ލ. ގަމު ފަޅުގައި އޮތް ޕޮލިސް ލޯންޗެއް ރޯކޮށްލިކަމުގެ ތުހުމަތުގައި ދައުލަތުން ދަޢުވާކުރި ދެ މީހެއްގެ ޝަރީޢަތުގެ އަޑުއެހުމުގައި އިޖުރާޢީ ބޮޑެތި ގޯސްތަކެއް ފާހަގަވެފައިވާކަމަށް ދިފާޢީ ވަކީލު ވިދާޅުވެއްޖެއެވެ.
ދައުލަތުން އެ ދެމީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯ އެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ. މި އަޑުއެހުމަކީ އިބްތިދާޢީ އަޑުއެހުމެއްކަމުން، މިއަޑުއެހުމުގައި އޮތީ ދެފަރާތުން ހުށަހަޅާފައިވާ ޝަރީޢަތުގެ ކުރީގެ ހުށަހެޅުމަށް ބަހުސް ކުރުމެވެ.
ދައުލަތުން ހުށަހެޅީ، ދައުލަތުން ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އިންޓެލިޖެންސް ރިޕޯޓު ސިއްރުކޮށްދިނުމަށެވެ. ސަބަބުވެސް ދައުލަތުގެ ވަކީލުން ސާފުކޮށްދިނެވެ. ޖަވާބުގައި ދިފާޢީ ވަކީލު ޝަޒީމު ވަޙީދު ބުނެފައިވަނީ ވަކި ޝަރުޠުތަކެއްކޮށްފައި، ކޯޓުގައި އިންޓެލިޖެންސް ރިޕޯޓުގައި ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދިނުމަށެވެ. ދައުލަތުންވެސް އެގޮތަށް އިޢުތިރާޒެއްކޮށްފައިނުވެއެވެ.
ދިފާޢުން ހުށަހެޅި ޝަރީޢަތުގެ ކުރީގެ ހުށަހެޅުމުގައި، ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޤާނޫނު އަސާސީގެ 52 ވަނަ މާއްދާއާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނާއި ޚިލާފަށް ހޯދުނު ހެކީގެ މައްޗަށް ކަމުގައި ދިފާޢީ ވަކީލުންވަނީ ބުނެފައެވެ. ދަޢުވާލިބޭ ދެ ފަރާތުގެ މައްޗަށް ދަޢުވާކުރެވިފައިވަނީވެސް ތުހުމަތުނުކުރެވޭ ކުށެއްގެ މައްޗަށްކަމުގައި ދިފާޢީ ވަކީލުންކަމުގައިވާ އިބްރާހީމް ޒާހިދު އަދި ޝަޒީމް ވަޙީދު ވަނީ ވިދާޅުވެފައެވެ. ޖަވާބުގައި ދައުލަތުން ބުނީ، ދަޢުވާއަކީ ޞައްޙަ އިޖުރާއާތެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމަށާއި، ހެކި ހޯދައި ނަޤުލުކޮށްފައިވަނީވެސް ރަނގަޅަށްކަމަށެވެ.
ދިފާޢީން ވަކީލު ޝަޒީމް ވަޙީދު ވިދާޅުވީ، ދަޢުވާލިބޭ ފަރާތްތަށް ޙައްޔަރުކޮށްފައިވަނީ ލ. ގަމު ފަޅުގައި އޮތް ޕޮލިސް ލޯންޗެއް ރޯކޮށްލިކަމުގެ ތުހުމަތުގައި ކަމަށެވެ. ދައުލަތުން، ކޮށްފައިވާ ދަޢުވާއަކީވެސް ލޯންޗް ރޯކޮށްލި މައްސަލާގައި ހޯދި ހެކީގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމަށް ޝަޒީމް ވިދާޅުވިއެވެ. އެހެން ނަމަވެސް، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، އެޤާނޫނަށް އިޞްލާޙުތަކެއް ގެނެސްފައިވާކަމަށާއި، ދައުވާލިބޭ ފަރާތްތަކުގެ މައްޗަށް ދައުލަތުން ކުރިމިނަލް ކޯޓުގައި ހުށަހަޅާފައިވާ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯ އެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއަކީ، ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަށް އިތުރުކުރެވުނު ކުށްތަކުގެ ތެރެއިން، 5 ވަނައަށް ހިމެނޭ ކުށުގެ މައްޗަށް ކުރެވުނު ދަޢުވާއެއްކަމާއި، އެދަޢުވާގައި މައިގަނޑު ހެއްކަކަށް ދައުލަތުން ހުށަހަޅާފައިވާ މޮބައިލް ފޮރެންސިކް ރިޕޯޓުތަކާއި، ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓުތަކަކީ ޤާނޫނާއި ޚިލާފަށް ހޯދި ހެއްކަށްވާތީ، ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ހެކި ބަލައި ނުގަނެވޭނެކަމަށް ޝަޒީމް ފާހަގަކުރެއްވި އެވެ.
ސަބަބެއްކަމުގައި ދިފާޢީ ވަކީލުން ވިދާޅުވެފައިވަނީ، ހެކި ހޯދުމަށްޓަކައި ފުލުހުން އެދިގެން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރުތަކުގައި ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބަޔާންކުރާ ކުށް ހިމަނާފައިނުވާތީ، އެއަމުރުތަކުގެ ދަށުން ހޯދި ހެއްކަކީ ދަޢުވާގެ ބޭނުމަށްޓަކައި ޤާނޫނާއި ޚިލާފަށް ހޯދި ހެކި ކަމުގައި ބަލަންޖެހޭކަމަށާއި، އެހެއްކަކީ ކުރިމިނަލް ކޯޓުގައި ހިންގަމުންދާ ދަޢުވާގެ ޝަރީޢަތަށް ބަލައިނުގަނެވޭނެ ހެކިކަމަށެވެ. ތަފްޞީލެއްގެ ގޮތުން ދިފާޢީ ވަކީލު ވިދާޅުވެފަވަނީ، ހެކި ހޯދަންޖެހޭނީ ޞައްޙަ އިޖުރާއާތުގެ ދަށުން ކަމަށާއި، ހެކި ހޯދުމަށްޓަކައި ނެރޭ ވޮރެންޓްތަކުގައި ތުހުމަތުކުރެވޭ ކުށް ހިމަނަންޖެހޭނެއެވެ.
ދައުލަތުގެ ވަކީލުން ޚުލާޞާ ގޮތެއްގައި ވިދާޅުވީ، ހެކި ހޯދާފައިވަނީ އަމުރެއް އޮވެގެންކަމާއި، އެއީ ޞައްޙަ އިޖުރާއާތެއްގެ މަތިން ހޯދުނު ހެކިކަމަށެވެ.
މައްސަލަ ބައްލަވާ ޤާޟީ ޞޮޕްވަތު ޙަބީބު ވަނީ ދެން އޮންނަ މަޖިލިހެއްގައި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތެއް ނިންމަވާނެކަމުގައި ވިދާޅުވެ، އަޑުއެހުން ނިންމަވާލައްވާފައެވެ.