ގިނަ އަދަދެއްގެ ކަންނެލި ދޯނިފަހަރާއެކު މަސްވެރިންގެ ބޮޑު އެއްވުމެއް މަސްވެރިންގެ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އިރުވަރު ނޫހަށް މައުލޫމާތުދެމުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު ވިދާޅުވީ، މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ މަސްވެރިންގެ ދުވަހު މަސްވެރިންގެ ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ މި އެއްވުމަކީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި މަސްވެރިންގެ ޝުއޫރު ފާޅުކުރުމަށް ބާއްވާ އެއްވުމެއް ކަމަށެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ދައުވަތު އަރުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ބޮޑުކަންނެލި ޔޫނިއަންއިން އިސްނަގައިގެން ބާއްވާ މި އެއްވުން އޮންނާނީ ރާއްޖޭގެ މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު 10 ވަނަ ދުވަހު ހެނދުނު މާލެ ކައިރީ ކަނޑުމަތީގައެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުވެސް ވަނީ ބޮޑު ހަރަކާތެއް ބާއްވާފައެވެ. ގިނަ އަދަދެއްގެ ކަންނެލި ދޯނިފަހަރު ބައިވެރިވެގެން ކަނޑުމަތީގައި ބޭއްވި މި ހަރަކާތަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދޯނި އެއްވެ ބޭއްވި އެންމެ ބޮޑު އިވެންޓެވެ.