Ad

ދެފެން ދޭތެރޭގައި އޮތް މަސް ކުންފުނި ފެނަށް ތިލަކޮށްލުމުގައި ސީއީއޯގެ މުހިއްމު ދަޢުރު

ފައުޒީ ވިދާޅުވަނީ ޔޫރަޕްގެ ބޮޑެތި އާ މާކެޓްތަކަށް މިފްކޯއަށް ވަދެވިއްޖެ ކަމަށް

އުޅަނދު ފަހަރު ދަބަރަށްވެ، ބަރުހެލިވެފައެވެ. އައިސްޕްލާންޓައް މަރާމާތުކުރަން ޖެހިފައެވެ. މާލީ ހާލަތު ދަށްވެ ކުންފުނި އޮތީ ދެފެން ދޭތެރޭގައެވެ. އެތަށް މިލިޔަން ރުފިޔާއަކުން ކުންފުނި އޮތީ މަސްވެރިންނަށް ދަރައެވެ. މިއީ އިސްމާޢީލް ފައުޒީ މިފްކޯގެ ސީއީއޯ ކަމާ ހަވާލުވެވަޑައިގެންނެވިއިރު އެކުންފުނީގެ ހާލަތު ކުރު ގޮތަކަށެވެ.

އިސްމާއީލް ފައުޒީ، ގާފަރު އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިންގެ ޒަމާންވީ މަސްކުންފުނީގެ އެނގިވަޑައިގަތުމުން، ފައުޒީގެ ފުރަތަމަ އަމާޒަކަށް ހެއްދެވީ ކުންފުނި ގެނބިގެން ދިއުމުގެ ކުރިން ސަލާމަތީ ވަރުގަދަ އަދި އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށެވެ. އެއީ މަސްވެރިންގެ އުންމީދުތަކާއި މުޅި ދިރިއުޅުމާ ގުޅިފައިވާ މުހިއްމު ކުންފުންޏަކަށް މިފްކޯ ވީތީއެވެ. އެކަން ހާސިލްކުރެއްވުމަށް ކުރެއްވި ދަތުރުގެ ވާހަކަތައް އިރުވަރު ނޫހަށް ފައުޒީ ވިދާޅުވިދެއްވިއެވެ؛

"އަޅުގަނޑުމެން އައިއިރު މިފްކޯގެ ވަސީލަތްތައް އޭގެ މަރާމާތަށް ވަރަށް ބޮޑަށް ބޭނުންވެފަ ހުރީ. ފާއިތުވި ތިން އަހަރު، މިއަހަރު ހިމެނޭ ގޮތަށް، މަސައްކަތުން ޚާއްސަކޮށް މިފްކޯގެ މި ދަތުރަކީ ވަރަށް ތާރީޚީ ދަތުރެއް. ކުންފުނީގެ ކޭޝް ފްލޯ ތަން ނުދޭތީ، އަމާޒު ހިފީ މިފްކޯގަ ހުރި ވަސީލަތްތަކުގެ ބޭނުން ހިފަން. އެގޮތުން ހުރި ހުރިހާ ބޯޓު ފަހަރު ޑޮކްކޮށް، ބޭނުންވާ މަރާމާތުތައްކޮށް، ކަލެކްޝަން އިތުރު ކުރެވުނު. މަސްވެރިން އަތުން ގަންނަ މަހުގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ އައިސް ޕްލާންޓްތަކުގެ މަރާމާތުތައް ވެސް ކުރަން ޖެހުނު. ވަރަށް ގިނަ ސްޕެއާ ވެސް ގަންނަން ޖެހުނު. މިކަންކަމަށް މާލީ ދަތިކަން." ފައުޒީ ވިދާޅުވިއެވެ.

މިފްކޯގެ ބޯޓެއް މަރާމާތު ކުރަމުންދާއިރު މަސައްކަތް ކުރިއަށްދާގޮތް ފައުޒީ ބައްލަވާލައްވަނީ: ފޮޓޯ: މިފްކޯ

ރިހޭފައި މައްޗަށް ވެއްޓުނީ ފޮއެވެ. ކުންފުނީގެ ވަސީލަތްތައް ރަނގަޅުކޮށް ފުޅާކޮށް، މާލީ ދަތިކަމުން އަރައިގަތުމަށް އަމާޒު ހިފާފައިވާ ވަގުތެއްގައި ކޮވިޑް ބަލީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވެއްޓި، ނުތަނަވަސްކަން އޭގެ އިންތިހާއަށް ދިޔައެވެ. ރާއްޖެގެ މަސްވެރިކަން ރަނގަޅުވުމުން، މަސްވެރިން ބާނާ މަސް ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ގަންނަން ޖެހުނެވެ. އެއީ ފައުޒީގެ ޑައިރީގައި ކަޅު އަކުރުން ފަވާލެވިފައިވާ ތަޖުރިބާއެކެވެ.

"ދެހާސް ވިހި ވަނަ އަހަރު ކޮވިޑްގެ ޕެންޑަމިކާ ކުރިމަތިލީއިރު، އަޅުގަނޑުމެން މަސް ބޭރުކުރާ މާކެޓްތަކުގެ ކޭނަރީތަކުގެ އުފެއްދުންތައް ބޮޑުތަނުން ދަށްވެ، މަސް އެކްސްޕޯޓު ނުކުރެވިދާނެކަމުގެ ބިރު އަޅުގަނޑުމެންނަށް ހީވި. ކުންފުނީގެ ސްޓޯރޭޓްތައް ފުރި، މަސްވެރިން ބާނާ މަސް ނުކިރުވިދާނެ ކަމުގެ ނުތަވަސްކަން ވަރަށް ބޮޑުވި. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، މަސްވެރިން ގެނައި ހުރިހާ މަހެއް ގަނެވުނު. އޭރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަނީ އިންތިހާއަށް ދަށަށް ގޮސް. އެހެންނަމަވެސް އެ ހާލަތުގައިވެސް، ސަރުކާރުގެ އެހީތެރިކަމާއެކީ އެކަށީގެންވާ އަގެއްގައި މަސްވެރިން އަތުން މަސްގަންނަމުން ދިޔައީ. އޭރުވެސް ހަގީގަތުގައި ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި" ފައުޒީގެ ތަޖުރިބާތައް އިރުވަރު ނޫހާ ހިއްސާކުރެއްވިއެވެ.

ދެފެން ދޭތެރޭގައި އޮވެ އަޑިޔަށް މިސްރާބު ޖެހި ކުންފުނީގެ ހާލަތު މިހާރު ބަދަލުވާން ފަށައިފިއެވެ. ފައުޒީ ތަފްސީލް ދެއްވިއެވެ؛

"ފާއިތުވި ތިން އަހަރު މަސްވެރިން އަތުން އަޅުގަނޑުމެން ރެކޯޑު މިންވަރަކަށް މަސް ގަނެ އެކްސްޕޯޓް ކުރެވިއްޖެ. އަޅުގަނޑުމެން ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހި ނުދެވި އޮތް 39 މިލިއަން ރުފިޔާ ދައްކާ ހަލާސްކުރެވިއްޖެ. އަޅުގަނޑުމެންގެ ޔޫރަޕުގެ އިތުރު މާކެޓްތަކަށް އަޅުގަނޑުމެންނަށް ވާސިލް ވެވިއްޖެ. ބޮޑު މާކެޓަކަށް އަޅުގަނޑުމެންގެ އަމިއްލަ ބްރޭންޑެއް މި ޑިސެމްބަރު މަހު ތަޢާރަފު ކުރާނަން. މިއީ ވަރަށް ބޮޑު ކުރިއެރުމެއް. މީގެ ކުރިން މަސް ބޭރުކުރާ މައިގަނޑު މާކެޓަކީ ތައިލެންޑް. މިހާރު އެކަން ބަދަލުކުރުމަށް ދުނިޔޭގެ ބާޒާރުގައި މަހުގެ ބޮޑެތި ބްރޭންޑްތަކާ ވެސް މިދަނީ ވާހަކަ ދައްކަމުން. އެކަމުގައި ފާހަގަ ކުރެވޭ ކުރިއެރުންތައް ވެސް ހުރީ ލިބިފަ. މިފްކޯގެ މުވައްޒަފުންގެ މިންނެއް މަސައްކަތްތަކުން މަސްވެރިންނަށް އޮތީ އުފާވެރި ދުވަސްތަކެއް. އެޔަގީންކަން އަޅުގަނޑު ދިވެހި މަސްވެރިންނަށްދެން." މަސްވެރިންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ސީއީއޯ ވިދާޅުވިއެވެ.

މިފްކޯއިން ގަތް ކެރިއަރު ބޯޓު" ޖަޒީރާ ރީފާ’، އެކުންފުނިން ގަންނަ މަސް މި ބޯޓުގައި ބޭރުކުރަން ފެށުމުން މަހުގެ އަގު ރަނގަޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ

މަސްވެރިން ޒުވާން ވެއްޖެއެވެ. މަސް އޮޑި ފަހަރު ބޮޑެތި ވެއްޖެއެވެ. ޒަމާނީ ވެއްޖެއެވެ. މި ބަދަލުތަކާ އެއްވަރަށް މިފްކޯ ޒަމާނީ ނުކުރެވުމުގެ ނަތީޖާއަކަށް ވެފައި އޮތީ، މަސްވެރިންގެ އުންމީދުތައް ހާސިލްނުކުރެވުމެވެ. ބޭރުފުށުން ބަލާލަން ރީތި ނަމަވެސް ކުންފުނީގެ އެތެރެވަނީ ދަބަރު ހިލި ބަރުހެލިވެފައެވެ. ހިންގުމުގެ ނިޒާމު އޮތީ މުސްކުޅިވެ، ހަރަކާތްތައް ލަސްވެފައެވެ. ސިއީއޯގެ ގޮނޑީގައި އިށީނދެ ވަޑައިގެން މިކަންކަމުގެ ހަގީގަތްތައް ކަރުދާހަށް ނަންގަވައި، އަމާޒުތައް ވެސް އިސްކަންދެއްވާ ތަރުތީބުން ލިއުއްވައި ބަދަލަކަށް މަސައްކަތް ފެއްޓެވިއެވެ.

ވިދާޅުވިއެވެ؛ "އަޅުގަނޑު ފުރަތަމަ ބެލީ މިފްކޯގެ ހުރިހާ ވަސީލަތްތަކެއް އެއް ވިއުގައަކުން ގުޅާލުމަށް. އޭރުން އިންސާނީ ވަސީލަތްތަކާއި މާލީ ކަންކަމާއި ހިންގުމުގެ ކަންކަމުގައި ވެސް ފަސޭހަ ވެގެންދާނެތީ. ދެން އަޅުގަނޑު ބެލީ މަސްކިރުމުގެ ނިޒާމު ޒަމާނީކުރުމަށް. ފާއިތުވި 45 ވަރަކަށް އަހަރުގެ ތެރޭގައި މަސްކިރުމުގެ ކަންކަން ކުރީ މެނުއަލްކޮށް ބިލު ހަދައިގެން. އިރާދަކުރެވިއްޔާ ލަހެއް ނުވެ، މަސްކިރުމުގެ ނިޒާމު މަސްވެރިންގެ ސްމާޓް ފޯނުތަކާ ހަމައަށް ގެންގޮސްދޭނަން. މަސްކިރުމުގެ ކަންކަމުގެ އިތުރުން ކުންފުނިން މަސްވެރިންނަށް ފޯރުކޮށްދޭ އިތުރު ޚިދުމަތްތަކުގެ ތަފްސީލްވެސް ވަގުތުން ބަލާލެވޭނެ މި ނިޒާމު ގާއިމްކުރެވުނީމަ. މިއީ ރާއްޖޭގެ ޒުވާން މަސްވެރިންނާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ."

މިފްކޯއިން ގަތް މަސް ގަންނަ ބޯޓު، މިއީ ދުވާލަކު 100 ޓަނުގެ މަސް ގަނެވޭ ބޯޓެއް، މިއީ މިއަހަރު މިފްކޯއިން ގަތް 2 ވަނަ ބޯޓު

ކުންފުނި ޒަމާނީކޮށް މަސައްކަތްތައް ހަލުވި ކުރުމުގައި އިންސާނީ ވަސީލަތް ކުރިއެރުވުމާއި ދުޅަހެޔޮ ސިޔާސަތުތައް ތަންފީޒުވުން ލާޒިމެވެ؛ "އަޅުގަނޑުމެންނަށް މިކުރެވެނީ ކީއްކަން އެނގޭ މިންވަރަށް މިހާރު ހުންނާނީ ޕޮލިސީތައް ހެދިފަ. ދެން ޖެހޭނީ މުވައްޒަފުން ހާނުވާލަން. ގުޑް ގަވަނަސްގެ އުސޫލުތައް ތަންފީޒުކުރަމުން މިގެންދަނީ. މުވައްޒަފުންގެ އިންޝުއަރެންސް ސްކީމެއް، ރިޓަޔަމެންޓް ޕްލޭނެއް މިހާރު އޮންނާނެ. އެހެންވީމަ ހުރިހާ ގޮތަކުން ވެސް ކުންފުނި ދަނީ ކުރިއަށް." ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ދެކިލައްވާ ގޮތުގައި މިފްކޯއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުމަކީ ވެސް ކުލަގަދަ ހުވަފެނެކެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި މިފްކޯގެ ވަސީލަތްތައް އޮޓޮމޭޓްކޮށް، ބިދޭސީ މުވައްޒަފުން މަދުކޮށް ދިވެހި މުވައްޒަފުންނަށް ބޮޑު މުސާރަ ދޭން ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ އެކުންފުނީގެ މުވައްޒަފުންނާއެކު، ފައުޒީ އަކީ މުވައްޒަފުންނާ ރަހުމަތްތެރި މާހައުލެއްގައި މަސައްކަތް ކުރަން ދަންނަ ވެރިއެއް ކަމަށް އެކުންފުނީގެ މުވައްޒަފުން ބުނޭ

 

މިފްކޯއާމެދު މަސްވެރިންގެ ޝަކުވާ އަބަދުވެސް އޮވެއެވެ. ފައުޒީ ވިދާޅުވި ގޮތުގައި މިފްކޯއަކީ މަސްވެރިންގެ ކުންފުންޏެއް ކަމުން ޝަކުވާކޮށްގެން ކަންކަން ރަނގަޅުކުރުމުގެ ހައްގު އަބަދުވެސް މަސްވެރިންނަށް އޮންނާނެއެވެ؛

"އަޅުގަނޑުމެން އަބަދުވެސް މަސްވެރިންނާ ގުޅިގެން މަސައްކަތްކުރާނީ. މަސްވެރިންގެ އިތުބާރު ގާއިމްކޮށް މިފްކޯއަކީ ހަގީގަތުގައިވެސް މަސްވެރިންގެ ކުންފުންޏެއްކަން އެމީހުންނަށް އިހްސާސް ކުރެވޭ މިންވަރަށް ކަންކަން ތަރުތީބުކޮށް ކުރިއެރުވޭތޯ ހުރިހާ މަސައްކަތެއް ވެސް މިކުރަނީ. އިރާދަ ކުރެއްވިއްޔާ އެ ލަނޑުދަނޑިވެސް ހާސިލްވާނެ. ރާއްޖޭގެ އުތުރާއި ދެކުނުގައި މަސް ގަނެ ރައްކާ ކުރެވޭ ނިޒާމު ހަރުދަނާކޮށް، މަސް ގެނެވޭ މިންވަރާއި މަސް ޕްރޮސެސް ކުރެވޭ މިންވަރު ވަރަށް އަވަހަށް ފުޅާކުރެވޭނެ،" ފައުޒީ ވިދާޅުވިއެވެ.

މީގެއިތުރުން މިފްކޯ ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު މިހާރު ވަނީ ފަށާފައެވެ. މިމަޝްރޫޢުގެ ދަށުން ކޫއްޑޫއާއި ފެލިވަރު ތަރައްޤީކޮށް ނިމޭއިރު މަސްވެރިންގެ އަތުން މަސް ގަންނަ މިންވަރު އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *