Ad

މިއަހަރު މިހާތަނަށް 50 ހާސް ޓަނަށްވުރެ ގިނަ މަސް މިފްކޯއިން ގެނެފި: ރައީސުލްޖުމްހޫރިއްޔާ

މިއަހަރު މިހާތަނަށް 50 ހާސް މެޓްރިކްޓަނަށްވުރެ ގިނަ މަސް މިފްކޯއިން ގެނެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ  މިހެން ވިދާޅުވީ ރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ޖުމްލަ 775 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށާއި މިއީ އަތުން އަތަށް، ސީދާ މަސްވެރިންނަށް މިފްކޯއިން ދީފައިވާ ޢަދަދު ކަމަށެވެ. އަދި މިއީ މި ފާއިތުވީ 15 އަހަރު ތެރޭގައި އެންމެ ގިނައިން މިފްކޯއަށް މަސް ގަނެފައިވާ އަހަރު ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ހުރި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާއިރު، ވަގުތީ ޙައްލުތަކެއްވެސް ގެނެވިއްޖެ. މިފްކޯއަށް މަސް ގަތުމުގެ ކެޕޭސިޓީ މިހާރު ވަނީ އިތުރުކުރެވިފައި. ދުވާލަކު 100 ޓަނު މަސް ފިނިކުރެވޭ. އަދި 300 ޓަނު މަސް ސްޓޯރ ކުރެވޭ ބޯޓެއް، މުޅިން އަލަށް ހޯދައި، ވަނީ ޚިދުމަތަށް ނެރެން ތައްޔާރުވެފައި. އަދި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާރ ކެރިއަރެއް ގަނެ، މިފްކޯއިން ވަނީ ދާދިފަހުން ރާއްޖެ ގެނެސްފައި. ނިމެންމިދާ 2021 ވަނަ އަހަރަކީ، ރެކޯޑް ޢަދަދަކަށް މިފްކޯއަށް މަސް ކިރާފައިވާ އަހަރަކަށް ވެގެންދާނެ. މިއަހަރުގެ މިހާތަނަށް 50,000 މެޓްރިކް ޓަނަށްވުރެ ގިނަ މަސް މިފްކޯއަށް ވަނީ ކިރާފައި." ރައީސް ސޯލިހު ވިދާޅުވިއެވެ.

މި އަހަރުގެ ތިންވަނަ ކުއަރޓަރގެ ނިޔަލަށް، މަހުގެ އެކްސްޕޯޓް ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މިއީ 2020 ވަނަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، ތިރީސް ހަތެއް ޕޮއިންޓް ނުވައެއްގެ އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

"އޮއިވާލި ކަނދުފަތި ވުޖޫދުވީ ހިސާބުން ފެށިގެން ރާއްޖޭގައި މިހާތަނަށް އެޅިފައި ވަނީ 56 ކަނދުފަތި. 56 ކަނދުފަތީގެ މި ވިއުގައަށް 30 އިތުރުކޮށް، ޖުމްލަ 86 އޮއިވާލި ކަނދުފަތިން މަސްކަނޑުތައް ގަތާލައި ގުޅާލުމަކީ، އަޅުގަނޑުމެންގެ އަމާޒު. މި މަސައްކަތް އިރާދަކުރެއްވިއްޔާ، އަންނަ އަހަރު ފެށޭނެ. މީގެ އިތުރުން، ދެމެހެއްޓެނިވި މަސްވެރި ދިވެހިރާއްޖެއަކަށް، ވިސްނުން ހިޖުރަ ކުރަން އެބަޖެހޭ. ކުރެވެން ހުރި ކަންކަމާއި، އެކުވި-އަގުގެ އުފެއްދުންތައް ފުޅާކުރެވޭނެ ގޮތްތައް ދެނެގަތުން މުހިންމު. މަސްވެރިކަން، އިތުރު އާ މާކެޓްތަކަށް އުފުލައިލާ، ހުޅުވައިލުމުގެ ފުރުޞަތުތައް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކޮށްފައިވަނީ ކ. ގާފަރުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *