Ad

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު، ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި

37 އަހަރުގެ ޚިދުމަތަށް ފަހު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު އާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ ސިޓީފުޅާއި އަދި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ ރިޓަޔަރމަންޓްގެ ރަމްޒީ ކާރޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންނާއި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ ޢާއިލާގެ ބޭފުޅުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1984 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ.  މިވީ ދިގު މުއްދަތުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ. ކޯސްޓްގާޑުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ފުރުއްވި މަޤާމުތަކުގެ ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ އިތުރުން ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަޤާމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ކުރިއެރުވުމުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ކޯސްޓްގާޑްގައި ފުރުއްވި މަޤާމުތަކުގެ އިތުރުން ސިފައިންގެ އެކިއެކި ދާއިރާތަކުގައި ފުރުއްވި އެހެނިހެން މަޤާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި، ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއަރމަންކަމާއި، ޓްރެއިނިންގެ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަން ހިމެނެއެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި އިރު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ހުންނެވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

ސިފައިންގެ ޚިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިޚްލާސްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 11 ކުލަ ވަނީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް ލިބިލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *