Ad

ޖަލުގައި ރިސާޗް ކުރުމުގެ ހައްޤު ޤައިދީންނަށް ލިބެންއެބަޖެހޭ: ރައީސް ޔާމީން

ޤައިދީންނާއި ބަންދުގެ މީހުންނަށް ޖަލުގައި ރިސާޗް ކުރުމުގެ ހައްޤު ލިބެންއެބަޖެހޭ ކަމަށް ދާދި ފަހުން ޖަލުބަންދުން މިނިވަންވެވަޑައިގަތް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު މިނިވަންވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް ބޭއްވި "މަރުހަބާ ރައީސް ޔާމީނު" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ދުނިޔޭގެ ތަހުޒީބުގެ ޤައުމުތަކުގައި ރިސާޗް ކުރުމުގެ ފުރުޞަތު ޤައިދީންނަށް ލިބޭކަމަށެވެ. ދެން އެމަނިކުފާނަށް ވެރިކަން ލިބިއްޖެނަމަ އެ ފުރުޞަތު ޤައިދީންނަށް ދޭނެފަދަ މޭރުމަކުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

"އަޅުގަނޑުވެސް އެބަ ކިޔަން ބޭރުގެ ކިތަންމެ ފޮތެއްވެސް. އެންމެ ތަހުޒީބީ ޤައުމުތަކުގައި ރިސާޗް ކުރުމުގެ ފުރުޞަތު ޤައިދީންނަށް ލިބޭ. މަރުގެ ހުކުމް ތަންފީޒް ވަމުންދާ މީހުންނަށްވެސް ރިސާޗް ކުރުމުގެ ފުރުޞަތު އެބަ ލިބޭ. ކީއްވެގެންތޯ އަޅުގަނޑުގެ މައްސަލަތަކާ ގުޅުން ހުރިހެން ވީހާ ކަހަލަ މައްސަލަތައް ރިސާޗް ކުރުމުގެ ފުރުޞަތު ނުލިބެންވީ. އަޅުގަނޑު އަޅުގަނޑުގެ ލޯޔަރުންނަށް ބަރޯސާވަން، އިތުބާރު ކުރަން. ހަޤީޤަތުގައި އަޅުގަނޑުގެ ނަފްސް ދެއްތޯ މިއުޅެނީ ކަތިލެވިގެން. ހަމަ އަޅުގަނޑު ބޭނުންވާނެ އަޅުގަނޑަށް ލިބޭ އިލްމެއްގެ އަލީގައި ރިސާޗްކޮށްގެން ވަކާލާތު ކުރަންވެސް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ މީހަކު ޖަލަށް ލައިފިނަމަ އޭނާގެ މައްޗަށް ކުރި ހުކުމަށް ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި އޭނާގެ ލޯޔަރުން ނޫންކަމަށާއި އަމިއްލައަށް ތެދުވެ ތިމަންނާއަކީ ކުއްވެރިއެއް ނޫނޭ ބުނަން ކެރެންވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުށުގެ ތުހުމަތަކަށް މީހަކު އައިއްސިކަމަށް ވަންޏާ އަދި ޚާއްޞަކޮށް ރައީސްކަން ކޮށްފައިހުރި މީހަކު، ރައްޔިތުންގެ އިތުބާރު ލިބިފައިހުރި މީހަކު ޖަލަށް އައިއްސިކަމަށް ވަންޏާ އޭނައަށް ކުރާ ހުކުމަށް ޖަވާބުދާނީވާންވާނީ ހަމައެކަނި ލޯޔަރުންނެއް ނޫން. އޭނައަށް ކެރެންވާނެ ތެދުވެބުނަން ތިމަންނާއަކީ ކުއްވެރިއެއް ނޫނޭ. ތިމަންނަ ކުށްވެރި ނުވަނީ މިވެނި ސަބަބު ތަކާ ހެދިއޭ. ހުކުމެއް ކުރާއިރަށް އަނބުރާގަނެގެއް ވެއްޓުމެއް ނޫން ލީޑަރުންގެ ސިފައަކަށް ވާންވާނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *