްގީވެ، ޒަމާނީ އިލްމުގެ އަލީގައި ބިނާ ކުރެވިފައިވާ ހަރުދަނާ އުސޫލުތަކުގައި ތަހުގީގެއްގައި ތުހުމަތުމީހަކާ ސުވާލު ކުރާ އިރު ސުވާލު ކުރާނީ އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އެނގިގެންނެވެ. ބުއްދީގެ ނަޒަރުން ވިސްނާއިރުވެސް 04 ކުއްޖެއްގައި ބިޑިއެޅުވުމަށް 20 އަށް ކުދިންނާއި ހަވާލުވެ ތިބި 15 މީހުން އެއްކޮށް މަސައްކަތް ކުރާނޭކަމަކަށް  ނުބެލެވެއެވެ. މި މައްސަލައިގައި އެ ކޭމްޕެއް ދިޔަ އެންމެންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ގޮތުގައި ލާއިންސާނީ އަނިޔާއެއް ދިނުމުގެ ކުށް އިއްވާފައިވަނީ، ހަގީގަތުގައިވެސް އަނިޔާ ކުރި ބަޔަކު ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެތަނަށް ދިޔަ އެންމެންގެ މައްޗަށް ދައުވާ ކުރުމުގެ ރޫހެއްގައިކަމަށް ބެލެވެއެވެ.
  5. ބައެއް ފުލުހުން ހާޒިރުވުމަށް އެކަށީގެންވާ ވަގުތު ދީފައި ނުވާކަން ފާހަގަ ކުރެވެއެވެ. ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 71 ވަނަ މާއްދާގައި ތަހުގީގު ކުރުމުގެ އިޙްތިޞާޞް ލިބިގެންވާ އިދާރާއަކަށް ކުށެއްގެ ތުހުމަތުގައި މީހަކު ހާޒިރު ކުރުމަށް ލިޔުމުން އެންގިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މާއްދާގެ (ބ) ގައި "މި މާއްދާގެ ދަށުން ޤާނޫނު ތަންފީޒުކުރާ އިދާރާއަށް މީހަކު ހާޒިރުވާންވާނީ، 24 (ސައުވީސް) ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ހިއުމަން ރައިޓްސް ކޮމިޝަންއިން މި މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކަށް ހާޒިރުވުމަށް އެންގި އެންގުމުގައި 12 ގަޑިއިރުވެސް ނެތްކަން ފާހަގަ ކުރެވެއެވެ. އަދި، ބައެއް ފުލުހުން ހާޒިރުވުމަށް އަންގާ ލިޔުން ފުލުހުން ހިދުމަތަށް ފޮނުވާ ފައިވަނީ ރަސްމީ ގަޑި ނިމުމަށް ފަހުގައި ކަންވެސް ފާހަގަ ކުރެވެއެވެ. ހަމަ އެހެންމެ ބައެއް ފުލުހުން ހާޒިރުވުމަށް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 09 ޖަހާއިރަށް އަންގާ ލިޔުން، ފުލުހުންގެ ހިދުމަތަށް އެ ރޭގެ 21:00 ގައި ފޮނުވާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
  6. ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 51 ވަނަ މާއްދާގައި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ފަރާތަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދޭން ޖެހޭނެކަމާއި، އޭނާ ވަކީލަކަށް އެދެފިނަމަ ސުވާލު ކުރަންވާނީ ވަކީލެއްގެ ހާޒިރުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ހިމެނޭ ހުރިހާ ފުލުހުންވެސް ވަކީލުން އައްޔަނުކޮށް ވަކީލުންނާއެކު ހާޒިރުވެ ބަޔާން ދީފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް، ދެވަނަ ބަޔާނެއް ނަގަން ވަގުތު ކުޑަންތަންވެފައި ވަނިކޮށް ފޯނުން ގުޅާ ހާޒިރުވުމަށް އެ ފަރާތްތަކާއި އެފަރާތްތަކުގެ ފުލުހުންނަށް އެންގުމުން، ވަކީލުންނަކީވެސް ފުލުހުންނަށްވެފައި އެވުގުތު ރަސްމީ އެހެންކަމެއް ގައި އުޅޭ ވާހަކައާއި އެ ދުވަހުގެ އެހެން ވަގުތެއް ހަމަޖައްސައިދިނުމަށް އެދުމުންވެސް އެކަން ނުކޮށްދެވޭނެ ކަމަށާއި އެ ގަޑިއަށް އަންނަން ޖެހޭނެކަމަށް އަދި، ނައިސްފިނަމަ އެއްބާރުލުން ނުދޭކަމަށް ނިންމާނެ ކަމަށް ބުނެ ބިރު ދެއްކުމުން، މަޖުބޫރު ހާލަތުގައި ފުލުހުން އެތަނަށް ދިއުމުން ބަޔާން ނަގާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ބަޔާން ނެގުމުގެ ކުރިން ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާކަމަށް ފޯމުގައި ސޮއި ކުރުވާފައިވާ ކަންވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

ޕީޖީ އޮފީހުން ދައުވާ ކުރުމަށް ފޮނުވާފައިވަނީ އެހެން މިފަދަ މައްސަލަތަކާއި ހިލާފަށް އަދި ހަމަހަމަ ކަމެއް ނެތި

ޖިނާއި އިޖުރާތުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ޖިނާއީ ކުށެއް އެކުލެވިގެންވާ މައްސަލައެއްގައި ދަޢުވާ ކުރަންވާނީ އެކަށީގެންވާ މިންވަރަށް ތަހުގީގުކޮށްފައިކަމަށް ބަޔާންކޮށްފައިވެއެވެ. މި މައްސަލައަށް ނަޒަރު ހިންގާއިރު މި މައްސަލައިގައި އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވިފައިވާކަން ފެންނާކަށް ނެތެވެ. މީގެ އެއް ހެއްކަކީ 4 ކުއްޖެއްގެ ގައިގައި ބިޑި އެޅުވުމުން، އެ ކޭމްޕްގައި ހިމެނޭ "ސީނިއަރ ފުލުހުންގެ އޮފިސަރުން" ފިޔަވާ އެހެން ހުރިހާ އޮފިސަރުންނަށް ދަޢުވާ ކުރުމެވެ. ތަހުގީގެއް ކުރަނީ މައްސަލައެއްގެ އަސްލަށް ވާސިލު ވުމަށެވެ. މި މައްސަލަ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވުނު ނަމަ، ބިޑި އެތަނަށް ގެންދިޔަ ބަޔަކާ އެޅުވި ބަޔަކާއި، ތިބި ބަޔަކާއި ތަފާތުވާނެއެވެ. ނަމަވެސް މިހައިތަނަށް ލިބުނު މައުލޫމާތުން މިފަދަ އެއްވެސް ތަފާތު ކުރުމެއް ނެތެވެ. ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާން ކުރާ ހަމަހަމަ ކަމަކީ ޕީޖީ އޮފީހުން ގިނަ މައްސަލަތަކެއްގައި ދައްކާ ހަމައެކެވެ. މިފަދަ އެހެން ބައެއް މައްސަލަތަކުގައި ޕީޖީ އޮފީހުގެ ހަމައަކީ ދައުވާ ނުކުރުމެވެ. މިސާލެއްގެ ގޮތުން މާލޭގައި ވައްކަން ކުރުމަށް މަޝްހޫރު ތިން މީހަކު ބައިވެރިވެގެން ވައްކަމެއް ކޮށްގެން ގެއަކުން ނިކުންތަނުން އެގޭގެ ދޮރުމަތިން ފުލުހުން އެމީހުން ހައްޔަރު ކުރެއެވެ. ނަމަވެސް، އެ މީހުން އަތަކުން އެއްވެސް އެއްޗެއް ނުފެނެއެވެ. ނަމަވެސް، ގޭގެ ވެރިފަރާތުން އެގެއިން ވައްކަން ކޮށްފައިވާކަމަށް އެމީހުން ފެނުނު ކަމަށް ބުނެ މައްސަލަ ހުށަހަޅައެވެ. މިފަދަ މައްސަލަތަކުގައި ޕީޖީގެ ހަމައަކީ އެފަރާތްތައް ސީދާ އެ ކުށް ކުރިކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޤަބޫލު ކުރެވެން ނެތުމުން ދައުވާ ނުކުރުމެވެ. އަދި މި މިންވަރަށް ސާބިތުވުމަށްޓަކައި ޕީޖީ ވިދާޅުވާ އުންސުރު ފުރިހަމަ ވާންޖެހޭނެއެވެ. މި މައްސަލައިގައި 04 ކުއްޖެއްގެ ބިޑި އެޅުވުމުގެ ސަބަބުން 13 މީހަކަށް ދައުވާ ކުރާއިރު، މި 13 މީހުންގެ ތެރެއިން ބިޑި ގެންދިޔަ ބައެއް، ބިޑި އެޅުވި ބައެއް އެނގޭ މިންވަރަށް ނުވަތަ އެ ކުށްތަކުގެ އުންސުރުތައް ސާބިތުވާ މިންވަރަށް ހެކި ނެތްކަން ވަރަށް މުޢުތަބަރުކޮށް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން ބަޔަކު ބިޑި ގެންގޮސް ބިޑި އެޅުވީތީ އެ ކޭމްޕުގައި ބައިވެރިވި ހުރިހާ ފުލުހުންނަށް ދައުވާ ކުރުމަކީ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި، ޕީޖީން ގެންގުޅޭ އާންމު ހަމައާއި ޚިލާފު، މި މައްސަލައަށް ޙާއްސަ ކުރެވިފައިވާ ސިފަތަކެއް ކަމަށް ބެލެވެއެވެ.

 

ފުލުހުންގެ ވަކީލުންނަށް ފިޔަވަޅު އެޅުމަށް ބާ ކައުންސިލަށް ފޮނުވަން ނިންމުން

މި މައްސަލައިގައި ފުލުހުން ތަމްސީލު ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައެޅު ވަކީލުންނަށް ފިޔަވަޅު އެޅުމަށް ބާ ކައުންސިލަށް ފޮނުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވަކީލުންނަށް ފިޔަވަޅު އެޅުމަށް ފޮނުވާފައިވަނީ ބަޔާން ނެގުމުގައި އެންޓިޓޯޗަރ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ނަފްސާނީ އަނިޔާގެ ގޮތުގައި ހިމެނޭ ކަންކަން އިންޓަވިއު ކުރަމުން ދިޔަ އިރު ކުރަމުންދާތީ އެކަންތައްތައް ހުއްޓާލުމަށް އެދިފައިވާތީކަމަށް ބެލެވެއެވެ. އަދި ދެ ފަހަރެއްގެ މަތިން އެއް ބަޔާނެއް ނެގި އިރު، ފުރަތަމަ ބަޔާން ނެގި އޯޑިއޯ ވީޑިއޯ ރެކޯޑިންގްގައި އެކަންކަން ފާހަގަވާން ހުންނާނެއެވެ. އެންޓި ޓޯޗަރ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާން ކުރަނީ:

މިގޮތުން ތަކުރާރުކޮށް އެއް ސުވާލެއް އެތަކެއް އިރެއް ވަންދެން ކުރުމާއި، އިންޓަވިއު އަށް ހާޒިރުވާން ފޯނުން ގުޅާ، އެގަޑިއަކީ ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން އަދާ ކުރަން ޖެހޭ ކަމެއް އަދާ ކުރަމުން ދާ ގަޑިއެއް ނުވަތަ އަދާ ކުރަން ޖެހޭ ގަޑިއެއް ކަމަށްވީކަމުގައިވިޔަސް، އަދި ވަކީލަށް އާދެވެން ނެތް ގަޑިއެއްކަމުގައި ވިޔަސް އެ ގަޑިއަކަށް އަންނަން ޖެހޭނެ ކަމަށް ބުނެ، ނައިސްފިކަމަށް ވަނީނަމަ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދެއްކުމާއި، ހާޒިރުވާން އޮންނަ ދުވަހުގެ އެ ގަޑީގައި ރަސްމީ މަސައްކަތެއްގައި އުޅޭނެތީ ހަމަ އެދުވަހުގެ އެގަޑިއަށް ވުރެ ފަސް ގަޑިއެއް ހަމަޖައްސައިދިނުމަށް އެދުމުންވެސް އުފުރުސަތު ނުދީ ނަފްސާނީ ގޮތުން ފުލުހުންނަށް އެތަކެއް އަނިޔާއެއް ދީފައިވެއެވެ. މިކަންކަން ފުލުހުންގެ ވަކީލުން އެކި އެކި ފަހަރުމަތިން އިންޓަވިއުގެ ތެރެއިން ރެކޯޑިންގް ގައި ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ އިންޓަނޭޝަލް ބެސްޓް ޕްރެކްޓިސްގައި ބިޑި ބޭނުން ކުރެވޭ ހާލަތްތަކާއި، ބާރުގެ ބޭނުންކުރެވޭ ލެވެލްތަކާއި، އެ ބާރުތަކަކީ ކޮބައިކަމާއި، އިންޓަވިއުގައި ޓޯޗަރ ކުރިކަމަށް އިންޓަވިއުގެ ތެރެއިންނާއި އިންޓަވިއު ނިމުމުން ފުލުހުންގެ ވަކީލުން ހިއުމަން ރައިޓްސް ކޮމިޝަންގައި ފާހަގަކޮށްފައިވުމަކީ، އެ ފަރާތްތަކާއި މެދު ޒާތީ ތަޢައްސުބެއް އުފެދި ފިޔަވަޅު އަޅާފާނެ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ޕީޖީން ވަކީލުންނަށް ފިޔަވަޅު އެޅުމަށް ފިނުވާފައިވީއިރު، ވަކީލުން އެތަނަށް ހާޒިރުވީ އެމީހުންގެ އަމިއްލަ ހައިސިއްޔަތަކުން ނޫނެވެ. ހާޒިރުވެފައިވަނީ ވަޒީފާގެ ޒިންމާ އަދާ ކުރުމުގެ ތެރެއިން ޖަވާބުދާރީވާން ޖެހުމުން ފުލުހުންގެ އިންތިޒާމުތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ އެ ވަކީލުން ވަޒީފާ އަދާ ކުރާ އޮފީހުގެ ފަރާތުން ފޮނުވުމުންނެވެ. އަދި، މި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނުން ތުހުމަތު ކުރެވޭ ފުލުހުން ހާޒިރު ކުރުމާއި މި ނޫންވެސް މިފަދަ ކަންތައްތަކުގައި މުއާމަލާތްކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާކަން ފާހަގަކޮށްލަމެވެ. އަދި ފުލުހުންގެ ވަޒީފާއާއި ގުޅިގެން ހިނގާ މިފަދަ ކަންތައްތަކުގައި މީގެ ކުރިންވެސް މުސްތަޤިއްލު މުޢައްސަސާތަކަށް ހާޒިރުވަނީ ފުލުހުންގެ ވަކީލުން ފުލުހުންގެ ފަރާތުން ފޮނުވައިގެންނެވެ. މި މައްސަލައިގައި ޕީޖީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުން އަމަލު ކުރި ގޮތަކީ، ތަފާތު ގޮތެއްކަން ފާހަގަ ކުރެވެއެވެ.

މައްސަލައިގައި ގިނައީ ސުވާލު އުފެދޭ ކަންކަން

މި މައްސަލައިގައި ޕީޖީން ދައުވާ ކުރަން ނިންމާފައިވާ އިރު ޕީޖީ އޮފީހުން ހެކި ހުރި މިންވަރު ވަޒަންކޮށްފައިވަނީ އެންމެ ރަނގަޅަށްތޯ ސުވާލު އުފެދެއެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ތަހުގީގެއްގައި ޓޯޗަރގެ އަމަލެއް ކުރެވިދާނެތޯ، ޖިނާއީ އިޖުރާތުގެ ޤާނޫނާއި ހިލާފަށް، ބައެއް ކަހަލަ ހައްޤުތައް ނުދީ، ނުވަތަ ހަނިކުރުމަށްފަހު ބަޔާން ނެގިދާނެތޯ ސުވާލު އުފެދެއެވެ. އަދި، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ހިންގާ ތަހިގީގެއްގައި އިންސާނީ ހައްގުތަކަށް އަރައިގަނެ، ބައެއް ހައްގުތަށް ހިފަހައްޓާފައިވާ މައްސަލަ ހުށަހަޅާ އެ މައްސަލަ ބަލާނީ ކޮންތަނަކުންތޯވެސް ސުވާލު އުފެދެއެވެ. ހަމައެހެންމެ، ކޭމްޕްގައި ދިޔަ "ސީނިއަރ އޮފިސަރުން" ނުހިމެނި އެހެން ހުރިހާ އޮފިސަރުންނަށް ދައުވާ ކުރާނެ ހަމައަކީ ކޮބައިތޯވެސް ސުވާލު އުފެދެއެވެ. ސަބަބަކީ ވަކި ކަމެއް ވަކި މީހަކު ކުރިކަމަކަށް މައްސަލައިގެ ތަހުގީގު ފުރިހަމަވިކަމަށް ބުނާއިރު އެނގެން ނެތުމާއި، އެންމެން ބައިވެރިވިކަމަށް އެންމެނަށް ތުހުމަތު ކުރެވޭ އިރު، ދޯނީގައި އަނިޔާ ކުރިކަމަށް ބުނާއިރު، އެ ދޯނީގައި ދައުވާ ކުރާ 13 ފުލުހުންގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ ފަރާތްތަކާއި، ފުލުހުންގެ ސީނިއަރ ބޭކަލުންވެސް ތިބެމެ އެފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރަނީ ކޮން ހަމައަކުންތޯ ސުވާލު އުފެދެއެވެ. އަދި ހަމައެހެންމެ، ވަޒީފާގެ ޒިންމާ އަދާ ކުރުމުގެ ތެރެއިން ޖަވާބުދާރީ ވާން ޖެހޭ ކަމެއްގައި، ވަކިވަކި ފަރުދުންނަށް އެންގުމަކާއި ނުލައި ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް މުއާމަލާތް ކުރި މައްސަލައެއްގައި، ފުލުހުންގެ ވަކީލުން މުއައްސަސާގެ ތެރެއިން ހަމަ ޖައްސައިގެން ފޮނުވާފައިވާއިރު، އަދި މީގެ ކުރިން ކޮމިޝަންތައް އުފެދުނީއްސުރެ، އަމަލު ކުރަމުންދާ ފަދައިން އަމަލުކޮށްފައިވާއިރު، މި މައްސަލައިގައި ވަކީލުންނަށް ފިޔަވަޅު އަޅަން ފޮނުވީ ކޮން ހަމައަކުންތޯވެސް ސުވާލު އުފެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

5 Responses

  1. ހިއުމަން ރައިޓްސް ކޮމިޝަނޭ ކިޔާތަނެއް އޮންނަކަން ބަޔަކަށް އަންގަން ކުރިކަމަކާ ވައްތަރީ.

  2. ހައްގުގެ ވާހަކަ ދައްކާމީހުންގެ ހާލަކީތީ. ފުލުހުން އިންސާނުންގެ ތެރޭގަ ނުހިމެނެނީ ތޯ؟ ފޮތެއް އޮތަކަސް އެދުރެތް ނުވާނެ. ތަހުޤީގު ކުރަން ދަސްކޮށްގެން ތަހުޤީގު ކުރޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *